Aniyaaveri amalun alhugandu bareeavegenvaa kan Allah dhenevodigenvey : Shaheem
image
ޑރ. ޝަހީމް އަލީ ސައީދު -- ފޮޓޯ: ރައީސް އޮފީސް
މާއިދާ މުހައްމަދު ރަޝާދު
2 ކޮމެންޓް
 

އަނިޔާވެރި އަމަލުން އަޅުގަނޑު ބަރީއަވެގެންވާކަން ﷲ ދެނެވޮޑިގެންވޭ: ޝަހީމް

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުން ކަހަލަ އަނިޔާވެރި އަމަލުތަކުގައި އޭނާ ބައިވެރިވެފައި ނުވާކަން މާތްﷲ ދެނެވޮޑިގެންވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަން މިހާރު ކުރައްވަމުން ގެންދަވާ ޑރ. ޝަހީމް ވިހެން ވިދާޅުވެފައި މިވަނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނަށް ޑރ. ޝަހީމް ހިއްސާކުރައްވާފައި ވަނީ ދޮގު މައުލޫމާތުތަކެއް ކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވަނިކޮށެވެ.

ޑރ. ޝަހީމް ވިދާޅުވީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ، މައުސޫމް މީހުންނާ ގުޅުވަން ކުރާ މަސައްކަތްތަކަކީ ހަގީގީ ގާތިލުން ފޮރުވަން ކުރާ މަސައްކަތެއް ކަމަށާއި އަނިޔާވެރި އަމަލުތަކުގައި ބައިވެރިވެފައި ނުވާކަން މާތްﷲ ދެނެވޮޑިގެންވާނެ ކަމަށެވެ.

ޝަހީމް ވިދާޅުވީ ޑރ. އަފްރާޝީމް ބައިވެރިވެވަޑައިގެންނެވި ޓީވީ ޕްރޮގްރާމާ ބެހޭ ގޮތުން މަރު ކޮމިޝަނަށް ހިއްސާކުރައްވާފައިވާނީ ތެދު މައުލޫމާތު ކަމަށެވެ. އަދި އަނިޔާވެރި އަމަލުތަކުން އޭނާ ބަރީއަވެގެންވާކަން މާތްﷲ ދެނެވޮޑިގެންވާ ކަމަށްވެސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޮމިޝަންގެ ރިޕޯޓުގެ ބައެއް މަޖިލީހުގެ ތަޅުމުގައި މިއަދު އިއްވަމުން ވިދާޅުވީ، އަފްރާޝީމް އަވަހާރަކޮށްލުމުގެ ކުރިން ޑރ. ޝަހީމްގެ ފޯނަށް ލިބުނު މެސެޖެއްގައި "ޑރ. އަފްރާޝީމް ރުޖޫއަވެ މީޑިއާގައި އިއުލާނުކޮށްފިނަމަ އެ މެސެޖު ފޮނުވި ބަޔަކު ޑރ. އަފްރާޝީމް ދެކެ ލޯބިވާނެ ކަމަށް،" ބުނެފައިވާ ކަމަށެވެ.

ކޮމިޝަނުގެ ރިޕޯޓުގައި ބުނީ އެ މެސެޖު ޑރ. ޝަހީމަށް ފޮނުވި ފަރާތް ސާފުކޮށްދީފައި ނުވާ ކަމަށާއި އަދި އެކަމާ ގުޅިގެން ޝަހީމް، އެ ކޮމިޝަނަށް ހިއްސާކުރައްވާފައިވާ މައުލޫމާތަކީ ތެދު މައުލޫމާތު ނޫން ކަމަށެވެ.

