Shakuwa
image
އައިމިނަތު ފަޒްނާ ރަޝީދު
1 ކޮމެންޓް
 

ޝަކުވާ

ޝަކުވާ (16 ވަނަ ބައި)
އެހެން ބުނުމާ އެކު މަޑުކުރުމެއް ވެސް ނެތި ދިގު ފިޔަވަޅުތަކެއް އަޅަމުން ހައްޔާން ނުކުމެގެން ދިޔައެވެ. ހައްޔާނަށް ގޮވަމުން ފަހަތުން ނަވްޔާ ވެސް ނުކުތެވެ. ވެހެމުން ދިޔަ ވާރޭގައި ހައްޔާން ގޮސް އޮބައިލިތަން ބަލަން ނަވްޔާ ހުއްޓެވެ. ވާންވީ އުފާކަމެއް ދެރަކަމެއް ވެސް ނޭނގިފައެވެ.

******

އަތްމަތި އަވަސްކޮށްލާފައި ހަވީރަށް ސައި ހެދުމުގައި ނަވްޔާ އުޅުނެވެ. މިއަދަކީ ހުކުރު ދުވަސްކަން ނަސީބެކޭ ނަވްޔާ ހިތަށްއެރިއެވެ. އެހެންނޫންނަމަ ނަސީމާއްތަ ބުނި ހުރިހާ ވައްތަރެއްގެ ހެދިކާ ހަދާފައި ޓިއުޝަން ނަގައިދޭން ދިއުން ވާނީ އުނދަގޫ ކަމަކަށެވެ. ނަސީމާއްތަގެ ރައްޓެހިންގެ ބަޔަކު ހަވީރު ސައިބޯން އަންނާތީ ހުރިހާ ކަމެއް ވެސް އެންމެ ފުރިހަމައަށް ހުންނަން ބޭނުންވާ ވާހަކަ ނަސީމާއްތަ އޮތީ ބުނެފައެވެ.

މަސައްކަތުގައި އުޅުނު ނަމަވެސް ނަވްޔާގެ ސިކުނޑިއަށް ބާރުބޮޑުވެފައި ވެއެވެ. ކުރީރޭ ނުކުމެގެން ދިޔަ ފަހުން ހައްޔާންގެ ޚަބަރެއް ނުވެއެވެ. އެންމެ ކުޑަމިނުން މެސެޖެއް ވެސް ކޮށް ނުލައެވެ. ނަވްޔާ ގުޅުމުން ވެސް ރަށަށް ގޮސްފައި ހަމަޖެހިލައިގެން ވާހަކަދައްކާނީއޭ ކިޔާފައި ބޭއްވީއެވެ. އިއްޔެ ހަވީރު އަޒްކާމެންނާ އެކު ހައްޔާން ރަށަށް އައިކަން އެނގުމުން ބައްދަލުކުރަން ދަންވަރު އަންނާނެކަމަށް ނަވްޔާ ހީކުރިއެވެ. ނަމަވެސް އިންތިޒާރުގެ ވަގުތުތައް ދިގުލައިގެން ގޮސް ފަތިސްވި އިރު ވެސް ހައްޔާންގެ ހިލަމެއް ނުވިއެވެ. ވަރުބަލިވެފައި ހުރިވަރުން ނިދުނީ ކަންނޭނެގެއެވެ. ނޫނީ ހައްޔާން ބުނިހެން ކައިވެނީގެ ކަންތައް ހަމަ ޖެހެންދެން ނައިސް ހުރީ ކަންނޭނގެއެވެ. ކައިވެނީގެ މަތިން ހިތަށް އެރުމުން ނަވްޔާގެ އަތްފައި ފިނިވިއެވެ. ވާނެ ގޮތެއް ނޭނގޭތީ ހިތުގައި ނުތަނަވަސްކަން ވެސް އުފެދުނެވެ. ހައްޔާންގެ މަންމަމެން ރުއްސަން ވަގުތު ނަގައިފާނެ ކަން ނަވްޔާއަށް ވިސްނެއެވެ. ނަމަވެސް ހައްޔާންގެ ބަހަށް ނަވްޔާ އިތުބާރުކުރެއެވެ. ހައްޔާން ކުރަން އުޅޭކަމަކާ މަންމަމެން ދެކޮޅު ނުހަދާނެ ވާހަކަ ހައްޔާން އޮތީ ބުނެފައެވެ.

