ހިތްހަމަ ޖެހެނީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ނިކަމެތިވި ދުވަހު ފެނުނު މޫނުތައް އަދިވެސް ކުރީ ސަފުން ފެންނާތީ ކަމަށް އެމްޑިޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވަމުން ގެންދަވާ ޝިފާޒް، މައްޗަންގޯޅި އުތުރުގެ މެމްބަރުންނާ މިރޭ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެމްޑީޕީ އަކީ އެމްޑީޕީގެ މެމްބަރުން މިސްރާބު ކަނޑައަޅާ ޕާޓީއެއް ކަމަށެވެ.
ޝިފާޒް ވިދާޅުވީ މިއީ އެމްޑީޕީގެ އެތެރޭގެ އިންތިހާބެއް ކަމަށާއި، އެކަމަށް އެހެން ފަރާތްތައް ބެހެން ނުޖެހޭ ކަމަށެވެ. އެމްޑީޕީގެ އޮންނަ އެންމެ ރީތި ސިފައަކީ، އެތެރޭގެ އިންތިހާބުތައް ބާއްވާ މެމްބަރުން ބޭނުންވާ ބަޔަކު ލީޑާޝިޕްގައި ތިބުންކަމަށް ޝިއްޕެ ވިދާޅުވި އެވެ.
ވޭތުވެ ދިޔަ 5 އަހަރަކީ ޕާޓީގެ މެމްބަރުން ހަރުގެ ތަކުގައި އަދި މަގުމަތީގައި މަސައްކަތް ކުރަންޖެހުނު 5 އަހަރު ކަމަށާއި، އެހެންނަމަވެސް އެއީ ޕާޓީގެ އެންމެ ކާމިޔާބު ފަސް އަހަރު ކަމަށްވެސް ޝިފާޒް ވިދާޅުވި އެވެ.
ޝިފާޒް ވިދާޅުވީ ޕާޓީގެ ލީޑާޝިޕްގެ މަގާމަކާ އޭނާ ހަވާލުވެވަޑައިގެންނެވިތާ މާގިނަ ދުވަސްތަކެއް ނުވެ ޕާޓީ މަގުމަތިވި ކަމަށެވެ. ރައީސް ނަޝީދު ޖަލަށް ލުމަށްފަހު ޕާޓީގެ މެމްބަރުން އުޅެން ޖެހުނީ ހިތްދަތި ދުވަސްތަކެއް ކަންވެސް ޝިފާޒް ފާހަގަކުރެއްވި އެވެ. އަދި އޭރު ފެނުނު މޫނުތައް މިހާރުވެސް ފެންނާތީ ހިތްހަމަޖެހޭ ކަމަށާއި އެހުރިހާ ފަރާތްތައް އެއްކޮށް ތިބީ މަގުމަތީގައި ކަމަށްވެސް ވިދާޅުވި އެވެ. އަދި އެކުގައި މަސައްކަތްކުރީ ރައީސް ނަޝީދު ޖަލުން މިނިވަންކުރުމަށް ކަމަށްވެސް ވިދާޅުވި އެވެ.
ޝިފާޒް ވިދާޅުވީ ދިމާވި ދަތި އުދަގުލާއި އެކުވެސް ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރި ކަމަށެވެ. އެޖެންޑާ 19ގެ މަސައްކަތްތައް އަދި ނުނިމޭ ކަމަށާއި، އެކަމުގެ މިސްރާބު ބަދަލު ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި އެ އެޖެންޑާ ތަންފީޒު ކުރުމަށް ރައީސް ނަޝީދު މަޖިލީހުގައި ބުރަކޮށް މަސައްކަތް ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
ޝިފާޒް ވިދާޅުވީ މިއަދު ޕާޓީގެ މެމްބަރުންގެ ކިބައިން އިހުލާސްތެރިކަމާ އެކު އެދެނީ އެ މެމްބަރުންގެ ވޯޓު އޭނާ އަށް ދެއްވުމަށް ކަމަށެވެ. އަދި މީގެ ކުރިން ޕާޓީގެ މެމްބަރުން ބޭނުންވި ވަގުތެއްގައި މެމްބަރުން ބޭނުންވި ކަމެއްކުރަން ޕާޓީގެ މަސައްކަތުގައި އޭނާ ހުންނެވި ކަމަށްވެސް ވިދާޅުވި އެވެ.
ޝިފާޒް ވިދާޅުވީ ހުރިހާ ކަމެއް އަބަދު އެއްގޮތަކަށް ނުދާނެ ކަމަށާއި، ޕާޓީގެ މެމްބަރުން އަބަދުވެސް ތިބެންވާނީ ހަރު ދުވެލީގައި ކުރިއަށް ދެވޭނެ ފަދަ ގޮތަކަށް ކަމަށެވެ. ޝިފާޒް ވިދާޅުވީ ކާމިޔާބީގެ އަސްލަކީ ލީޑާޝިޕް އެކުއެކީގައި މަސައްކަތް ކުރުން ކަމަށެވެ. އަދި ވިދާޅުވީ މިހާތަނަށް ޕާޓީގެ ރައީސް ހަވާލުކުރި އެއްވެސް ކަމެއް މިހާތަނަށް ނުކޮށް ދޫކޮށްލާފައި ނޯންނާނެ ކަމަށެވެ.
ޝިފާޒް ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލުމަށް ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އަދި އެދެނީ ހުރިހާ ބޭފުޅުން ވެސް ރައީސް ނަޝީދަށް ބޮޑު ތަނުން ވޯޓު ދީ ޕާޓީގެ ރައީސް ކަމަށް އަލަށް އިންތިހާބު ކުރުން ކަމަށެވެ.