Terrorism hamalathakai Mumbaige hamalaa ah balaalumeh
image
އިންޑިއާގެ މުމްބާއީގެ މަޝްހޫރު ތާޖު ހޮޓަލެއް ދިން ހަމަލާގެ ތެރެއިން
0 ކޮމެންޓް
 

ޓެރަރިސްޓް ހަމަލާތަކާއި މުމްބާއީގެ ހަމަލާއަށް ބަލާލުމެއް

ޓެރަރިޒަމާ ބެހޭ ގޮތުން ތަފާތު މަހެފިލްތަކުގައި ވާހަކަ ދެއްކެވުމާއި ޓެރަރިޒަމްގެ ނުރައްކަލާމެދު ގައުމުތަކާއި ސަރަހައްދު ސަމާލުކަމަށް ގެނައުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީ ވަރަށް ގިނަފަހަރު ވާހަކަ ދައްކަވާފައިވެ އެވެ.
މިއީ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިންޑިއާގެ މުމްބާއިއަށް ދިން ވަރުގަދަ ޓެރަރިސްޓް ހަމަލާތަކާ ގުޅުން ހުރި އިންޒާރުތަކެކެވެ. އެއިރު މޮދީއަކީ ގުޖުރާތުގެ ޗީފް މިނިސްޓަރެވެ. އަދި އޭނާއަކީ މުމްބާއީގެ ހަމަލާތަކަށް ފަހު އެސިޓީއަށް ޒިޔާރަތްކުރެއްވި މަތީ ފެންވަރުގެ އިސް މަސްއޫލުވެރި އެކެވެ.

އެއިރުވެސް މޮދީ ވިދާޅުވެފައިވަނީ ބައިނަލްއަގްވާމީ މުޖުތަމައުގެ މެންބަރުންގެ ބައިވެރިވުން ޓެރަރިޒަމް ކުށްވެރިކުރުމުގައި ބޭނުންވާ ކަމަށެވެ. އަދި ޕާކިސްތާނުން ތަކުރާރުކޮށް އދގެ ގަރާރުތަކަށް ގޮން ޖަހާފައިވާ މައްސަލަ ކުށްވެރިކުރަން ޖެހޭނެ ކަމުގަ އެވެ.

މިއަދު، ބްރިކްސް ޖަމާއަތުގެ ބައްދަލުވުމެއްކަމުގައި ވިއަސް އަދި އެސްސީއޯ ނުވަތަ އާސިއަންގެ ބައްދަލުވުމެއްކަމުގައި ވިއަސް އަދި އެއީ ކޮންމެ ފަސްގަނޑެއްގައި ބޭއްވޭ ބައްދަލުވުމެއްކަމުގައި ވިއަސް، މޮދީ ވަނީ މުމްބައިގެ ހަމަލާތަކާ ގުޅިގެން ކުރިމަތިވެގެން ދިޔަ ޓެރަރިޒަމްގެ ނުރައްކަލަށް ޕާކިސްތާންގެ ބައިވެރިންގެ ފަރާތުންވެސް އޭނާގެ ގޮވާލުމަށް ތާއީދު ހޯއްދަވާފަ އެވެ.

މުމްބައިއަށް ދިން ޓެރަރިސްޓް ހަމަލާއަކީ އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒަށް ދިން ހަމަލާ އެކެވެ. ޖެހިގެން އައި ތިން ދުވަސްމަތިން ގުނަމުން ދިޔަ މަރުތައް 146 އަށް އެރި އެވެ. އަދި މީގެ އިތުރުން ވިއްސަކަށް ފުލުހުންގެ ފުރާނަވެސް ގެއްލިގެން ދިޔަ އެވެ. އަދި 300 އެއްހާ މީހުންނަށް އެކި ވަރުވަރުގެ އަނިޔާތައްވި އެވެ.

"މުމްބައިއަށް ދިން ޒާތުގެ ޓެރަރިސްޓް ހަމަލާ" މިއީ އާންމު ބަހުރުވައިގެ ތެރެއަށް ވަދެގެން ދިޔަ ހާދިސާއެއްގެ ސިފަ ކުރެވުމެކެވެ. މި ހަމަލާ ދިން ވައްތަރާއި އަދި ހަމަލާ ރޭވި ގޮތާއި އަދި މީގެ އަމާޒު ފަތްގަނޑާއި އަދި ކުރިމަތިކުރުވި ގެއްލުން އަދި އޭގެ އިތުރުން ބިދޭސިން މަރާލުމާއި ހަމަލާ ދިން މަރުކަޒު ހިސާރު ކުރުމުގެ އަމަލު ވެގެން ދިޔައީ ބައިނަލްއަގްވާމީ މީޑިއާގެ ސަމާުކަން ދަމައިގަތް ކަމަކަށެވެ.