އަޒްކާ ގާތުގައި ހައްޔާންގެ ވާހަކަބުނަން ނަވްޔާ ހުރީ ނުހަނު ބޭނުންވެފައެވެ. ދެ ފަހަރަކު އަޒްކާ ބަދިގެއަށް އައި ވެސް މެއެވެ. ނަމަވެސް އަދި ރަނގަޅަށް ހަމަޖެހިލައިގެން އަޒްކާއާ ވާހަކަދައްކާލާނެ ފުރުޞަތެއް ނުލިބެއެވެ. އަޒްކާއާ ނުލައި ޝަމްނާއަށް ދަރިފުޅު، ޔަޝަލްގެ އެއްވެސް ކަމެއް ކުރެވޭކަމަކަށް ނުވެއެވެ.

ނަސީމާއްތަ ބުނި ގޮތަށް ސައި ތައްޔާރުކޮށް ނިމިގެން ކޮޓަރިއަށް ދެވުނު އިރު ހަތަރެއްޖަހާ ބޮޑުވެއްޖެއެވެ. ފެންވަރައިގެން އަސްރުނަމާދުކޮށްލުމަށް ފަހު އެނދުގައި ނަވްޔާ ޖައްސައިލީ ވެފައިހުރި ވަރުބަލި ފިލުވައިލުމަށެވެ. ހައްޔާނަށް ގުޅަން ވެގެން ފޯނު ނެގިއެވެ. ނަމަވެސް ގުޅާނީ މިރޭ ހަމަޖެހިލައިގެންނޭ ހިތަށްއަރާފައި އަނެއްކާ ފޯނު ބޭއްވިއެވެ. ނިދެމުން ދަނިކޮށް ނަސީމާއްތަ ގޮވާ އަޑަށް ނަވްޔާއަށް ހޭލެވުނެވެ. ދޮރުހުޅުވުމުން ނަސީމާއްތަ އެދުނީ ފޯއް ތަބައް ތައްޔާރު ކުރުމަށެވެ. އެ ވަރު ކަމެއް ވެސް ހަނދާންކޮށްދޭން ޖެހޭހޭ ކިޔާފައި އަޑުލިއެވެ. ވަރުގެ ކޮޅަށް ނަލަހެދިގެން ހުރި ނަސީމާއްތަ ދާތަން ބަލަން ހުރެފައި ނަވްޔާ ކޮޓަރިން ނުކުތެވެ.

ނަވަޔާ ކާގެއަށް ވަން އިރު ބޮޑުކޮޓަރި ތެރެއިން ބަޔަކު ވާހަކަދައްކާ އަޑު އިވެއެވެ. ފޯއް ތަބަކަށް ކަފޫރުތޮޅިއާއި ކަރަންފޫ އަޅަން ހުރެފައި ކުއްލިއަކަށް ހުއްޓުން އެރީ ހައްޔާންގެ އަޑު އިވޭހެން ހީވެފައެވެ. މަޑުފިޔަވަޅުތަކެއްގައި ނަވްޔާ ގޮސް ދޮރުކަންޏާ ނިވާވެ، ބޮޑުކޮޓަރި ތެރެއަށް ނަޒަރު ހިންގައިލިއެވެ. އެ ވަގުތު ނަވްޔާގެ ހިތް ތެޅެން ފެށީ ނުހަނު ބާރަށެވެ.

