MDP ethereyge inthikhaabu ge Vote lun Fashaifi
image
އެމްޑީޕީ އެތެރޭގެ އިންތިހާބަށް ކުރިމަތިލެއްވި ބޭފުޅުން: (ކ-ވ) މުހައްމަދު ޝިފާޒު، މުހައްމަދު ނަޝީދު، މުހައްމަދު އަސްލަމް --
0 ކޮމެންޓް
 

އެމްޑީޕީ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ. މި އިންތިހާބަކީ އެމްޑީޕީގެ ރައީސްއާ ނާއިބު ރައީސުން ހޮވުމަށް ބާއްވާ އިންތިހާބެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި، އެޕާޓީގެ ރައީސްގެ މަގާމަށް ވާދަކުރައްވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ. މީގެއިތުރުން ނައިބު ރައީސްގެ މަގާމަށް ވާދަކުރައްވަނީ އެޕާޓީގެ މިހާރުގެ ވެސް ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒާއި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.

އިންތިހާބުގެ ވޯޓުލުން ފަށާފައި ވަނީ މިއަދު މެންދުރު 14:00ގައެވެ. އެމްޑީޕީން އިއްޔެ ބުނެފައިވަނީ ވޯޓުލުން ކުރިޔަށް ގެންދާނީ މިއަދުގެ އިރުއޮއްސި 18:00އާ ހަމައަށް ކަމަށެވެ.

ވޯޓުލުމުގެ ކަންކަން ކުރިޔަށް ގެންދަނީ ރަށްރަށުގައި ހުންނަ އެމްޑީޕީގެ ހަރުގެތަކުގައެވެ. އެމްޑީޕީން ބުނީ މާލޭގައި ހުންނަ އެޕާޓީގެ މައި ހަރުގޭގައި ހުންނާނީ މާލޭގައި ދިރިއުޅޭ އައްޑޫ އާއި ފުވައްމުލަކުގެ އެމްޑީޕީގެ މެންބަރުން ވޯޓްލާންޖެހޭ ފޮށިތައް ކަމަށެވެ. މާލޭގައި ދިރިއުޅޭ އެހެން އަތޮޅުތަކުގެ އެމްޑީޕީގެ މެންބަރުން އަދި މާލެއަށް ނިސްބަތްވާ އެމްޑީޕީގެ މެންބަރުން ވޯޓްލާންޖެހޭ ވޯޓު ފޮށިތައް ހުންނާނީ އިސްކަންދަރު ސްކޫލުގައެވެ.

ހުޅުމާލޭގައި ބަހައްޓާ ވޯޓު ފޮށި ޣާޒީ ސްކޫލުގައި ބަހައްޓާއިރު، ވިލިމާލޭގައި ބަހައްޓާ ވޯޓު ފޮށި ބަހައްޓާފައި ހުންނާނީ ވިލިމާލެ އެމްޑީޕީ ހަރުގޭގައެވެ. މި އިންތިހާބުގައި ރާއްޖެއިން ބޭރުގައިވެސް ވޯޓު ފޮއްޓެއް ބަހައްޓާފައިވެއެވެ. އެއީ އަވަށްޓެރި ސްރީލަންކާގައެވެ.

އެމްޑީޕީގެ މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 87439 މީހުންނަށް ލިބިގެންވެއެވެ. އެމްޑީޕީން ބުނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 80 ޕަސެންޓު މީހުން ވޯޓުލާނެ ކަމަށް ބެލެވޭ ކަމަށެވެ.
ހިޔާލު