މިފެށޭ 2020 ވަނަ އަހަރުގެ ތެރޭގައި، އެސް.އެމް.އީ ބޭންކު މެދުވެރިކޮށް 450 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ބަޖެޓް ކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ، "ފަންނު އެކްސްޕޯ 2019" ހުޅުވުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ރައީސް ސޯލިހް ވިދާޅުވެފައިވަނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ސަރުކާރުން ދޭ އެހީތެރިކަމުގެ ފައިދާ، ރާއްޖޭގެ އިޤްތިސާދުން ވަރަށް އަވަހަށް ފެންނަން ފަށާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ފަންނު އެކްސްޕޯ އަކީ، ދިވެހިންގެ ފަންނީ ހުނަރުވެރިކަމާއި ކުޅަދާނަ މަސައްކަތްތެރިކަން، ޒަމާނާއެކު ތަރައްޤީވެ ކުރިއަރަމުން އަންނަކަން ސާބިތުކޮށްދޭނެ ކަމެއްކަމަށް ރައީސް ވިދާޅުވި އެވެ.
ފަންނު އެކްސްޕޯ ފަދަ މައުރަޒުތައް ބޭއްވުމުގެ ބޭނުމަކީ، މަސައްކަތްތެރިންނަށް ހިތްވަރުދީ، ދިވެހިންގެ ހުނަރުތައް ދިރުވައި އާލާކުރުމަށް، ވާދަވެރި މާހައުލެއްގެ ތެރެއިން ފުރުސަތު ފަހިކޮށްދިނުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި ހިންގާ ވިޔަފާރިތަކުގެ ގާތްގަނޑަކަށް 93 އިންސައްތައަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައްކަމުގައި ވީ ނަމަވެސް އެފަދަ ވިޔަފާރިތައް ކުރިއަރުވައި ތަރައްޤީ ކުރުމުގައި ގިނަ ހުރަސްތައް ކުރިމަތިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި އެސްއެމްއީ ބޭންކް އުފެއްދެވީ އެފަދަ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރު ކޮށްދީ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކޮށްދިނުމުގެ ބޭނުމުގައިކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާތަނަށް އެސްއެމްއީ ބޭންކް މެދުވެރިކޮށް އެކި ފަރާތްތަކަށް 233 މިލިއަން ރުފިޔާ ދިނުމަށް، ނިންމައި، ބައެއް ވިޔަފާރިތަކަށް ފައިސާ ހަވާލު ކޮށްފައިވާކަމަށެވެ.
ފަންނު އެކްސްޕޯއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އިންތިޒާމްކޮށްގެން މިމަހުގެ 28 ގެ ނިޔަލަށް ދަރުބާރުގެއާއި، ކަލާފާނު ސްކޫލް އަދި ކުޑަކުދިންގެ ބަގީޗާގައި ކުރިޔަށްގެންދާ މައުރަޒެކެވެ.