Aasiya: Ilmee gaabilu kamaai hunaru veri kamuge namoonaa eh
image
ވެމްކޯގެ ބޯޑް މެމްބަރު، ފާތުމަތު އާސިޔާ--
0 ކޮމެންޓް
 

އާސިޔާ: އިލްމީ ގާބިލްކަމާއި ހުނަރުވެރިކަމުގެ ނަމޫނާއެއް

އޭނާއަކީ ހިންގުންތެރި، މީހުން ގޮވައިގެން އުޅެން ދަންނަ ލީޑަޝިޕް ކޮލިޓީގައި ނަމޫނާ ޒުވާނެކެވެ. ލ. ފޮނަދޫއަށް އުފަން ފާތުމަތު އާސިޔާ އަބަދުވެސް ޤަބޫލުކުރާ އެއް ކަމެއް އޮވެއެވެ؛ ފުރުސަތު ލިބިއްޖެ ނަމަ އަންހެނުންނަކީ ވެސް ޤައުމީ ޚިދުމަތުގައި ނަމޫނާ ބަޔަކަށް ވާނެ އެވެ. އުނދަގޫތައް ގިރާކޮށް ކާމިޔާބަށް ވާސިލްވާނެ އެވެ.
ވެމްކޯގެ ބޯޑު މެންބަރުކަން ކުރަމުން އަންނަ އާސިޔާ އަކީ ޢިލްމީ ގޮތުންނާއި ހިންގުމުގެ ދާއިރާއިން ތަޖުރިބާ ހޯދާފައިވާ މޮޅު ޒުވާނެކެވެ. އޭލެވަލް އިމްތިހާން ނިންމުމަށް ފަހު، ޔުނިވާސިޓީ އޮފް އީސްޓް ލަންޑަން އިން އެކައުންޓިން އަދި ފައިނޭންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީ (އޮނާސް) ހާސިލޮކޮށްފަ އެވެ. އަދި ނުނިމެ އެވެ. އެ ލިސްޓަށް އެންމެ ފަހުން އިތުރުވީ އާސިޔާގެ މާސްޓާސް ޑިގްރީ ސެޓްފިކެޓެކެވެ. އެއީ ޔޫކޭގެ ސްޓެފޯޑްޝިއަ ޔުނިވާސިޓީއިން ފައިނޭންސްގެ ދާއިރާއިން ހާސިލް ކުރި މާސްޓާސް ޑިގްރީއެކެވެ.

ވެމްކޯގެ ބޯޑު މެމްބަރު ކަމުގެ އިތުރުން އާސިޔާ ދަނީ ގިނަ އިސް މަގާމުތަކެއް ފުރަމުންނެވެ. އޭނާއަކީ ސާވިކިއު ޕްރައިވްޓް ލިމިޓެޑްގެ ކޯ ފައުންޑަރެވެ. އެ ކުންފުންޏަކީ މާލީ ކަންކަމާއި، އިންވެސްޓްމެންޓާއި، ރިއެލް އެސްޓޭޓް ވިޔަފާރި އާއި ކުންފުނިތަކަށް ސޯޝަލް މީޑިއާ މާކެޓިން އަދި ކޮންޒަލްޓެންސީ ހިދުމަތް ދެމުންދާ ކުންފުންޏެކެވެ. އޭގެ އިތުރުން ސެލެކް ނަމަކަށް ކިޔާ ޑިޕާޓްމަންޓް ސްޓޯރަކާއި، ސެލެކް "ލައިފްސްޓައިލް" ކެފޭ މެނޭޖިން ޕާޓްނަރުގެ މަގާމު ވެސް އާސިޔާ ދަނީ ފުރުއްވަމުންނެވެ.



"ކިޔެވުމަކީ މީހާގެ ސިކުނޑި ހުޅުވާލަދޭނެ ކަމެއް. ކޮންމެ ދާއިރާއަކުން ވެސް ކިޔަވައިގެން ނުކުމެ ޚިދުމަތް ކުރުމަކީ އެކަމެއް އެންމެ ފުރިހަމައަށް ކުރެވޭނެ ގޮތް. އަޅުގަނޑު ޝައުގުވެރިކަން ގުޅިފައިވާ ދާއިރާއިން މަތީ ތަޢުލީމް ހާސިލްކުރުމުގައި ޤައުމަށް ހެޔޮ ގޮތުގައި ޚިދުމަތް ކުރުމުގެ ވިސްނުން ވަރަށް ބޮޑު ދައުރެއް އަދާކުރި،" ލ. އަތޮޅު ތައުލީމީ މަރުކަޒުން އޯލެވެލް ހެދި އާސިޔާ ކިޔައިދިނެވެ. "ޙާއްސަކޮށް އަންހެނުންނަކީ ވެސް ފުރުސަތު ލިބިއްޖެ ނަމަ ނަމޫނާ ޚިދުމަތްތަކެއް ޤައުމަށް ކޮށްދޭނެ ބައެއްކަން ސާބިތުކޮށްދިނުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އުންމީދެއް. މިހާތަނަށް ވެސް އަޅުގަނޑު ވާނީ ލިބުނު ބައެއް ފުރުސަތުތަކުގައި ސާބިތުކޮށްދީފަ".

