PG Bisham Magaamun vaki kurumuge massalla Majileehuge jalsaa ah agenda koffi
image
ޕީޖީ ބިޝާމް --
0 ކޮމެންޓް
 

ޕީޖީ ބިޝާމް މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި

ޕްރޮސެކިއުޓަރު ޖެނެރަލް އައިޝަތު ބިޝާމް މަގާމުން ވަކިކުރުމުގެ ޕްރޮސެސް ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
ޕީޖީ ބިޝާމް ވަކި ކުރުމުގެ މަސައްކަތް މީގެކުރިންވެސް ޖުޑީޝަރީ ކޮމެޓީން ފެށިއެވެ. ނަމަވެސް އެކަން ކުރަމުން ދިޔައީ އުސޫލުތަކާއި ހިލާފަށް ކަމަށްބުނެ މިދިޔަ މަހުގެ 17ވަނަ ދުވަހު އެ ކޮމެޓީން ވަނީ އެ މައްސަލަ ބާތިލުކޮށްފައެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ޕީޖީ ބިޝާމް އެ މަގާމުން ވަކިރުމަށް ހުށަހެޅީ މަތިވެރި ދާއިރާ މެމްބަރު ހުސައިން ޒަރީރެވެ. ޒަރީރު ހުށަހެޅުމަށް ތާއީދު ކުރެއްވީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންނެވެ. އެ ހުށަހެޅުން ފާސްވީ ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އެނގިފައިވާ ގޮތުގައި ޕީޖީ މަގާމުން ވަކި ކުރުމުގެ މަސައްކަތް އަލުން ފެށުމަށް ވޯޓު ނުދެއްވާ އިންނެވީ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާއެވެ.

ކޮމެޓީގެ ނާއިބު މުގައްރިރު އަދި ފޮނަދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު މޫސާ ސިރާޖު "ސީއެންއެމް"އަށް މިއަދު ވިދާޅުވީ ޕީޖީ މަގާމުން ވަކި ކުރުމުގައި ގާނޫނާއި ހިލާފަށް ޕީޖީ ކޮށްފައިވާ މައްސަލަތައް ބަލާނެ ކަމަށެވެ. އަދި މަސައްކަތް ކުރިއަށްދާ ވަރަކަށް އިތުރު މައުލޫމާތު ހިއްސާ ކުރައްވަމުން ގެންދަވާނެ ކަމަށް ސިރާޖު ވިދާޅުވިއެވެ.

މަޖިލީހުގެ އާ ގަވާއިދު ބުނާގޮތުން މިނިވަން މުއައްސަސާއެއްގެ ބޭފުޅަކު މަގާމުން ވަކިކުރާނަމަ، އެކަން މަޖިލީހުުގެ ރައީސްގެ ސަމާލުކަމަށް ގެންނަވަން ޖެހެއެވެ. އެއަށްފަހު މަޖިލީހުގެ ރައީސް އެކަން މަޖިލީހަށް އިއުލާން ކުރައްވަން ޖެހެއެވެ.

ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމަށް ބިޝާމް އައްޔަންކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ.
ހިޔާލު