ގައުމު ތަރައްގީއަށް މިސްރާބު ޖަހާފައިވާ މަންޒަރު ފެންނަ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ބުނެފި އެވެ.
އެމްއާރްއެމް އިން މިހެން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމަށް އަހަރެއް ފުރުމާ ގުޅިގެން މިއަދު ނެރުނު ބަޔާނުގަ އެވެ.
އެމްއާރްއެމްގެ ބަޔާނުގައި ބުނެފައިވަނީ ސަރުކާރަށް އެއްއަހަރު ފުރިގެންދާއިރު، ސަރުކާރުން މިއަދު ވަރަށް ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ކަމަށެވެ. ކާމިޔާބީތައް ހާސިލު ކުރެވިފައިވަނީ ރާއްޖޭގައި ސުލްހަމަސަލަސްކަމާއި އަމަންއަމާންކަން ގާއިމުކޮށް، ތިންބާރު ވަކިވެފައިވާ ނިޒާމުގެ ތެރެއިން މަސައްކަތްކުރުމާއި، ޖޮއިންޓް މެނިފެސްޓޯގައި ހިމެނޭ ކަންކަން ތަންފީޒުކުރުމަށްޓަކައި ސަރުކާރުން ކުރާ ބުރަ މަސައްކަތުގެ ނަތީޖާގެ ގޮތުން ކަމަށްވެސް ބަޔާނުގައިވެ އެވެ.
މިބަޔާނުގައި ބުނެފައިވަނީ ގައުމުގެ ހުރިހާ ދިމާއަކުންވެސް ފެންނަމުންދަނީ، ކުރިން ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ގައުމު ވެއްޓިފައިވާ ވަޅުގަނޑުން އަރައިގަނެ، ތަރައްގީއަށް މިސްރާބު ޖަހާފައިވާ މަންޒަރު ކަމަށެވެ.
"ތަރައްޤީގެ އެކިއެކި މަޝްރޫއުތަކުގައި ރާއްޖޭގެ ރަށްތައް އިސްތިސްނާ ކުރުމެއް ނެތި ހިމަނުއްވާފައިވާކަން، ރާއްޖޭގެ ރައްޔިތުން ބަލައިގަންނަނީ އުފަލާ އެކުގައެވެ." އެމްއާރްއެމްގެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ބޭރުގެ ގައުމުތަކާއި ރާއްޖެއާއި ހީނަރުވެފައި އޮތް ގުޅުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ބަދަހިކުރަމުން އަންނަކަންވެސް އެމްއާރްއެމްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
"ރާއްޖެއާއި ބޭރު ދުނިޔެއާ ދެމެދު އުފެދިފައިވާ ގުޅުން ހީނަރުވެފައިވަނިކޮށް އެގުޅުން އިތުރަށް ވަރުގަދަވަމުން ދާ މަންޒަރު މިއަދު މިދަނީ ފެންނަމުންނެވެ. ސަރަހައްދީ ޤައުމު ތަކާއި ދެމެދު އެކުވެރި ގުޅުމެއް ބާއްވަވަމުން ބައިނަލްއަޤްވާމީ ދުނިޔެއަށް ރާއްޖެ ހުޅުވާލެއްވުމާއި އަދި ދިވެހިންނަށް އިތުރު ފަސޭހަތަކެއް ހޯއްދައިދެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް މިވަނީ ކުރައްވާފަ އެވެ." ބަޔާނުގައިވެ އެވެ.
ރައިސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމަށް މިއަދު އަހަރެއް ފުރިފައިވާއިރު، އެމްއާރްއެމް އަކީ މިސަރުކާރުގެ އެއް ބައިވެރިޔާ އެވެ.