ހުމެއިދާއާއި މާހިދުގެ މެދުގައި ހައްޔާން އިށީނދެގެން އިނީ ނުހަނު ހަމަޖެހިލާފައެވެ. ވަކިން ހުރި ދެ ސޯފާގައި ބޮޑުބެއާއި ނަސީމާއްތަ ތިބި އިރު ހައްޔާންގެ ވާހަކައަށް އެ މީހުންގެ ސަމާލުކަން ހުއްޓިފައިވެއެވެ. ކިޔާ އެއްޗެއް މުޅިން ސާފު ނުވި ނަމަވެސް ކައިވެންޏަށް ބޮޑުބެގެ ހުއްދަ ހޯދަން ބޭނުންވާ ވާހަކަ ހައްޔާން ބުނިއަޑު އިވުނެވެ. ނޭވާ ހިފަހައްޓައިލައިގެން ހުއްޓާ ބޮޑުބެ ބޯ ޖަހައިލިތަން ފެނުނެވެ. އެ ވަގުތު ހައްޔާންގެ މޫނުމައްޗަށް ވެރިވީ ހިތްހަމަޖެހުމުގެ ހިނިތުންވުމެކެވެ. ހައްޔާނަކީ ބުނާ ބަހުގައި ހިފަހައްޓައި މީހެއްކަން އެނގުނު ނަމަވެސް މިހާ ފަސޭހައިން ކައިވެނީގެ ކަންތައް ހަމަޖެހޭނެއެކޭ ނަވްޔާ ހުވަފެނުން ވެސް ނުދެކެއެވެ. ނަވްޔާގެ ހިތަށް އެ ވަގުތު ލިބުނީ ބަޔާންކުރަން ނޭނގޭފަދަ އުފަލެކެވެ. އުފަލުން ގޮސް ނޭވާ ހުއްޓިދާނެހެން ހީވިއެވެ. ލޯ މަރައިލުމަށް ފަހު ކާގޭގެ ފާރުގައި ނަވްޔާ ބުރަކަށި ޖައްސައިލިއެވެ. އަތް ގެނެސް މޭގައި ޖައްސައިލަމުން ހިތާހިތުން ނަވްޔާ މާތްﷲއަށް ހަމްދާއި ޝުކުރު ކުރިއެވެ.

ކުއްލިއަކަށް ދޮރެއް ޖެހުނު އަޑަށް ނަވްޔާ ސިހުނެވެ. ހިނިތުންވެފައި ހުރެ އަނެއްކާ ވެސް ބޯ ދިއްކޮށް ބޮޑުކޮޓަރިއަށް ނަވްޔާ ބަލައިލިއެވެ. އޭރު އަޒްކާގެ ކޮޓަރިން ނަސީމާއްތައާއި އަޒްކާ ނުކުންނަނީއެވެ. ކުޑަ ތަންކޮޅެއް ފަހަތުގައި ހުރި އަޒްކާގެ އަތުގައި ހިފަހައްޓައިގެން ހުރި ނަސީމާއްތަގެ މޫނުމަތީގައިވި ފުޅާ ހިނިތުންވުމާއި އަޒްކާގެ މޫނުމަތީގައިވި ލަދުރަކިކަން ފެނުމުން ނަވްޔާ ހައިރާންވިއެވެ. ހުމެއިދާމެން އިށީނދެގެން ތިބި ހިސާބަށް އައުމުން ހުމެއިދާ ތެދުވެ އަޒްކާގެ ގައިގައި ކުޑަކޮށް ބައްދައިލުމަށް ފަހު ނިތްކުރީގައި ބޮސް ދިނެވެ.

