Pakistange verikamugai sifainge ithuruvamundhaa nufoozu
image
ޕާކިސްތާންގެ ބޮޑުވަޒީރާއި އެގައުމުގެ އާމީ ޗީފް
0 ކޮމެންޓް
 

ޕާކިސްތާންގެ ވެރިކަމުގައި ސިފައިންގެ އިތުރުވަމުންދާ ނުފޫޒު

ޗައިނާއިން ޕާކިސްތާންގައި ކޮށްފައިވާ އިންވެސްޓްމެންޓަށް ޕާކިސްތާންގެ ސިޔާސީ ފަރާތްތަކުން ފާޑުކިޔުމުން ސިފައިން އެކަމާ ދެކޮޅަށް ނުރުހުން ފާޅު ކުރެ އެވެ. ޗައިނާއިން ވަނީ ޕާކިސްތާންގައި 60 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމެންޓެއް ކޮށްފަ އެވެ. ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯއަކީ، ޕާކިސްތާން ފަޅީގައި ސިފައިން އިސްވެ އޮވެގެން ކުރިއަށް ގެންގޮސްފައިވާ ބިޔަ ފޮރިން އިންވެސްޓްމެންޓެކެވެ.
ޕާކިސްތާންގެ މަތީގެ ސެނެޓްގެ ހާރިޖީ ގުޅުމާ ބެހޭ ކޮމިޓީގެ ރައީސް މުޝާހިދު ހުސައިން މިއިންވެސްޓްމެންޓަށް ފާޑު ވިދާޅުވުމުން، ޖެނެރަލް ގަމަރު ބާޖްވާ ވަނީ ކުއްލި ގޮތަކަށް ޕާކިސްތާނަށް ވަޑައިގެންފަ އެވެ. ޗައިނާއިން ވަނީ ޕާކިސްތާނުގެ ސިޔާސީ ފަންތީގައި 60 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަށް ފާޑުކިޔުން އަމާޒުވާތީ އެކަމާ ނުރުހުން ފާޅުކޮށްފަ އެވެ.

އިމްރާން ހާންގެ ސަރުކާރަކީ ސިފައިންގެ އެހީތެރިކަމާއެކު ވެރިކަމަށް އައި ސަރުކާރެކެވެ. ނަމަވެސް ސިފައިންގެ މަސްލަހަތަށް ބުރޫ އަރާ ގޮތަށް ސިޔާސީ ފަރާތްތަކުން ފާޑު ކިޔަމުންދާތީ ސިފައިން ކަން ބޮޑުވެ އެވެ. އިމްރާން ހާންގެ އެޑްވައިޒަރު، އަބްދުއްރައްޒާގް ދާއޫދު ވިދާޅުވެފައިވަނީ ނަވާޒް ޝަރީފްގެ ސަރުކާރުން ޗައިނާއާއެކު އެކަށީގެންވާ މިންވަރަށް މަޝްވަރާކޮށްފައި ނުވާ ކަމަށެވެ. އަދި މައްސަލަ ދިރާސާ ކުރަންވީ މިންވަރަށް ދިރާސާ ނުކޮށް ޗައިނާއަށް އިންވެސްޓްމެންޓްތައް ދީފައިވާތީ އެއް އަހަރު ދުވަހަށް ޗައިނާގެ އިންވެސްޓްމެންޓްގައި މަސައްކަތް ކުރުން ހުއްޓާލުމަށް ހުށަހަޅުއްވާފައިވެ އެވެ.

ދާއޫދުގެ މި ވާހަކަތަކާ ގުޅިގެން ޗައިނާއިން ނުރުހުން ފާޅުކުރުމުގެ ސަބަބުން މަސްރަހު ފިނިކޮށްލުމަށްޓަކައި ކުއްލި ގޮތަކަށް ބާޖްވާ ބެއިޖިންއަށް ވަޑައިގަންނަވަން ޖެހިވަޑައިގަތެވެ.

އެއަށްފަހު އިމްރާން ހާންގެ ކޮމިއުނިކޭޝަން މިނިސްޓަރު މިއަހަރު ފެބްރުއަރީގައި ވިދާޅުވެފައިވަނީ ޗައިނާ އިކޮނޮމިކް ކޮރިޑޯގެ މަޝްރޫއުގައި 70 ބިލިއަން ޕާކިސްތާން ރުޕީސްގެ ކޮރަޕްޝަންގެ އަމަލު ނަވާޒް ޝަރީފްގެ ސަރުކާރުން ހިންގާފައިވާ ކަމަށެވެ.