އެގޮތުން ރިޕޯޓުގައި ބުނެފައިވަނީ ޑރ. ޝަހީމް މަރު ކޮމިޝަނަށް ލިޔުމުން މައުލޫމާތު ދެއްވާފައިވަނީ މިއަހަރު ޖުލައި މަހުގެ 28 ވަނަ ދުވަހު ކަމަށެވެ. ޑރ. ޝަހީމް ކޮމިޝަނަށް ފޮނުވި ލިޔުމުގައި، އެކެއް އޮކްޓޫބަރު 2012 ގައި ޑރ. އަފްރާޝީމް އިސްލާމިކް މިނިސްޓްރީއަށް ޑރ. ޝަހީމާ ބައްދަލުކުރައްވަން ވަޑައިގެންނެވީ އެއްވެސް ވަރަކަށް ޑރ. ޝަހީމް އެދިވަޑައިގެން ނޫންކަމަށް ވިދާޅުވެފައިވެ އެވެ. ނަމަވެސް ދެ ފަރާތުގެ ދެމެދުގައި ކުރެވިފައިވާ މެސެޖުތަކަށް ބަލާއިރު އެ ދުވަހުގެ މެންދުރު 1:00 ޖަހާއިރަށް އިސްލާމިކް މިނިސްޓްރީއަށް ޑރ. އަފްރާޝީމް ވަޑައިގަތުމަށް ދެންނެވީ މިނިސްޓަރު ޑރ. ޝަހީމް ކަމަށް އެނގޭ ކަމަށްވެސް ކޮމިޝަންގެ ރިޕޯޓްގައިވެ އެވެ.

މީގެއިތުރުން ޑރ. އަފްރާޝީމް ޕްރޮގްރާމަށް އަރަން ބޭނުންވީ ކީއްވެގެންކަން ވެސް ޑރ. ޝަހީމަށް އެނގިވަޑައިގަންނަވާ ކަމަށާއި އެގޮތުން އެއީ ކުރިން ދެއްކި ވާހަކައަކާއި ގުޅިގެން މައާފަށް އެދިވަޑައިގަތުމަށް ނުވަތަ ތައުބާވާން އާންމުކޮށް އިއުލާންކުރުމަށް ކަމަށް ވެސް އެނގޭ ކަމަށްވެސްވެ އެވެ. އަދި އެރޭގެ ޕްރޮގްރާމަށް ނޭރިއްޖެނަމަ އިސްލާމިކް މިނިސްޓްރީގައި ނިއުސްކޮންފަރެންސެއް ބާއްވާ ދެއްވަން ޑރ. ޝަހީމް އެދިވަޑައިގެންކަން ދެ ފަރާތުގެ ދެމުގައި ބަދަލުކުރެވުނު މެސެޖުތަކުން ސާފުވާ ކަމަށްވެސް ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މީގެއިތުރުން ޑރ. އަފްރާޝީމް ދީނީ ހަމަމަގަށް ރުޖޫއަވެ މީޑިއާގައި އިއުލާނުކުރުމަށް އެދި މީހަކު ޑރ. ޝަހީމަށް ފޮނުވާފައިވާ މެސެޖު، 12 ސެޕްޓެމްބަރު 2012 ގައި ޑރ. ޝަހީމް، ޑރ. އަފްރާޝީމަށް ފޮނުއްވާފައިކަން ވެސް ރިޕޯޓްގައިވެ އެވެ. މިމެސެޖު ފޮނުވި ފަރާތަކީ ކާކުތޯ ސުވާލުކުރުމުން އެ މެސެޖު ފޮނުވި ފަރާތް ހަނދުމަފުޅު ނެތް ކަމަށް ޝަހީމް ވިދާޅުވެފައިވާ ކަމަށްވެސް ރިޕޯޓްގައިވެ އެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭ ޓީވީއެމްގެ ދީނީ ޕްރޮގްރާމެއް ނިންމަވާލެއްވުމަށްފަހު ގެއަށް ވަޑައިގެންނެވި ތަނުން އޭނާ ދިރިއުޅުއްވި ހ. ފުންވިލުގޭގެ ސިޑިގޮޅި ތެރެއިންނެވެ.
ހިޔާލު

ޙަމްދޫން އަލީ

އަނިޔާވެރި އަމަލުތަކަށް ޝަހީމު ހިތްވަރު ދެއްވާފައިނަމަ އެކަންވެސް الله ދެނެވޮޑިގެންވާކަން ޝަހީމަށް ނޭގެނީބާ!

އަހުމަދު

ޑރ. ޝަހީމުއޭ އަނިޔާވެރި އަމަލުން ބަރީއަތްވާކަމަށް ބުނާއިރުގައި އަނިޔާވެރި އަމަލުތަށް ކުރާ ވެރިއެއްގެ ފަހަތުގައި ހުރުމަކީ އަނިޔާ ވެރިކަމަށް ހިތްވަރު ދިނުމެއްނޫންތޯ ؟ މިކަން ވެސް ދެނެވޮޑިގެންވާނީ މާތްﷲ އެވެ.