Minister Shahid ge masahkaithah sirreh noon
image
ފޮޓޯ: ފޮރިން މިނިސްޓްރީ
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

ޝާހިދުގެ މަސައްކަތްޕުޅުތައް ސިއްރެއް ނޫން

ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ޝާހިދަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އެންމެ ހިންގުންތެރި އެއް ވަޒީރެވެ.
ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން އެމަނިކުފާނު މަސައްކަތްތަކުގެ މަސްއޫލިޔަތު އަދާކުރައްވާ އިރު، އެކަންކަން ކުރައްވަނީ ނުހަނު ހާމަކަން ބޮޑު ގޮތެއްގަ އެވެ. އެއްވެސް ކަމެއް ސިއްރުން ކުރައްވާ ތަނެއް ނުފެނެ އެވެ. އެމަނިކުފާނުގެ ބައްދަލުވުންތަކުން ފެށިގެން ބޭރުގެ ދަތުރު ތަކުގެ މައުލޫމާތުތައް ހިއްސާ ކުރައްވަ އެވެ.

ފޮރިން މިނސްޓަރުގެ މަގާމަކީ ގައުމުގައި ހުންނަވައިގެން ބޮޑު ގޮނޑީގައި ފިނި ކޮޓަރީގައި އިންނަވައިގެން ހަމައެކަނި ކުރެވޭނެ ކަމެއް ނޫނެވެ. ފައިދާކުރަނިވި ފޮނި ނަތީޖާއެއް ނެރުމަށްޓަކައި އެކި ފަރާތްތަކާއި ބައްދަލުކޮށް ދަތުރުކުރަންޖެހެ އެވެ.

ރާއްޖޭގެ ވަޅުޖެހިފައި އޮތް ޚާރިޖީ ސިޔާސަތު ނަގާ ކޮޅަށް ޖެހުމަށްޓަކައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގެންދަވަނީ ރެއާއި ދުވާލު ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ޝާހިދުގެ މަސައްކަތްތަކަށް އިދިކޮޅު ބައެއް ބޭފުޅުން ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ވެސް ގެންދަވަ އެވެ. ދަތުރުތަކަށް މާގިނަ ޚަރަދު ހިނގާ ވާހަކަ އާއި އަބަދު ދަތުރުކުރައްވާ ވާހަކަ އެވެ. އެހެން ނަމަވެސް ފެންނާން އޮތް ހަގީގަތަކީ އެދަތުރު ތަކުގެ ނަތީޖާ ފެންނަމުންދާ ކަމެވެ.

މިނިސްޓަރު އަބްދުﷲ ޝާހިދު އެމަނިކުފާނުގެ އެއްވެސް ކަމެއް ސިއްރު ނުކުރައްވައޭ ބުނަން ޖެހުނީ، އެމަގުން ކަން ހިނގާތީ އެވެ. މީޑީއާގައި މަސައްކަތް ކުރާ ފަރާތްތަކަށް މިކަންކަން ހާމަވާނެ އެވެ.

މިނިސްޓަރު ޝާހިދަކީ ދޭތެރެ ދޭތެރެއިން މީޑީއާގެ އެކި ފަރާތްތަކާއި ބައްދަލުކުރައްވާ އެފަރާތްތަކުގެ ސުވާލުތަކަށް ޖަވާބު ދެއްވާ، މީޑިއާއާ ގާތް ބޭފުޅެކެވެ. އަދި މިނިސްޓަރު ޝާހިދަކީ އެމަނިކުފާނުގެ ފޯނަށް ޖަވާބުދާރީވެ ވަޑައިގެންނެވުމުގައި ވެސް ރެކޯޑް ރަނގަޅު ބޭފުޅެކެވެ. ވަގުތުން ފޯނު ނުނެގޭ ހާލަތުގައި ފަހުން ގުޅުއްވާ މީޑިއާގެ ފަރާތްތަކުގެ ސުވާލުތަކަށް ޖަވާބު ދެއްވާ ހައްދަވަ އެވެ. މިކަންކަން މި މަގުން ފާހަގަކުރަން ޖެހުނީ މިސަރުކާރުގެ ބައެއް މިނިސްޓަރުންގެ ކިބައިން މީޑީއާ އާއި ރައްޓެހި ސިފަ ފެންނަމުން ނުދާތީ އެވެ.