ނަވްޔާގެ ހިނިތުންވުން ފޭދުނީ ލަސްލަހުންނެވެ. މިވަނީ ކިހިނެއްކަން މުޅިން ފަހުމު ނުވިޔަސް ކޮންމެވެސް ގޯހެއް އުޅޭކަން ވިސްނުނެވެ. އެ ވަގުތު ނަސީމާއްތަ ކާގެއާ ދިމާއަށް މިސްރާބު ޖެހުމުން ނަވްޔާ އެތަނުން ދުރަށް ޖެހިލިއެވެ. އޭރު ނަވްޔާގެ މޭ ނެގިނެގިފައި ޖެހެއެވެ. ނަސީމާއްތަ ކާގެއަށް އައުމުގެ ކުރިން ތުރުތުރުލާ ދެ އަތުން ފޯއްތަބައް ތައްޔާރުކޮށް ނިންމައިލިއެވެ. ނަސީމާއްތަ ވަދެފައި އުފާވެރި އަޑަކުން އަޒްކާއާއި ހައްޔާންގެ ކައިވެނި ހަމަޖެހުނު ވާހަކަ ބުންޏެވެ. އަދި މަޑުކޮށްލުމެއް ވެސް ނެތި ތަބައް ހިފައިގެން ނުކުމެގެން ދިޔައީ ނަވްޔާގެ ދުނިޔެ އެ ފުށް މި ފުށަށް ޖަހައިފައެވެ.

އެތައް ހާސް ތީރުތަކަކުން ނަވްޔާގެ ހިތް ޒަޙަމްވީ ފަދައެވެ. ނުހަނު މަސައްކަތުން ފަރުބަދައިގެ އެންމެ މައްޗަށް އެރިފައި ހުއްޓައި ކުއްލިއަކަށް ވެއްޓެން ދިޔަހެން ނަވްޔާއަށް ހީވިއެވެ. ހިތުގެ ވިންދާއި ލޭގެ ދައުރުވުން ވެސް ހިނދުކޮޅަކަށް ހުއްޓުނުހެން ހީވެއެވެ. ހޮނު ގުގުރިއެއް ހެން ނަސީމާއްތަގެ ބަސްތައް ނަވްޔާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ދެ ލޮލުން ހޯސްލާފައި ފައިބަމުން ދިޔަ ކަރުނައިން ތަންތަން ފުސް ވެއްޖެއެވެ. މިވީ ކިހިނެއް ހެއްޔެވެ؟ ދެކެމުން ދިޔަ ކުލަ ރީތި ހުވަފެންތައް ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ވިއްސިވިހާލިވީ ކީއްވެގެން ހެއްޔެވަ؟ ހައްޔާނާއި އަޒްކާ، އެއީ ކިހިނެއްވީ ކަމެއް ހެއްޔެވެ؟ ބޮޑު ކޮޓަރިތެރެއިން ހުނުމުގެ އަޑު އިވެމުން ދިޔައެވެ. އިތުރަށް އެންމެ ހިނދުކޮޅަކަށް ވެސް އެތާގައި ހުންނަން ނަވްޔާއަކަށް ކެތެއް ނުކުރެވުނެވެ. ކަންފަތުގައި އަތް އަޅަމުން ދުވެފައި ގޮސް ކޮޓަރީގެ ހިމާޔަތަށް ދެވެން ވާއިރަށް ދެ ފައިން ވަރުދޫވެ، ދޮރު ބުޑަށް ތިރިވެވިއްޖެއެވެ.

މި ވޭތުވެދިޔަ ދުވަސްތަކުގައި ހައްޔާން ދެއްކީ ދަޅައެއް ހެއްޔެވެ؟ ނޫނެކެވެ. އެހެންނެއް ނުވާނެއެވެ. ނަވްޔާއަށް ދެރަވާނެ ގޮތެއް ހައްޔާން ނުހަދާނެއެވެ. އެއަށްވުރެ ބޮޑަށް ނަވްޔާދެކެ ހައްޔާން ލޯބިވާނެއެވެ. އެ ވާނީ ހައްޔާނަށް މަޖުބޫރުވީ ކަމަށެވެ. ނަމަވެސް އެ ވަގުތު ހައްޔާންގެ ހިނިތުންވެފައިވާ މޫނު ސިފަވުމާއެކު މޭގައި ރިހުމެއް އުފެދުނެވެ. ޚިޔާލުތައް އޮޅުން ބޮޅުންވެ ސިކުނޑިއަށް ވާންވިއެވެ. މެދުކެނޑުމެއް ނެތި ލޮލުން އޮހެރެމުން ދިޔަ ކަރުނައިން ވެސް ހިތުގެ ޝަކުވާތަކަށް ލުޔެއް ނުލިބުނެވެ.

