Defence ministry ge aa imaaraiy alhaidheyne bayaku hoadhanee
image
ޑިފެންސް މިނިސްޓަރު މާރިޔާ ސިފައިންގެ ބައެއް އިސް ބޭފުޅުންނާ އެކު
1 ކޮމެންޓް
 

ޑިފެންސް މިނިސްޓްރީގެ އާ އިމާރާތް އަޅައިދޭނެ ބަޔަކު ހޯދަނީ

ޑިފެންސް މިނިސްޓްރީގެ އާ އިމާރާތް އަޅައިދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފި އެެވެ.
މިއީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިއިމާރާތް އެޅުމަށް 80 މިލިއަން ރުފިޔާ ދިނުމަށް އިންޑިއާ ސަރުކާރުން ވަނީ ނިންމާފަ އެވެ.

ފިނޭންސް މިނިސްޓްރީ ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ 11 ބުރީގެ މި އިމާރާތް އެޅުމަށް ޝައުގުވެރިވާ ދިވެހި އަދި އިންޑިއާގެ ކުންފުނިތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އެޅުމަށް ހަމަޖެހިފައިވާ މިއިމާރާތަށް ބީލަން ހުށަހަޅާއިރު 100 ޑޮލަރު ނުވަތަ 1500 ރުފިޔާގެ ނަން ރިފަންޑަބްލް ރަޖިސްޓްރޭޝަން ފީއެއް ނަގާނެ ކަމަށްވެސް އިއުލާންގައިވެ އެވެ.

ބިޑް ސެކިއުރިޓީގެ ގޮތުގައި 355،000 ރުފިޔާ ނުވަތަ އެ އަދަދަށްވާ އެމެރިކާ ޑޮލަރު ދައްކަންޖެހެ އެވެ.

ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ކުރިއަށް ޑިސެމްބަރު 18 ވަނަ ދުވަހު ކަމަށްވެސް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެ އެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ކޯސްޓްގާޑް ބިލްޑިން ހުރި ތަނުގައި މިއިމާރާތް އެޅުމަށް ނިންމާފައިވާތީ ކޯސްޓްގާޑު ބިލްޑިން ތަޅައިދޭނެ ބަޔަކު ހޯދަންވެސް މީގެކުރިން އިއުލާންކޮށްފައިވެ އެވެ.

ޑިފެންސް މިނިސްޓްރީގެ އާ އިމާރާތް އެޅުމަށް 2013 ވަނަ އަހަރުން ފެށިގެން އިންޑިއާ ސަރުކާރާ އެކު ދިވެހި ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޑިފެންސް މިނިސްޓްރީގެ އާ އިމާރާތް އެޅުމަށް މުހައްމަދުގެ ނާޒިމުގެ ޑިފެންސް މިނިސްޓަރު ކަމުގައި 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ބިންގާ ވެސް އަޅާފައިވެ އެވެ.

އިންޑިއާ އިން ގެންދަނީ ރާއްޖެ އަށް އެހީ ބޭނުންވާ ތަފާތު ދާއިރާތަކުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އިންޑިއާ އިން އެންމެ ބޮޑަށް އެހީވާ ދާއިރާތަކުގެ ތެރޭގައި ރާއްޖޭގެ އަސްކަރީ ދާއިރާ ހިމެނެ އެވެ.
ހިޔާލު

ޔޫ

އަނހާ!!! އެލިއާ އެބައޮތެއްނު!!!!!!