ޖެނަރަލް ބާޖްވާ މަސްރަހު ފިނިކުރެއްވުމަށް މަސައްކަތް ކުރެއްވި ނަމަވެސް ޗައިނާއިން ވަނީ މި ތުހުމަތުތަކާ ގުޅިގެން ބައެއް ޕްރޮޖެކްޓްތަކުގެ މަސައްކަތް ލަސްކުރަން ފަށާފަ އެވެ.

އިމްރާން ހާންގެ ސަރުކާރަށް ދިމާވެފައިވާ މާލީ ދަތިތަކުން ސަލާމަތް ވުމަށް އައިއެމްއެފްގެ އެހީތެރިކަމަށްވެސް ވަނީ އެދިފަ އެވެ.

އެމެރިކާއިން ދެކޭ ގޮތުގައި ޕާކިސްތާންގައި ޗައިނާއިން ހިންގާ އިންވެސްޓްމެންޓްތަކުގެ ސަބަބުން ޕާކިސްތާން ދާނީ އިތުރަށް ދަރަނި ވެރިވަމުންނެވެ. ޗައިނާއިން މިކަން ދޮގު ކުރެ އެވެ.

ޗައިނާއިން ވަނީ މިއަހަރުގެ އޮކްޓޯބަރު މަހު އިމްރާން ޚާން ބެއިޖިންއަށް ކުރެއްވި ދަތުރުފުޅުގައި ޚާންއާއި ބާޖްވާއާ ދެބޭފުޅުންގެ އަރިހުން މިއިންވެސްޓްމެންޓަށް ހުރަސް ނާޅުއްވާނެކަމުގެ ޔަގީންކަން ހޯދާފަ އެވެ.

ޖެނެރަލް ބާޖްވާގެ މަގާމުގެ މުއްދަތު ހަމަވި ނަމަވެސް ސަރުކާރުން ވަނީ އޭނާ އިތުރު ތިން އަހަރަށް ހިދުމަތުގައި ހުންނެވުމަށް އެދިފަ އެވެ. ޕާކިސްތާންގެ އިސް ޖެނެރަލް މަގާމުގައި އިތުރު މުއްދަތަކަށް ހުންނެވުމަށް ޗައިނާއާއި އެމެރިކާއިން ވެސް ވަނީ ރުހުން ދީފަ އެވެ.

މިއީ ކުރިންވެސް ލަފާކުރެވިފައި އޮތް މަންޒަރެކެވެ. ސިފައިން ވަނީ ނަވާޒް ޝަރީފްގެ ވެރިކަމުގައި ނުފޫޒު ގަދަކުރި މިންވަރަށް ވުރެން އިތުރަށް އިމްރާން ހާންގެ ވެރިކަމުގައި ނުފޫޒު ގަދަކޮށްފަ އެވެ. އަދި އިންތިހާބީ ސަރުކާރުގެ ނުފޫޒު މަޑުމަޑުން ފަނޑުވަމުންދާ ގޮތަށް ސިފައިންގެ ނުފޫޒު ދަނީ ސަރުކާރުގައި އިތުރުވަމުންނެވެ.

ސިފައިންގެ ނުފޫޒު އިތުރުވަމުން ދިއުމާއި ބާޖްވާއަށް އިތުރު މުއްދަތެއް ލިބުމަކީ ހިމޭން އިންގިލާބެއްގެ ގޮތުގައިވެސް ސިފަ ކުރެވިދާނެ އެވެ. ސިފައިންނާއި ސަރުކާރާ ދެމެދުގެ ނުރުހުމަކީ މީހުންނަށް ސާފުކޮށް ފެންނަ ކަމެކެވެ. ނަމަވެސް މީޑިއާއަކީ ވަރުގަދަ ނުފޫޒެއްގެ ދަށުގައިވާ ވަސީލަތެއް ކަމުން މީޑިއާއިން ދަނީ މިކަން ދޮގު ކުރަމުންނެވެ.