އިރުކޮޅެއް ފަހުން ދޮރުގައި ޓަކިޖަހަމުން އަޒްކާ ގޮވާ އަޑު އިވުނެވެ. ކަރުނަތައް ފޮހެމުން އަވަސްއަވަހަށް ތެދުވެ، ނަވްޔާ ފާޚާނާއަށް ވަނެވެ. ދެތިން ހަތަރު ފަހަރު މޫނު ދޮވެލުމަށްފަހު ހަމަޖެހިލެވޭތޯ ނަވްޔާ ބެލިއެވެ. ދުޅަވެ ރަތްވެފައިވާ ދެ ލޯ، ލޯގަނޑުން ފެނުމުން އަނެއްކާ ވެސް ތާޒާ ކަރުނަ ޖަމާވިއެވެ. ލޮލުން ފައިބަމުން ދާ ކަރުނައާއި ގިސްލުމަށް ނިމުމެއް ނުވާ ކަހަލައެވެ. އެތައް މަސައްކަތެއް ކޮށްގެން ނަފުސުގެ ކޮންޓްރޯލް ނަވްޔާ ހޯދިއެވެ. ވުޟޫކޮށްލައިގެން ނުކުމެ މަޣްރިބު ނަމާދަށް އެރިއެވެ. ނަމާދުކޮށް ނިމިގެން ދޮޅި ފަށްޖަހަން ހުއްޓާ ޓަކިޖަހައިލުމަށް ފަހު އަޒްކާ ވަނެވެ. އެއައި ގޮތަށް އައިސް ފަހަތުން ނަވްޔާގެ ގައިގައި އަޒްކާ ބައްދައި ގަތެވެ.

"ނަވް."

"ނަވް، ޤަބޫލުވެސް ނުކުރާނެ ކަންނޭނގެ. އަހަރެންނަކަށް ވެސް ޤަބޫލެއް ނުކުރެވޭ. އެކަމަކު އެނގޭތަ؟ ހައްޔާންއާ އަހަރެންގެ ކައިވެނި ހަމަޖެހިއްޖެ." އަޒްކާގެ އަޑުގައިވީ އިންތިހާދަރަޖައިގެ އުފާވެރިކަމެވެ.

ނަވްޔާ ދެލޯ މަރައިލިއެވެ. މެއަށް ބާރުވެގެން ދިޔުމާއެކު އަނެއްކާ ވެސް ލޮލުން ކަރުނަ ހިލިގަތެވެ. ނަސީބަކުން އެވަގުތު ނަވްޔާގެ ގައިން ދޫކޮށްލުމަށް ފަހު އަޒްކާ އެނދަށް ވެއްޓިގަތެވެ. ނަވްޔާއަށް ވެސް އޮށޯންނަން ތަންކޮޅެއް ދައްކައިފައި، ބާލީހެއްގައި ބައްދަލައިގެން އޮވެ ހުވެފެނީ އަޑަކުން އަޒްކާ ވާހަކަދައްކަން ފެށިއެވެ. ކުރިން ވެސް ނަސީމާއްތައަށް ސިއްރުން ކިތަންމެ ރެއަކު އަޒްކާ އައިސް އެ ގޮތަށް ނަވްޔާއާ ވާހަކަދައްކަން އޮވެއެވެ. ކަރުނަތައް ހިންދަން މަސައްކަތް ކުރަމުން ނަވްޔާ އައިސް އަޒްކާގެ ގާތުގައި އޮށޯތެވެ. ބޮކި ނުދިއްލާ ހުރުމުން ކޮޓަރިއަށް ވެރިވެފައިވި އަނދިރިކަމުން ހިމާޔަތް ލިބިގަންނަމުންނެވެ. އަޒްކާ ވެސް ކޮންމެހެން ބޮކި ދިއްލާކަށް ނޫޅެއެވެ.