މި ޒުވާނާއަކީ ހުނަރުން ފުރިގެންވާ ދުރު ވިސްނޭ އަދި މުރާލިކަމުގެ ނަމޫނާއެކެވެ. ފޯކަސް އެޑިއުކޭޝަން ސެންޓަރާއި ކްލިކް ކޮލެޖްގެ ވިޒިޓިން ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތްކޮށް ދަރިވަރުންގެ ލޯތްބާއި ތާއީދު ވަރަށް ބޮޑަށް ހޯދި އެވެ. ފާއިތުވި ދެ އަހަރު ދުވަހުގެ އާސިޔާގެ ޝެޑިއުލް ދިރާސާކޮށްލުމުން މިކަންކަން ވަރަށް ބޮޑަށް ސާފު ވެއެވެ.

އެކައުންޓިން އެންޑް ފައިނޭންސް ދާއިރާގެ އަމަލީ މަސައްކަތްތައް އާސިޔާ ފަށާފައި ވަނީ ބޭންކް އޮފް މޯލްޑިވްސް އިންނެވެ. ދެހާސް ފަސްވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސްގެ ފައިނޭންސް ޑިޕާޓްމަންޓްގެ އެސިސްޓެންޓަކަށް ވަނުމަށް ފަހު، ހަރުފަތަކަށް ފަހު ހަރުފަތެއް ދިޔައީ ކުރިއަށް ޖެހެމުންނެވެ. އާސިޔާގެ ޢިލްމީ ޤާބިލްކަމާއި ކުރު ތަމްރީން ޕްރޮގްރާމްތަކުން ހާސިލްކޮށްފައިވާ ވަށާ ޖެހޭ ހުނަރުތަކުގެ ސަބަބުން އެ ބޭންކުގައި އާސިޔާގެ ހިއްސާ އޮތީ ފުޅާކޮށް އަދި ނަމޫނާކޮށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ތަފާތު ތިން މަގާމެއް އަދާކުރުމަށް ފަހު، މެނޭޖަރު ޓްރެޒަރާގެ މަގާމަށް ޕްރޮމޯޓް ވިއެވެ. ބޭންކުގެ ޚިދުމަތާ ދުރަށް ދިޔައިރު ވެސް އާސިޔާ ހުރީ އެ މަގާމުގައެވެ.

"ބޭންކްގެ ޚިދުމަތާ ދުރަށް ޖެހިލުމަށް ފަހު އެންމެ ބޮޑު އިސްކަމެއް ދިނީ މަތީ ތަޢުލީމާއި އެކިއެކި ފަންނީ ތަމްރީނުތައް ހޯދައި ޤާބިލުކަން އިތުރުކުރަން. އަދިވެސް އޮތީ ކުރިއަށް،" އާސިޔާގެ ޢަޒުމް ވަރުގަދަވެފައި އަމާޒަށް ވާސިލްވުމުގައި ބުރަކޮށް މަސައްކަތް ކުރެ އެވެ.

ބޭންކެއްގެ އިސް މަޤާމެއް އަދާ ކުރެވޭނީ ކުށެއް ނެތް ހިސާބު ޢިލްމާއި ބޭންކިން ދާއިރާއާ ގުޅިފައިވާ މަކަރާއި ގޯސްތަކަށް ލޯހުޅުވުމާއި ތަފާތުކޮށް ވިސްނަން އެނގުމާއި މީހުން ގޮވައިގެން ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން އެނގުމާއި ޕްރެޒެންޓޭޝަންގެ ހުނަރާއި ބަސްމޮށުންތެރިކަމުގެ ހުނަރު ވެސް އެމީހެއްގެ ކިބައިގައި ހުރެގެންނެވެ. އާސިޔާގެ ސީވީ އެއްކޮޅުން އަނެއްކޮޅަށް ކިޔާލުމުން މިފަދަ ހުރިހާ ހުނަރެއް ހުރީ ލިސްޓް ކުރެވިފަ އެވެ. އެކަން ޢަމަލީ ގޮތުން ވަނީ ސާބިތު ވެސް ކޮށްދީފަ އެވެ.



"ޒިންމާދާރު ގޮތެއްގައި ޤައުމަށް ޚިދުމަތް ކުރުމަށް ހުރިހާ ގޮތަކުން ވެސް އަޅުގަނޑު ތައްޔާރުވެއްޖައިން. އެކަން ސާބިތުކޮށްދެވޭނީ ހުޅުވިގެންދާ ފުރުސަތުތަކެއްގެ ތެރެއިން. އަޅުގަނޑަކީ ކަމެއް ނުކުރެވިގެން ފަހަތަށް ޖެހޭނެ މީހެއް ނޫން. އަބަދުވެސް ޗެލެންޖިން މަސައްކަތްތަކަށް ޝައުގުވެރިވޭ. އަސްލު މީހާ ކުރިއަރާ ފުރިހަމަ ވާނީ އެފަދަ ޗެލެންޖިން ކަންކަމުގެ ތެރެއިން،" އާސިޔާގެ ވިސްނުން ކިޔައިދިނެވެ.

އާސިޔާއަކީ ޝައުގުން ފުރިގެންވާ ޒުވާން ކަނބަލެކެވެ. ޢިލްމީ ޤާބިލްކަން ބަރާބަރެވެ. އެކިއެކި ފަންނީ ހުނަރުތައް ވަނީ ހާސިލްކޮށްފަ އެވެ. ޒިންމާ އަދާ ކުރުމާއި ޒިންމާ އަދާ ކުރުވުމުގައި އާސިޔާގެ އެޕްރޯޗް ތަފާތެވެ. މޮޅެވެ. ކިޔެވި ދާއިރާއިން ކިޔަވައިދީ ޒުވާނުން އުފެއްދުމުގެ ޚިދުމަތުގައި ވެސް އާސިޔާގެ ރޯލް ފުޅަލެވެ.
އަންހެނުން ވެމްކޯ
ހިޔާލު