އިންޑިއާގެ ސަރަހައްދު ހުރަސްކޮށް ޕާކިސްތާނުން ހަނގުރާމަވެރިން ދޭތެރޭދޭތެރޭން ހަމަލާތައް ދެމުން ގެންދެ އެވެ. އަދި އެ ހަމަލާތައް ބެލެވިފައި އޮތީ އެއީ ކަޝްމީރުގެ މައްސަލައާ ގުޅިފައިވާ އަމަލުތަކެއް ކަމުގަ އެވެ. ނަމަވެސް 11/26ގައި މުމްބައިއަށް ދިން ހަމަލާ ވެގެން ދިޔައީ ޕާކިސްތާނު ފަޅިން އައި ވަރުގަދަ ހަމަލާއެއް ކަމުގަ އެވެ. މިކަން އިންޑިއާއިން ފާހަގަކުރީ މިއީ އިންޑިއާގެ 11 ސެޕްޓެމްބަރާ ބައްދަލުވުން ކަމުގަ އެވެ.

އިންޑިއާގެ މަސްއޫލުވެރިން ވިދާޅުވީ ހީނުކުރާފަދަ ގޮތަކަށް ކަނޑުގެ ސަރަހައްދާވީ ފަޅިން އައި މި ހަމަލާއަކީ އިންޑިއާ މުޅިން ސިއްސުވާލި ހަމަލާއެއް ކަމުގަ އެވެ. އަދި މިއިން ސަލާމަތީ ހައްސާސްކަން ސާބިތުކޮށްދިން ކަމުގައިވެސް އެފަރާތްތަކުން ފާހަގަ ކުރެ އެވެ.

މި ހަމަލާ ދިން މީހުން މި ހަމަލާ ދީފައިވަނީ ރަނގަޅަށް ރާވައިގެންނެވެ. ޕާކިސްތާން ދަރިކޮޅުގެ އެމެރިކާއަށް ނިސްބަތްވާ ޑޭވިޑް ކޮލްމަން ހެޑްލީ ވަނީ އެތައް ފަހަރެއްގެ މަތިން އޭނާގެ ހަމަލާރޭވުމާއި އޭގެ އަމާޒުފަތްގަނޑު ދިރާސާ ކުރުމަށް މުމްބައިއަށް ދަތުރުކޮށްފަ އެވެ. އަދި މި ހަމަލާގެ މަހެއްހާ ދުވަސް ކުރިން އެމެރިކާއިން، އިންޑިއާއަށް ޓެރަރިސްޓް ހަމަލާއެއް އަތުވެދާނެކަމުގެ އިންޒާރު ދިނެވެ. މި ހާދިސާއަށްފަހު އިންޑިއާއިން ވަނީ ޓެރަރިޒަމްގެ އަމަލުތަކާ ގުޅިގެން އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރުމުގެ ދާއިރާގައި އެމެރިކާއާ ގުޅުން ބަދަހިކޮށްފަ އެވެ.

މުމްބައިއަށް ހަމަލާ ދީފައިވަނީ ލަޝްކަރޭ ތޮއިބާއާ ގުޅިފައިވާ މީހުންނެވެ. އަދި ލަޝްކަރޭ ތޮއިބާއަކީ ޕާކިސްތާންގެ ޖާސޫސީއިދާރާގެ ބައެއް ފަރާތްތަކާ ގުޅިފައިވާ ބައެއް ކަމަށްވެސް ތުހުމަތު ކުރެވިފައިވެ އެވެ. މިހަމަލާގެ ސަބަބުން އިންޑިއާއިން ޕާކިސްތާނަށް ދިއްކުރަމުން އައި ތުހުމަތުތައް ސާބިތު އެއްޗެއް ކަމުގައި ބެލެވުނެވެ. އަދި ބައިނަލްއަގްބވާމީ މުޖުތަމައުގައި އިންޑިއާގެ ވާހަކައަށް ބުރަދަން ލިބިގެން ދިޔަ އެވެ.

