Hulhumalega banguraa boan thibi bayaku fuluhun hahyarukohfi
image
އަބްދުﷲ ޔާމިން
0 ކޮމެންޓް
 

ހުޅުމާލޭގަ ބަނގުރާ ބޯން ތިބި ބަޔަކު ފުލުހުން ހައްޔަރުކޮށްފި

ޕާޓީކުރަން ތިބި ބަޔަކު މިރޭ ފުލުހުން ހައްޔަރުކޮށްފިއެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ފިލްމީތަރިމަލީހާ ވަހީދު (މަލް) ވެސް ހިމެނޭކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ވަނީ މައުލޫމާތު ފަތުރާފައެވެ.

ފުލުހުން ބުނެފައިވަނީ ހުޅުމާލޭ ގެސްޓު ހައުސްއެއްގައި ބަނގުރާ ބޭނުކޮށް ޕާޓީ ކުރާ ކަމަށް ފުލުހުންގެ އިންޓަލިޖެންސް އަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭ ޕޮލިސް އާއި އެސްއޯ ގުޅިގެން މިރޭ 20:04 ހާއިރު ހިންގި އޮޕަރޭޝަނެއްގައި 12 މީހުން ހައްޔަރުކޮށްފައިވާކަމަށެވެ.

އެމީހުންގެ ތެރޭގައި ހިމެނެނީ 11 ފިރިހެނުންނާއި އަންހެނެއްކަމަށް ފުލުހުން ބުނެއެވެ.

އެމީހުންގެ ޕާޓީކޮށްފައިވަނީ ހުޅުމާލޭ ހޮޓެލް 78 ގެ ތެރޭގައި ކަމަށް ވެސް މައުލޫމާތުލިބެއެވެ.

(މަލް)ގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފާނެ ދައުވާއެއް ދައުލަތުން މިހާރު ވެސް ވަނީ ކްރިމިނަލް ކޯޓުގައި އުފުލާފައެވެ.

ދައުލަތުން މަލްގެ މައްޗަށް މަސްތުވާތަކެތީގެ ބޮޑު ދައުވާއެއް އުފުލާފައި މިވަނީ މިދިޔަ އޯގަސްޓް މަހުގެ 27 ވަނަ ދުވަހު އޭނާ، އިތުރު އަންހެނާ އެކު އދ. މާމިގިއްޔަށް ކުރި ދަތުރުގައި މަލްގެ ދަބަހުން މަސްތުވާތަކެތި ފެނުނު މައްސަލައިގަ އެވެ.

މާމިގިލީ ބަންދަރު ސަރަހައްދުން މަލްއާ، ދެން ހުރި އަންހެން މީހާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު މި ދެމީހުން ގެންގުޅުނު ދަބަހުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޕެކެޓެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ މީގެކުރިން ބުނެފަ އެވެ.

މިމައްސަލަ ތަހުގީގުކޮށް ފުލުހުންގެ އިދާރާއިން ޕީޖީ އޮފީހަށް މައްސަލަ ފޮނުވުމުން މަލްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ދެ ދައުވާ އެކެވެ. އެއީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި، ކެނެބިސް ބޭނުން ކުރުމުގެ ދައުވާ އެވެ.

މަލްއާ އެކު ހައްޔަރުކުރި އަންހެން މީހާގެ މައްޗަށް ވެސް މި ދެ ދައުވާ ވަނީ އުފުލާފަ އެވެ.

މި ދެ ދައުވާގެ ތެރެއިން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެއްޖެނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާ، އެއްލައްކަ ރުފިޔާ އާއި ދިހަ މިލިއަން ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ. ކެނެބިސް ބޭނުން ކުރުމުގެ ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް ވެސް އޭނާގެ މައްޗަށް އިއްވާނެ އެވެ.

މަލްގެ މައްޗަށް ދައުލަތުން ކުރާ ދައުވާ ސާފު ކޮށްދިނުމަށް މިއަދު އޭނާ ކޯޓަށް ހާޒިރުކުރުމުން ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.

މަސްތުވާތަކެތީގެ މައްސަލައިގައި މަލް ހައްޔަރުކުރި ނަމަވެސް އޭނާ މިހާރު ހުރީ ދޫކޮށްލާފަ އެވެ. މިމައްސަލަ ފެންމަތިވި ފަހުން މަލް މުޅިންހެން ގެއްލިފައިވީ ނަމަވެސް މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ނުވަވަނަ ގައުމީ ފިލްމު އެވޯޑްސް ހަފްލާގައި މަލް ވަނީ ބައިވެރިވެފަ އެވެ.
ފުލުހުން
ހިޔާލު