Umra ah dhaairu, sihhee gothun mi kankamah samaaluvelavva!
image
ދިވެހިންތަކެއް އުމްރާއަށް ފުރަނީ -- ފޮޓޯ: ހައްޖު ކޯޕަރޭޝަން
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

އުމްރާއަށް ދާއިރު ސިއްހީ ގޮތުން މި ކަންތައްތަކަށް ސަމާލުވެލައްވާ!

އަންނަ މަހު އުމްރާގެ އަޅުކަން އަދާ ކުރުމަށް ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ދިއުމަށް ގިނަ ދިވެހިން އަންނަނީ ތައްޔާރީތައް ވަމުންނެވެ. އެގޮތުން އުމްރާއަށް ދާއިރު، ސިއްހީ ގޮތުން ސަމާލުކަން ދޭން ޖެހޭ ގިނަ ކަންކަން އެބަ ހުއްޓެވެ.
އެގޮތުން ދިގު މުއްދަތަކަށް ބޭސް ކުރަން ޖެހޭ ބަލިތައް ކަމަށްވާ ފުއްޕާމޭގެ ބަލިތައް، ކިޑްނީގެ ބަލިތައް ނުވަތަ ހަކުރު ބަލި ހުރި ނަމަ ހައްޖާއި އުމްރާއަށް ވަޑައިގަތުމުގެ ކުރިން ޑޮކްޓަރަށް ދެއްކުން ވަރަށް މުހިންމު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން އެޗްޕީއޭ އިން ބުނީ ބަލިވުމުގެ އަލާމަތްތަކުގެ ތެރޭގައި ހިމެނޭ ހުން އައުމާއި ކެއްސުން އަދި ނޭވާ ކުރުވެ، ނޭވާލާން އުނދަގޫވުން އެފަދަ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދަން ޖެހޭނެ ކަމަށެވެ.

ހަމަ އެހެންމެ ކެއްސާ، ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ޓިޝޫއަކުން ނިވާ ކުރުމަށާއި، ނިވާ ކުރުމަށް ޓިޝޫއެއް ނެތް ނަމަ އަމިއްލަ ކޮނޑު ނުވަތަ އަތުގެ މުލައްދަނޑިން އަނގަޔާއި ނޭފަތް ނިވާކޮށްގެން ކެއްސާ ކިނބިހި އެޅުމަށް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ.

އޭގެ އިތުރުން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމާއި އާންމު ސާފުތާހިރު ކަމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ. އަދި ޖަމަލު ފަދަ ޖަނަވާރުގައި އަތްލާ މާބޮޑަށް ކައިރި ނުވުމަށާއި ޖަމަލު މަސް ކާނަމަ ރަނގަޅަށް ކައްކާ ރޯ ފިލުވުމަށް ފަހު ބޭނުން ކުރުމަށް އަދި ރަނގަޅަށް ކައްކައިގެން ނޫނީ ރޯ ކިރު ބޭނުން ނުކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ހައްޖާއި އުމްރާއިން ނުވަތަ ރާއްޖޭން ބޭރަށް އައުމަށް ފަހު 14 ދުވަހުގެ ތެރޭގައި ގަދައަށް ހުން އައިސް، ކެއްސާ، ނުވަތަ ރޯގާ ޖެހިއްޖެ ނަމަ ޑޮކްޓަރަށް ދައްކާ ފަރުވާ ހޯދުން ވަރަށް މުހިންމެވެ.
އެޗްޕީއޭ އުމްރާ
ހިޔާލު