ދައުލަތުން ގޯސްކޮށް ކަމެއްކޮށްފައިވާނަމަ، އެކަން ދިފާއު ކުރުމުގެ ބަދަލުގައި އެކަމެއް ކުރީ ގޯސްކޮށް ކަމަށް ޝަރީއަތުގެ މަޖިލީހުގައި އެޓަރނީ ޖެނަރަލް (އޭޖީ)ގެ އޮފީހުން ބުނެފައިވާނެ ކަމަށް އެޓަރނީ ޖެނަރަލް އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.
އެޓަރނީ ޖެނަރަލް އެގޮތަށް ވިދާޅުވީ ސަރުކާރަށް އެއް އަހަރު ފުރުމުގެ މުސާނަބަތުގައި ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
ޤާނޫނުއަސާސީގައި ބުނެފައިވާ ގޮތުން ދައުލަތާ ގުޅުން ހުރި އެންމެހައި ކަންކަމުގައި ދިވެހިރާއްޖޭގެ އެންމެހައި ކޯޓުތަކަށް ހާޒިރުވެ ވާހަކަދެއްކުމުގެ ހައްގު ބަންޑާރަނައިބަށް ލިބިގެންވެއެވެ. އަދި ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ)ގެ މަސްއޫލިއްޔަތު ކަމުގައި ކަނޑައަޅާފައިވާ ކަންކަން ފިޔަވައި އެހެން ކަންކަމުގައި ކޯޓުތަކުގައި ދައުލަތް ތަމްސީލު ކުރާނީ ބަންޑާރަނައިބު، ނުވަތަ އޭނާ ކަނޑާއަޅާ މީހެކެވެ.
އޭޖީ ވިދާޅުވީ ނިމިދިޔަ ސަރުކާރުން ހަދާފައިވާ ގޯސް ރަނގަޅު ނުކުރެވޭނެ ކަމަށާއި އެކަންތައްތަކާ ގުޅޭ ގޮތުން ކޯޓުގައި ދައުލަތް ތަމްސީލު ކުރުމަށް ވާހަކަ ދައްކާފައިވާނެ ކަމަށެވެ. އަދި ނިމިދިޔަ ސަރުކާރުން ހަދާފައިވާ ގޯސްތައް ރަނގަޅު ކުރުމަށް އަޅަންޖެހޭ ފިޔަވަޅު އަޅާފައިވާނެ ކަމަށް އޭޖީ ރިފްއަތު ވިދާޅުވިއެވެ.
”ދައުލަތުން ގޯސް ކަމެއް ހިންގިޔަސް، އެކަން ވާނީ ގޯހަކަށް. އެކަން ރަނގަޅެއް ނުކުރެވޭނެ. ޝަރީއަތުގެ މަޖިލީހުގައި މި އޮފީހުގެ ފަރާތުން، ހާޒިރުވެ ދަންނަވާފައި ވާނީ ދައުލަތުގެ އިދާރާއަކުން ގޯހެއް ހަދާފައި އޮތިއްޔާ ގޯހެއް ހަދާފައި އޮތް ކަން. އެކަން ރަނގަޅު ކުރުމަށްޓަކާ އަޅަންޖެހޭ ފިޔަވަޅު ވެސް އަޅާފައި ވާނީ،” އެޓަރނީ ޖެނަރަލް ވިދާޅުވިއެވެ.
ދައުލަތުން ހެދި ގޯސްތަކެއްގެ ގޮތުގައި ކޯޓުގައި ދަންނަވާފައި ވާނީ ސިޔާސީ ބޭނުމަށްޓަކާ މީހުން ވަޒީފާއިން ވަކިކުރި ވާހަކަ ކަމަށް އޭޖީ ވިދާޅުވިއެވެ. އަދި ވިދާޅުވީ ޝަރީއަތުގައި އެކަންތައްތައް ފާހަގަކޮށް، އެފަދަ މީހުންގެ ވަޒީފާ އިޔާދަކޮށް، މާލީ އިނާޔަތް ވެސް ދައުލަތުން ފޯރުކޮށްދީފައިވާނެ ކަމަށް އޭޖީ ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ސިޔާސީ ބޭނުމަށް ވަޒީފާއިން ވަކިކޮށްފައިވާ އެކި ފަރާތްތަކަށް 6.8 މިލިއަން ރުފިޔާގެ ބަދަލު ދައުލަތުން ދީފައިވާ ކަމަށެވެ.