މުމްބާއިއަށް ދިން ހަމަލާއިން އިންޑިއާއާއި ޕާކިސްތާންގެ ގުޅުން އައު ގޮތަކަށް ބައްޓަން ވެގެންވެސް ދިޔަ އެވެ. މި ހަމަލާއަށް 11 އަހަރު ފުރިގެން ދިޔައިރުވެސް އިންޑިއާއި ޕާކިސްތާންގެ ބުރޫއަރައިގެން ދިޔަ ގުޅުން ހަމައަކަށް އެޅިފައެއް ނުވެ އެވެ. އެއްވެސް ދޭދޭ ގުޅުމުގެ މަޝްވަރާއެއް ޕާކިސްތާނާއެކު ބޭއްވޭނީ ޓެރރިޒަމްގެ އަމަލުތައް ހުއްޓުމުން ކަމަށް އިންޑިއާއިން އަބަދުވެސް އަންނަނީ ޕާކިސްތާނަށް ޝަރުތު ކުރަމުންނެވެ.

މި ޓެރަރިސްޓް ހަމަލާ ދިނުމުގެ ވިސްނުން ބަދަލު ވާނެ ކަމަށް ނުބެލެވޭ ހާދިސާތަކަކީ މި ފަހުން ފެނިގެން ދިޔަ ގުރުދާސްޕޫރުއާއި އޫރީއާއި ޕުލްވާމާގެ ހަމަލާތަކެވެ. އަދި މިފަދަ ކޮންމެ ހަމަލާއަކާ އިންޑިއާއިން ކުރިމަތިލާނެކަން ސާބިތު ކޮށްދީފައިވަނީ އިންޑިއާއިން ދީފައިވާ ކުއްލި ހަމަލާގެ ސާޖިކަލް ސްޓްރައިކްތަކުންނެވެ. އިންޑިއާގެ މި ފިޔަވަޅުތަކަށް ބައިނަލްއަގްވާމީ މުޖުތަމައުގެ ރުހުންވެސް ލިބިފައިވާ ތަން ފެނެ އެވެ.

ޓެރަރިޒަމް ހަމަލާއަކީ ގޮތް ނޭގޭ ކުއްލި ސިހުމަކާއެކު އަންނަ ހަމަލާތަކެކެވެ. އެހެންވެ މުމްބާއިއަށް ދިން ފަދަ ހަމަލާއެއް ކުއްލިއަކަށްވެސް ހުއްޓުވައެއްވެސް ނުލެވޭނެ އެވެ. މުމްބައިގެ ހަމަލާއިން ޓެރަރިޒަމްގެ އައު ވައްޓަފާޅިއެއް ތައާރަފްވެގެން ދިޔަ އެވެ. ޖެހިގެން އައި އަހަރުތަކުގައި އަލްގާއިދާއާއި ފަހުން އައިސިސްއިން ކޮޕީކޮށް ދިން ހަމަލާތަކުން މިކަން ފެނެ އެވެ. މިފަދަ ހަމަލާތައް ރާވާފައިވަނީ، ބަރުހަތިޔާރު އަޅުވާފައިވާ މަދު މައިގަނޑެއް މެދުވެރިކޮށް ރޭވުންތެރިކަމާއެކު މަދަނީ ރަށްވެހި ހިސާބުތަކަކީ ފަސޭހަ އަމާޒު ފަތްގަނޑެއް ކަމަށް ބަލައިގެން ހަމަލަތައް ދިނުމެވެ. މި ވައްޓަފާޅި ވަރަށް ގިނަ ތަންތަނުން އޮތީ ފެންނާށެވެ.

2013 ވަނަ އަހަރު ކެންޔާގެ ނެއިރޯބީގެ މޯލްއަކަށް ވެސް މިފަދަ ހަމަލާއެއް ދިނެވެ. ހަމަ އެ އަހަރު ބޮސްޓަންގެ މެރަތަން ރޭހަށްވެސް ހަމަލާ ދިނެވެ. 2015 ވަނަ އަހަރު ޕެރިސްގައި ކޮންސަޓް ހޯލަކާއި ކުޅިވަރު ސްޓޭޑިއަމަކާއި ރެސްޓޯރެންޓްތައް ހިސާރުކޮށް ހަމަލަތައް ދިނެވެ. 2016ގައި ބްރަސްލްސްގެ މެޓްރޯއަށާއި އެއާޕޯޓަށް ހަމަލާ ދިނެވެ. އަދި ޑާކާގެ ކެފޭއަކަށް ހަމަލާ ދިނެވެ. 2009 އާއި 2015 ގައި ކޮޕަންހޭގަންއާއި މެޑްރިޑްގައި ދޭން ރޭވި ހަމަލާތައް ނާކާމިޔާބު ކޮށްލެވުނެވެ.