އިމްރާން ހާންއާ ސިފައިންނާ ދެމެދު ދެބަސްވުމަކަށް އަންނަން ޖެހުނީ ދެ މައްސަލައަކާ ގުޅިގެންނެވެ. ފުރަތަމަ މައްސަލައަކީ ޓެރަރިސްޓުންނަށް ސިފައިން ސީދާކޮށާއި ނުސީދާކޮށް ވާގިވެރިވާ މައްސަލަ އެވެ. އަނެއްކޮޅުން އިގްތިސާދީ އަނދަވަޅެއްގައި އޮތް ޕާކިސްތާނަށް ބޭނުންވާ މާލީ އެހީތެރިކަން ލިބުމުގައި ޓެރަރިސްޓުންނަށް ފަންޑް ކުރާ މައްސަލަ ހުރަހެއްގެ ގޮތުގައި މެދުވެރިވެގެން ދިއުމެވެ.

އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ސެޕްޓެމްބަރު މަހު ހާން ވިދާޅުވެފައި ވަނީ ޕާކިސްތާންގައި ސާޅީސްހާހާއި ތިރީސްހާހާ ދެމެދުގެ އަދަކަށް ޓެރަރިސްޓުން އުޅޭ ކަމުގަ އެވެ. މިއަށްވުރެ ބޮޑު ވާހަކައަކަށް ވެގެން ދިޔައީ ޕާކިސްތާން ސިފައިން އަލްގާއިދާއާއި އެހެނިހެން ޓެރަރިސްޓުންނަށް ތަމްރީން ދިން ކަމަށް ޚާން ވިދާޅުވުމުންނެވެ.

މިއީ އެންމެން ދަންނަ ބޮޑު ސިއްރެއް ކަމުގައިވީ ނަމަވެސް މިއަދާ ހަމައަށް ބޮޑު ވަޒީރަކު ފާޅުގައި މިކަން މިގޮތަށް ބަޔާން ކުރައްވާފައެއް ނުވެ އެވެ. މި ވާހަކައަކީވެސް ސިފައިންނަށް ހަޖަމްވި ވާހަކައެއް ނޫނެވެ. އޭގެ ދުވަސްކޮޅެއް ފަހުން އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި ވޮރިކް ޔުނިވާސިޓީގައި ބާޖްވާ ބައިވެރިވެ ވަޑައިގެންނެވި ބައްދަލުވުމެއްގައި ސިފައިންގެ އިސް ވެރިއަކު ވިދާޅުވީ ދުނިޔެއިން ޕާކިސްތާނަށް ޝުކުރުވެރިވާން ޖެހޭނެ ކަމުގަ އެވެ. އެއީ ޕާކިސްތާނުން ވަނީ ޓެރަރިޒަމްގެ ވަބާ ނައްތާލުމަށް މަސައްކަތްކޮށްފައި ކަމަށެވެ.

މީގެއިތުރުން އިގްތިސާދީ ރޮނގުން އިމްރާނާ ސިފައިންނާ ދެމެދު އަރާރުމެއްވެސް އެބަ އޮތެވެ. ޕާކިސްތާންގެ ދަރަނި ދަނީ އިތުރުވަމުންނެވެ. އަސާސީ މުދަލުގެ އަގުތައް ދަނީ ބޮޑުވަމުންނެވެ. މިކަމާ ގުޅިގެން ރައްޔިތުންގެ ނުރުހުން ސަރުކާރަށް ދަނީ އަމާޒު ވަމުންނެވެ.

އިމްރާން ޚާންގެ ނުފޫޒު އޭނާގެ އަމިއްލަ ސަރުކާރުގައި ދަނީ ހަނިވަމުންނެވެ. އަދި ނަވާޒް ޝަރީފް ފުރުވާލުމުގައި ސިފައިން ކުޅެފައިވާ ދައުރާ މެދުވެސް އިމްރާން ހާން ގާޔާވެވަޑައިގެންފައެއް ނުވެ އެވެ. ނަމަވެސް ސިފައިންނާއި ނަވާޒް ޝަރީފްއާ ދެމެދު އެއްވެސް އެއްބަސްވުމަކަށް އާދެވުނު ކަމުގެ އެއްވެސް އަލާމާތެއް ފެންނާކަށް ނެތެވެ.

ޕާކިސްތާންގައި ސިފައިން ވެރިކަމުގައި އުޅުނު ހަނދާންތައް އަދި ރައްޔިތުންގެ ހިތުން ފޮހެވިގެންދާނެހާ ދުވަހެއް ނުވެ އެވެ. ނަމަވެސް ސިފައިންނާއި ސަރުކާރު އޮތީ އެއްބަޔަކު އަނެއްބަޔަކަށް ފާރައަށެވެ. ވާގޮތެއް ބަލަން ތިބެމާ ހެއްޔެވެ؟
ޕާކިސްތާން
ހިޔާލު