PROFILE: Sara, gina baehge loabi hoadhaafaiva kulhadhaana kanbaleh!
image
ސަރާ--
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ސަރާ، ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކުޅަދާނަ ކަނބަލެއް!

ކޭކު އެޅުމާއި ވެޑިން ބުކޭ ފަދަ އެއްޗެހި ހެދުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ. މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް މިފަދަ ތަކެތި ހަދާ މީހުން ވަރަށް ގިނަ ވެއްޖެ އެވެ. ސުވާލަކީ އެހާ ފުރިހަމަކޮށް އެފަދަ އެއްޗެހި ހަދަން ދަސްކުރަނީ ކިހިނެއް ހެއްޔެވެ؟ އެކަމުގެ ފަހަތުގައި ބަޔަކު ތިބޭނެކަން ޔަގީނެވެ. އެގޮތުން ށ. މިލަންދޫގައި ދިރިއުޅޭ ސަރަފިއްޔާ އިބްރާހިމް (ސަރާ) އަކީ ކޭކު އެޅުމާއި ޕޭސްޓްރީ ފަދަ އެއްޗެހި ހަދަން ކުދިންނަށް ދަސްކޮށްދިނުމުގައި އަވަދިނެތި އުޅޭ ކުޅަދާނަ ކަނބަލެކެވެ.
ރަށުގައާއި އަތޮޅު ތެރޭގައި އެފަދަ ކޯސްތައް ކުރިއަށް ގެންދަމުން އަންނަ ސަރާ ބުނި ގޮތުގައި ކޭކު އެޅުމަށް އޭނާގެ ޝައުގުވެރިކަން އުފެދުނީ މީގެ 18 އަހަރު ކުރިންނެވެ. އަދި އެކަމަށް ޝައުގުވެރިވީ ފިރިމީހާގެ ސަބަބުން ކަމަށް ސަރާ ވަނީ ބުނެފަ އެވެ.





"ކޭކު އަޅަން ޝައުގުވެރިކަން ހުރީ. ފިރިމީހާ މީގެ 18 ވަރަކަށް އަހަރު ކުރިން ގެނެސްދިނީ ކޭކު އައިސިން ޖަހާ ބޭގު، އެކަހަލަ އެއްޗެހި ތަކެއް. ގެނެސްދިނީމަ އަސްލު ކޭކު އަޅަން ޝައުގުވެރިވީ. އޭރަކު ނޭނގެ ރީތިކޮށް ކޭކު އަޅާކަށް. ދެން ފަހުން އެ މަސައްކަތް ކުރަނިކޮށް ދަސްވީ. ފުރަތަމަ ވެސް އެޑްވާންސް ކޯހެއް ހެދީ ކޭކުގެ،" ސަރާ ބުންޏެވެ.

ސަރާ އަންނަނީ ޕޭސްޓްރީ ކޯހާއި މާ ހަދާ ކޯސް އަދި ކޭކު ކޯސް ހިންގަމުންނެވެ. އެގޮތުން އަތޮޅުތެރޭ ރަށްތަކުގެ މީހުންނަށް، ހާއްސަކޮށް މިލަންދޫގައި ގިނަ އަދަދެއްގެ މީހުން ތަމްރީނުކޮށްފައި ވާނެ ކަމަށް ވެސް ސަރާ ބުންޏެވެ.

މިހާތަނަށް ގިނަ އަދަދެއްގެ ކުދިން އެ ކޯސްތަކުގައި ބައިވެރިވެ ތަމްރީނުކޮށްދީފައި ވާއިރު އެ ކުދިން މިހާރު ތިބީ ވަރަށް ކުރިއަރާފައި ކަމަށާއި އެއީ ވަރަށް އުފާވާ މަންޒަރެއް ކަމަށް ސަރާ ވަނީ ބުނެފަ އެވެ.





ސަރާ ބުނީ ކޭކު ކޯސް ފަދަ ކޯސްތައް ކުރިއަށް ގެންދިޔަ ނަމަވެސް އެ މަސައްކަތުން އާމްދަނި ހޯދުމަށް ކުރާކަށް ބޭނުން ނުވާ ކަމަށެވެ. އަދި ކޭކު އަޅަން ފުރުސަތު ލިބުނު ނަމަވެސް ތަމްރީނު ކުރި ކުދިންނަށް އެ ފުރުސަތު ދޫކޮށްލާ ކަމަށް ސަރާ ވަނީ ބުނެފަ އެވެ.

