Supreme Court audit kurumah JSC in ninmaifi
image
ސުޕްރީމް ކޯޓު
3 ކޮމެންޓް
 

ސުޕްރީމް ކޯޓު އޮޑިޓް ކުރުމަށް ޖޭއެސްސީން ނިންމައިފި

ސުޕްރީމް ކޯޓުގެ އޮޑިޓެއް ކުރިއަށް ގެންދިއުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ އިދާރީ ހިންގުމުގެ ނިޒާމާއި، މާލީ ކަންކަން ހިނގަމުންދާ ގޮތް ބެލުމަށްޓަކައި އޮޑިޓެއް ކުރިއަށް ގެންދިއުމަށެވެ.

މިއޮޑިޓް ކުރިއަށް ގެންދާނީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކޮމިޓީގެ ބެލުމުގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އިންޓާނަލް އޮޑިޓުން ކަމަށްވެސް ޖޭއެސްސީން ވަނީ މައުލޫމާތު ދީފަ އެވެ.

ޖޭއެސްސީން އިތުރަށް ބުނީ މިއީ ސުޕްރީމް ކޯޓުގެ ސްޓްރެޓީޖިކް އޮޑިޓެއް ކަމަށެވެ.

ސީއެންއެމް އަށް އެނގިފައިވާ ގޮތުގައި އޮޑިޓާ ޖެނަރަލްގެ އޮފީހުން ސުޕްރީމް ކޯޓު އޮޑިޓް ކުރުމަށް މީގެކުރިން މަސައްކަތް ކޮށްފައިވެ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން އެކަމުގައި އެއްބާރުލުން ނުދިނުމާ ގުޅިގެން އެކަން ނުވީ ކަމަށްވެސް އެނގިފައިވެ އެވެ.

ސުޕްރީމް ކޯޓުގެ އޮޑިޓެއް ހެދުމަށް ޖޭއެސްސީން ނިންމާފައި މިވަނީ ސުޕްރީމް ކޯޓުގެ އިދާރީ އެތައް މައްސަލަތަކެއް ޖޭއެސްސީއަށް ފާހަގަކުރެވި، ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ދައުލަތުގެ ފައިސާ ބޭނުންކުރެއްވި މައްސަލަތަކެއް ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުން ބަލާފައިވާ ވަގުތެއްގަ އެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދުގެ ސުލޫކީ އެތައް މައްސަލަތަކެއް ފެންމަތިވެ އެ މައްސަލަތައް ޖޭއެސްސީން ބެލިއިރު މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ކުރައްވާފައިވާ އިދާރީ އެތައް ކަމެއްވެސް ފާހަގަކުރެވިފައިވެ އެވެ.
ހިޔާލު

ނާޅި

ރައީސު އޮފީހާއި ރައްޔިތުންގެ މަޖިލިސް އާއި ސުޕްރިމް ކޯޓް އޮޑިޓް ކުރުން ރަގަޅު މިތަން ތަނުގެ ހަރަދު ރައްޔިތުން ނަށް އެގެން އެބަޖެހޭ ޓެކުސް ފައިސާއިން ކުރެވޭ ނުކުރެވޭ ކަންކަން ބަލަން ޖެހޭ، މަޖިލިސް މެމްބަރުން ކޮންމެ ދުވަހަކު ހެދުނު މަޖިލިސް ގައި ހެދުނު ނާސްތާ ކުރާ ވާހަކަ އަޑުއިވޭ އެކަން ކުރަނީ މަޖިލިސްގެ ބަޖެޓުންތޯ ބަލަން ޖެހޭ !

ނަންނުޖަހާ

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައި ނުހުންނާނެ އިންޓާނަލް އޮޑިޓް ކުރާނެ ޤާބިލުކަމެއް. ކެރެންޏާ އެބޭފުޅުންގެ ވަނަވަރު ޢާންމު ކޮށްބަލަ. ޑީޖޭއޭ ގެ އިންޓާނަލް އޮޑިޓް ޔުނިޓުގެ އެންމެ އިސްމީހާ އަކީ ދިވެހި ބަހުން ޑިގްރީ ހަދާފައިހުރި އެކައުންޓިން/އޮޑިޓް/ޓެކްސް އަކީ ކޯއްޗެއްކަންވެސް ނޭނގޭ މީހެއް. ދެން ކިހިނެއް އޮޑިޓް ކުރަނީ؟

ޙައްޤުބަސް

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ އޮޑިޓެއްވެސް ހަދަންވީ. ޖުޑިޝަރީ އަށް ކޮންމެ އަހަރަކު ފާސްކުރާ 500 މިލިޔަން ރުފިޔާގެ ބަޖެޓާއި، އަދި އެކި ނަންނަމުގައި ވުޖޫދުގައި ނުވާ ކަންކަމަށް ކޮންމެ އަހަރަކު ހޯދާ 100 މިލިޔަން ރުފިޔާ އަށް ވާނުވާ ބަލަންވީ. އިންސާފެއް ނުލިބޭ! މައްސަލަ އަވަހެއް ނުވޭ! ރައްޔިތުމީހާ އުފުލަންޖެހޭ ތަކުލީފު ކުޑައެއް ނުވޭ! ޚިދުމަތް ހޯދުމަށް އެތައް ގަޑިއެއް ހޭދަ ކުރަންޖެހޭ! ކޮބާ ބަޖެޓުގެ ބޭނުމަކީ؟