މީގެ އިތުރުންވެސް މިނިސްޓަރު ޝާހިދުގެ މީޑިއާ ޓީމަކީ އަބަދުމެ މީޑިއާގެ ފަރާތްތަކަށް އެމަނިކުފާނުގެ އެކިކަންކަމާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމުގައި އަވަދިނެތި އުޅުއްވާ ޓީމެކެވެ.

މިނިސްޓަރު ޝާހިދާ ގުުޅޭގޮތުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދުގެ މެސެޖެއް ނުލިބޭ ދުވަހެއް ނުދާނޭ ބުނުން ދޮގަކަށް ނުވާނެ އެވެ. އަދި އެވަރުން ނުވެގެން މިނިސްޓަރާ ގުޅޭ މައުލޫމާތުތައް ދެއްވުމަށް މިއުވާން އަމިއްލަފުޅަށް ގުޅުއްވާ އެކަންކަން ނޫސްވެރިންނާއި ހިއްސާކުރައްވާ ހައްދަވަ އެވެ.

މީގެ އިތުރުން މިނިސްޓަރުގެ ދަތުރުފުޅުތަކާއި ގުޅުންހުރި މައުލޫމާތުތައް މިނިސްޓްރީގެ ޓްވިޓާ އެކައުންޓާއި ފޭސްބުކް އެކައުންޓުން އަބަދުމެ ލިބެންހުރެ އެވެ. މިއީ ބައެއް މިނިސްޓަރުންގެ ކިބައިން ފެންނަ ކަމެއް ނޫނެވެ. ބައެއް މިނިސްޓަރުން ފުރާވަޑައިގަންނަވާ ކަން މީޑިއާތަކަށް ނޭނގޭ ފަހަރުވެސް އާދެ އެވެ. އެނގެނީ ބޭރުގެ ކޮންމެވެސް ގައުމެއްގައި އޮތް ކަމެއްގައި ބައިވެރިވެވަޑައިގަންނަވާ ވާހަކަ އެވެ. އެހެންނަމަވެސް ފޮރިން މިނިސްޓަރު ޝާހިދު މިއާއި ތަފާތޭ ހަމަ ދަންނަވަންޖެހެ އެވެ. ޚުދު މިނިސްޓަރު ޝާހިދުވެސް އެމަނިކުފާނުގެ ދަތުރުފުޅުތަކުގެ މައުލޫމާތު ޓްވީޓް ކުރައްވާ ހައްދަވަ އެވެ.

މީގެ އިތުރުންވެސް މިނިސްޓްރީތައް ޖަވާބުދާރީ ކުރުވާ ޒިންމާދާރު ކުރުވުމަށް އޮތް ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ޝާހިދު ވަޑައިގެން މައުލޫމާތު ދެއްވާފައި ވެސް އެބަހުއްޓެވެ. ފޮރިން މިނިސްޓްރީގެ އޮފިޝަލުން ކޮމިޓީތަކަށް ހާޒިރުވެ ޖަވާބު ދާރީވެފައި އެބަހުއްޓެވެ.

މިހުރިހާ ކަމަކުންވެސް ފެންނަނީ އަދި އެނގެނީ ހިފެހެއްޓުމެއް ނެތި ހާމަކަމާއި އެކު ފޮރިން މިނިސްޓަރުގެ މައުލޫމާތުތައް ރައްޔިތުންނަށް ލިބޭ ކަމެވެ. ކަންކަން ހާމަކުރަން ބޭނުންވާ މިންވަރެވެ.
ހިޔާލު