Nasheed innavaa vehicle ehgai bomeh gohvaalan Adheeb ulhunu: Nazim
image
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު (ކ)ގައި، ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް (މ)ގައި އަދި މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަހްމަދު ނާޒިމް (ވ)ގައި
1 ކޮމެންޓް
 

ނަޝީދު އިންނަވާ ވެހިކަލެއްގައި ބޮމެއް ގޮއްވާލަން އަދީބު އުޅުނު: ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންނަވާ އުޅަނދެއްގައި ބޮމެއް ގޮއްވާލުމަށް ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް މަސައްކަތް ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަހްމަދު ނާޒިމް ތުހުމަތުކުރައްވައިފި އެވެ.
ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު ކަންވެސް ކުރިން ކުރައްވާފައިވާ އަހްމަދު ނާޒިމް މި ތުހުމަތުކުރައްވާފައިވަނީ ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލަ ތަހުގީގު ކުރި މަރު ކޮމިޝަނަށް ދެއްވި ބަޔާނެއްގަ އެވެ.

ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައާއި ގުޅޭ ތަހުގީގެއްގައި އެކަން ފާހަގަކުރައްވާ ސަބަބަކީ އަދީބް އޭރު ހުންނެވީ ކޮންމެ ސަބަބެއް ކުރިމަތިކުރައްވައިގެން ނަމަވެސް ރައީސް ނަޝީދަށް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހެދުމަށް ކަމަށްވާތީ ކަމަށެވެ.

ނާޒިމްގެ ބަޔާނުގައި ވިދާޅުވީ ރައީސް ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހެދުމުގެ ވާހަކަތައް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް ރީކޯ މޫސާ މަނިކުގެ ދަނބިދަރި އަދި އެމްޑީޕީގައި އޭރު އިސްކޮށް އުޅުނު ފަރާތެއް ކަމުގައިވާ އަބްދުﷲ ޖާވިދާ އެކު އަދީބް ކުރިއަށް ގެންދެވި ކަމަށެވެ.

"މިގޮތުން ރައީސް ނަޝީދުގެ ކެންޑިޑެސީ ބާތިލްކުރުމުގެ ވާހަކައަކީ އަބަދުވެސް އަދީބް ދައްކަމުން ގެންދިޔަ ވާހަކަ އެކެވެ. މިކަމުގެ ތެރޭގައި އަދީބް ބޮން ހަދާ ހިސާބަށް ވެސް ދިޔަ އެވެ. އެއީ ރައީސް ނަޝީދު އިންނަވާ އުޅަނދެއްގެ ތެރޭގައި ބޮމެއް ގޮއްވާލައިގެންނެވެ." ނާޒިމްގެ ބަޔާނުގައިވެ އެވެ.

މިމައުލޫމާތު އެނގިވަޑައިގަތުމާ އެކު ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އެ މައުލޫމާތު ފުލުހުންނާ ހިއްސާކުރެއްވި ކަމަށްވެސް ނާޒިމްގެ ބަޔާނުގައިވެ އެވެ. އަދި އެކަހަލަ ނުރައްކަލެއް އޮތް ކަމުގެ މައުލޫމާތު ކާނަލް ނާޒިމް ވަނީ ރައީސް ނަޝީދާ ހިއްސާކުރައްވާފައި ކަމަށްވެސް ނާޒިމްގެ ބަޔާނުގައިވެ އެވެ.

ނާޒިމް ވިދާޅުވީ ނަޝީދުގެ މިވާހަކަތައް އަދީބް ދައްކަވާފައިވަނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި ފަހުން ކަމަށެވެ. އަފްރާޝީމް އަވަހާރަކޮށްލައިގެން އެ މަރުގެ މައްސަލަ ރައީސް ނަޝީދުގެ ބޮލުގައި އަޅުވައިގެން އެމަނިކުފާނަށް އިންތިހާބުގައި ބައިވެރިނުވެވޭ ގޮތް ހެދުމުގެ "މޯޓިވްއެއް" އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ބަޔާނުގައި ފާހަގަކުރައްވާފައިވެ އެވެ. މިފަދަ ވާހަކަތައް އެބޭފުޅުންނށް އަޑުއިވޭ ގޮތަށް އަދީބް، ރައީސް ޔާމީންގެ އަރިހުގައި ދައްކަވާ ކަމަށްވެސް ނާޒިމް ވިދާޅުވެފައިވެ އެވެ.

ރައީސް ނަޝީދު އިންނަވާ އުޅަނދެއްގައި ބޮމެއް ގޮއްވާލުމަށް އަދީބް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކުރެވިފައިވާއިރު 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސް ޔާމީންގެ ދެކަނބަލުން ދަތުރުކުރެއްވި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލުމުގެ ތުހުމަތު އަދީބްގެ މައްޗަށް ސާބިތުވެފައިވެ އެވެ. އަދި 2015 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އޭރުގެ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި ބޮޑު އެއްވުމުގައި އަދީބް ބޮމެއް ގޮއްވާލަން ރޭވި ކަމަށާއި އެ ދުވަހު އަދީބް ފިސްތޯލައެއް ގެންގުޅުއްވި ކަމަށް ބުނާ ވާހަކަތަކެއް މީގެކުރިން އަދީބްގެ މައްޗަށް އުފުލުނު ދައުވާއެއްގެ އަޑުއެހުމުގައި ހެކިވެރިން ބުނެފައިވެ އެވެ.
ހިޔާލު

ނަޖްވާ

މި ހުރިހާ ކަމެއް ޔާމީނަށް އެނގޭނު! އެ ވަރުގެ މީހެއް މި ރާއްޖޭގެ ވެރިަކަން ހޯދަން އަދިވެސް މި އުޅެނީ ދޯ؟