ސަރާއަށް އަތޮޅުތަކުން ކޯސްތައް ހިންގުމަށް ގިނަ ފުރުސަތުތައް ލިބެމުން އަންނައިރު މިހާތަނަށް އޭނާ ކޯސް ހިންގާފައި ވަނީ ށ. އަތޮޅުގެ ހަތަރު ރަށެއްގަ އެވެ.

ބޭނުން ވަނީ އަގުހެޔޮކޮށް ވީހާވެސް ގިނަ ކުދިން ތަމްރީނުކޮށްދޭން

އާމްދަނީ ހޯދުމުގެ އިތުރުން ސަރާ ބޭނުން ވަނީ ގިނަ ބަޔަކަށް ފުރުސަތު ދެވޭނެ ގޮތަށް އަގުހެޔޮކޯށް ކޯސްތައް ހިންގަން ކަމަށް ސަރާ ވަނީ ބުނެފަ އެވެ.

"އަޅުގަނޑު ކޯހުގެ ފީ ނަގަނީ ހަމަ އެ ކުއްޖަކަށް ބަލާގަނެވޭ ކަހަލަ ފީއެއް. ވަރަށް އަގުހެޔޮކޮށް. އަޅުގަނޑު ބޭނުން ވަނީ އަގުހެޔޮކޮށް ގިނަ ކުދިންތަކަށް ފުރަސަތު ދޭން. އަގު ކުޑަ ކުރީމަ އަސްލު ގިނަ ކުދިންތަކަށް ފުރަސަތު ލިބިގެން ދާނެ،" ސަރާ ބުންޏެވެ.

ސަރާ ހަދާ ކޯސްތަކުގައި ބައިވެރިވުމަށް ފޭސްބުކް ޕޭޖު "S5n Saraa Cake and Flowers" މެދުވެރިކޮށް އެކަމަށް އެދުމުން ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.



ދެކެން ބޭނުންވާ ދުވަހަކީ ތަމްރީނު ކުރާ ކުދިންގެ ރަނގަޅު މަސައްކަތް ފެނުން

ސަރާ ބުނި ގޮތުގައި އޭނާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ އޭނާ ތަމްރީނުކޮށްދީފައިވާ ކުދިންގެ ރަނގަޅު މަސައްކަތްތައް ފެނުމެވެ. އަދި އެ މަންޒަރު މިހާރު ވެސް ފެނިގެންދާ ކަމަށް ސަރާ ފާހަގަކުރި އެވެ.

"މި ދާއިރާގައި އެންމެ ދެކެން ބޭނުން ވަނީ ގިނަ ކުދިންތަކެއް ތަމްރީނުކޮށް އެ ކުދިންގެ މަސައްކަތްތައް ފެންނަން ދުވަހެއް. އަޅުގަނޑު ކިޔަވައިދޭ ކުދިންގެ ފަރާތުން ރަނގަޅު މަސައްކަތްތައް ފެނިގެންދާތަން ވަރަށް ދެކޭހިތްވޭ. އިރާދަ ކުރެއްވިއްޔާ މިހާރު ވެސް މިލަންދޫ އިން ވެސް ބަލާލި ކޮންމެ ދިމާލަކުން ތަމްރީނުކޮށްދީފައިވާ ކުދިންގެ މަސައްކަތް ފެނޭ. އެކަމާ ވަރަށް އުފާވޭ،" ސަރާ ބުންޏެވެ.

ސަރާ އެ ކޯސްތައް ހިންގަމުން އަންނަނީ އެކަންޏެވެ. އަތޮޅުތެރެއަށް ގޮސް އެ ކޯސްތައް ހަދާ ކުޅެނީ ވެސް އެކަނިމައި އެކަންޏެވެ. އެ ހިތްވަރާއެކު އެހާ ގިނަ ކޯސްތައް ހިންގުމުގައި އޭނާއަށް އެހީތެރިވާ ބަޔަކު ވެސް ތިބޭނެކަން ޔަގީނެވެ.

ޝުކުރު ގިނަ ފަރާތްތަކަށް ހައްގު

މި ކާމިޔާބުގެ ފަހަތުގައި ގިނަ ބަޔަކު އެބަ ތިބި ކަމަށް ސަރާ ވަނީ ބުނެފަ އެވެ. އެގޮތުން ސަރާގެ ޝުކުރުގެ ލިސްޓު ވަރަށް ދިގެވެ. އެގޮތުން ލިސްޓުގެ އެންމެ ކުރީގައި އޭނާ ޝުކުރު އަދާކުރަން ބޭނުން ވަނީ އޭނާގެ ފިރިމީހާއަށާއި އާއިލާ އަށެވެ.

އޭގެ އިތުރުން އޭނާގެ އަށް އެކަމުގައި އެހީތެރިވި އެންމެނަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ހިޔާލު