އެންމެ ފަހުން ސްރީލަންކާގައި ނިމިގެން ދިޔަ އިންތިޚާބުގައި ބަހުސަކަށް ވެގެން ދިޔައީ ފައްޅިއަކަށް ދިން ހަމަލާ އެވެ. ބުއްދި ހަމަޖެހޭ މީހުން ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް އެންމެ ނުރުހޭކަމަކީ ޓެރަރިސްޓް ހަމަލަތަކާ ގުޅިފައިވާ މަޝްހޫރު މީހުން މިނިވަން ކަމާއެކު އުޅެން ދޫކޮށްލުމެވެ. ލަޝްކަރޭ ތޮއިބާގެ ބާނީ އަދި ލީޑަރު ހާފިޒް ސައީދުއާއި މުމްބާއި ހަމަލާތައް ރޭވި ޒަކީރުއްރަޙުމާން ލަކްވީ އަކީ މިނިވަންކަމާއެކު ޕާކިސްތާންގައި ދިރިއުޅޭ މީހުންނެވެ.

ހާފިޒް ސައީދަކީ ޕާކިސްތާނަށް ފިއްތުންތައް ކުރިމަތިވެގެން އެއްފަހަރެއްގައި ހައްޔަރު ކުރި މީހެކެވެ. ނަމަވެސް އޭނާއާ ދެކޮޅަށް އޮތް ފުލުހުންގެ ކޭސްގެ ބަލިކަށި ކަމުން ކޯޓުން އޭނާ ދޫކޮށްލީ އެވެ. މުމްބައި ހަމަލާގެ ރޭވުންތެރިކަމާއި ހަމަލާ ދިން މީހުން އައީ ޕާކިސްތާނުން ކަމުގައި ވިޔަސް ޕާކިސްތާންގެ މީޑިއާއިން މުމްބައިގެ ޓެރަރިސްޓް ހަމަލާގެ ވާހަކައަށް އިޝާރާތެއް ނުކުރެ އެވެ.

އިންޑިއާއަށް މި ހަމަލާއިން ލިބުނު ކާމިޔާބީއަކީ ހަމަލާ ދިން އަޖުމަލު ކައްސާބް އިންޑިއާގެ އަތްދަށުވުމެވެ. އޭނާ ސަލާމަތް ކުރެވުމުން ތަހުގީގުގައި ގިނަ މައުލޫމާތު ތަކެއް ލިބިގެން ދިޔަ އެވެ.

ކައްސާބް ވަނީ އިންޑިއާގެ ފުލުހުންނަށް އޭނާ ދިން މައުލޫމާތު އެފްބީއައިއަށްވެސް ދީފަ އެވެ. އޭނާއަކީ ޕާކިސްތާނު ރައްޔިތެއް ކަމަށާއި އަދި ލަޝްކަރޭ ތޮއިބާ ޖަމާއަތުގެ މީހެއް ކަމަށްވެސް ބުނެފައިވެ އެވެ. އަދި މުމްބާއިގެ ހަމަލާ ވިލަރެސް ކުރެވެމުން ދިޔައީ ވަގުތުން ކަރާޗީން މޮބައިލް ފޯނު މެދުވެރިކޮށް ކަން ކިޔައިދިނުމުން ވަރަށް ގިނަ ކަންތައްތަކެއް ސާފު ވެގެން ދިޔަ އެވެ.

މިމައުލޫމާތުގެ އަލީގައި ނުތަނަވަސްވެގެން ޕާކިސްތާންގެ އޭރުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ވަނީ މިހަމަލާ ކުށްވެރިކުރައްވާފަ އެވެ. ނަމަވެސް ޕާކިސްތާންގެ ލީޑާޝިޕުން މިއިން އިބްރަތެއް ލިބިގެންފައެއް ނުވެއެވެ.
އިންޑިއާ ޕާކިސްތާން
ހިޔާލު