އަޒްކާ ބުނި ގޮތުން މި ފަހަރު މާލެ ގޮސްފައި ހައްޔާން ރައްޓެހިވާން އެހީއެވެ. މީގެ ކުރިން އެފަދަ އިހުސާސެއް ކުރެވިފައި ނެތް ނަމަވެސް އަޒްކާދެކެ ލޯބިވާ ވާހަކަ ހައްޔާން ބުނުމުން ބުނަން ނޭނގޭފަދަ ގޮތްތަކެއް އަޒްކާއަށް ވިއެވެ. މާލޭގައި ހޭދަވި ދެތިން ދުވަހު އެކި ގޮތްގޮތުން އަޒްކާ ދެކެވާ ލޯބި ހައްޔާން ހާމަކުރަމުން ދިޔަ ގޮތުން ހައްޔާންގެ ނަން އަޒްކާގެ ހިތުގައި ފެވުނެވެ. ރޭގައި ވެސް އަޒްކާއާ ބައްދަލުކުރަން ހައްޔާން އައެވެ. ހައްޔާން ބޭނުންވަނީ ވީ އެންމެ އަވަހަކަށް ކައިވެނި ކުރަން ކަމަށް ބުނުމުން އަޒްކާއަށް ވެސް އެއްބަސް ވެވުނީ ބޭއިޚްތިޔާރުގައެވެ. ހައްޔާންގެ ވާހަކަ ނަވްޔާގެ ގާތުގައި ބުނަން ވެގެން ދެފަހަރަކު ބަދިގެއަށް އަޒްކާ އައެވެ. އެކަމަކު ވާހަކަދައްކައިލެވޭ ފަދަ ރަނގަޅު ފުރުޞަތެއް ނުލިބުނެވެ.

އަޒްކާގެ ކޮންމެ ޖުމްލައަކުން ނަވްޔާގެ ހިތް ފިސްފިސްވަމުން ދިޔައެވެ. ލޮލުގެ ކޮޅުން ފައިބަމުން ދިޔަ ކަރުނައިން ބާލީސް ތެމެމުން ދިޔައެވެ. ނަސީބަކުން ނަވްޔާގެ ހާލަތު ވަޒަން ކުރެވޭ ވަރަށް ވުރެ އަޒްކާގެ އުފާވެރިކަން މާ ބޮޑެވެ.

"ހަމަ ރަނގަޅަށް މި ބުނީ ނަވް. ކުރިން ހައްޔާނާ ދޭތެރޭގައި އެ ނަޒަރަކުން ނުވިސްނަން. އަޅެ ބުނެބަލަ؟ މީހަކު ދެކެ އެންމެ ދެ ތިން ދުވަހުން ލޯބި ވެވިދާނެތަ؟ އަދި ވެސް އަހަރެންނަކަށް ޤަބޫލެއް ނުކުރެވޭ. އެކަމަކު މިހާރު އަބަދު ހުރެވެނީ ހައްޔާންގެ ޚިޔާލުތަކުގައި. އަބަދު ފެނުމަށް އެދެވޭ. މިއީ ލޯބިތަ؟" އަޒްކާ ހީނގަތެވެ.

ނަވްޔާގެ ކެތްތެރިކަން ކޮޅުންލިއެވެ. ނަވްޔާ ރޮނީހެން ހީވެގެން ހައިރާންވެފައި ތެދުވެ އަޒްކާ ބޮކި ދިއްލިއެވެ. އެ ވަގުތު އަޒްކާގެ ގައިގައި އޮޅުލައިގަތުމަށް ފަހު ނަވްޔާ ގިސްލަގިސްލާފައި ރޯންފެށިއެވެ.

"ނަވް، ކިހިނެއްވީ؟" ކަންބޮޑުވެފައި އަޒްކާ އެހިއެވެ.

(ނުނިމޭ)
ހިޔާލު

ރަޒީނާ

ވާހަކަ ވވވ ނައިސް އެކަމު އަޕްކުރާލެއް ހާދަ ސްލޯއޭ