Bodu chuttee ge beynun heyo gothugai hifumah huthubaa gai govaalaifi
image
އިސްލާމީ މަރުކަޒުގައި ނަމާދު ކުރަނީ --
0 ކޮމެންޓް
 

ބޮޑު ޗުއްޓީގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ހުތުބާގައި ގޮވާލައިފި

ދިރާސީ އަހަރު ނިމި، މަދުރާސާތައް ބަންދުވެފައިވާ މި ދުވަސްވަރު، ޗުއްޓީގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ ޝައިތާނީ ގޮވާލުންތަކުގެ ތެރޭގައި ހިމެނޭ ހަވާ ނަފްސުގެ އެދުންތަކަށް ހެއްލި، ބޭކާރު ކަންތައްތަކާއި ބޭކާރު ވަގުތުތައް ނަގާލުމުގެ ބަދަލުގައި އިސްލާމްދީން ހުއްދަކުރާ އަދި ދުނިޔެވީ ގޮތުން ފައިދާ ކުރުވަނިވި ކޮންމެވެސް ހުނަރެއް ކުރިއެރުވުމަށް ނުވަތަ އެފަދަ މަސައްކަތެއް ކުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ. އިންސީންގެ ތެރޭގައިވެސް ނުބައި ކަންކަމަށް ވަސްވާސް ދޭނެ މީހުން ތިބޭނެކަން ހަނދުމަކޮށް އެފަދަ ފަރާތްތަކުން ދޭ ވަސްވާސްތަކަށް ހޭވެރިވުމަށްވެސް ހުތުބާގައި ވަނީ ގޮވާލައިފައެވެ.

ކީރިތި ގުރުއާނުން ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް ކިޔެވުމަށް ވަގުތުކޮޅެއް ކޮންމެ ދުވަހަކުވެސް ހޭދަކޮށް މިސްކިތާއި ރަހުމަތްތެރި ކުއްޖަކަށް ކޮންމެ ކުއްޖަކަށްވެ ފަސްވަގުތު ނަމާދު ކުރުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. ޗުއްޓީގެ ގޮތުގައި ލިބޭ ދުވަސްތަކުގެ ތެރޭގައި ތިމާއަށް ލިބިފައިވާ ހުނަރެއް އިތުރަށް ތަރައްގީ ކުރުމަށާއި އިތުރު ކޯސްތައް ހެދުމަށާއި ފައިދާހުރި މަސައްކަތެއް ކުރުމަށްވެސް ހުތުބާގައި ގޮވާލައިފައިވެއެވެ. އެގޮތުން ރަށުގައި ކުރެވެން ހުރީ ކޮންކަހަލަ މަސައްކަތެއްތޯ ބަލާ ދަސްކޮށް އެ މަސައްކަތަށް އަހުލުވެރިވުމަށް ހުތުބާގައި ބުނެފައިވެއެވެ. އޭރުން ޗުއްޓީ ނިމިގެން ދާއިރު އިތުރު ހުނަރެއް ކޮންމެ ކުއްޖަކަށްވެސް ދަސްވެގެން ދާނެ ކަމަށްވެސް ހުތުބާގައި ބަޔާންކޮށްފައިވެއެވެ.

ޒުވާނުންނަކީ އުއްމަތުގެ އެންމެ އަގުބޮޑު ރައުސުލްމާލު ކަމަށް ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ އުއްމަތް ކުރިއަރައިގެން ދިއުމުގެ އެންމެ ބޭނުންތެރި ބަހާއަކީ ޒުވާނުން ކަމަށެވެ. އުއްމަތް ހެޔޮ ގޮތުގައި ދެމި އޮތުމަށް އެންމެ ބޮޑު ޒިންމާއެއް އެބައެއްގެ ކޮނޑުގައި އެޅިފައިވާ ބަޔަކީ ޒުވާނުންކަން ފާހަގަކޮށް ހުކުރު ހުތުބާގައި ބުނެފައިވަނީ ޒުވާނުންގެ ވަގުތުތައް ހެޔޮ ގޮތުގައި ބޭނުން ހިފުމަށެވެ. ބޭކާރު ގޮތުގައި ވަގުތުތައް ނަގާލުމަށެވެ. އަދި ޒިންމާތައް ފުރިހަމައަށް އަދާ ކުރުމަށެވެ.

"ލޮބުވެތި ޒުވާނުންނޭވެ! ޒުވާންކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ. ނުރަނގަޅު އެކުވެރިން އިހްތިޔާރު ނުކުރާށެވެ. އެހެނީ އެފަދަ އެކުވެރިން މަސައްކަތް ކުރާނީ މުންކަރާތްތަކަކީ ރަނގަޅު ކަންތައް ކަމުގައި ދައްކައިގެން ތިޔަ ކުދީންގެ ސިކުނޑިތަކާއި ކުޅެލާށެވެ،" ހުތުބާގައިވެއެވެ.

ހުތުބާގައި މައިންބަފައިންނާއި ބެލެނެވެރިންނަށް އަމާޒުކޮށް ބުނެފައިވަނީ ދަރިންނަކީ މައިންބަފައިންނަށް މާތްﷲ ހަވާލުކުރައްވާފައިވާ އަގުބޮޑު އަމާނާތެއް ކަމަށާއި އެކަން ޗުއްޓީ ތެރޭގައިވެސް ހަނދާން ނައްތާނުލުމަށެވެ. ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަކީ މައިންބަފައިންގެ މަސްއޫލިއްޔަތެއް ކަމަށްވާއިރު ޗުއްޓީ ތެރޭގައިވެސް އެކަން ހަނދާނުގައި ބެހެއްޓުމަށް ހުތުބާގައި ވަނީ ބުނެފައެވެ. އެގޮތުން ދަރިންނަށް ސޯލިހު ރަނގަޅު އުޅުމެއް ދަސްކޮށްދީ ބޮޑެތި މީހުންނަށް އިހްތިރާމް ކުރުމަށް ދަސްކޮށްދީ ގަސްގަހާއި ގެއްސާއި ދިރޭ ތަކެއްޗަށްވެސް އޯގާތެރިވުމަށް ދަސްކޮށްދިނުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
ހިޔާލު