29 million rufiyaa nudheefinama Kinbigasdhoshuge hoadhan Jabir dhauvaa kohfi
image
އަބްދުﷲ ޖާބިރު
2 ކޮމެންޓް
 

29 މިލިއަން ރުފިޔާ ނުދީފިނަމަ ކިނބިގަސްދޮށުގެ ހޯދަން އެދެފި

ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރުގެ އަތުން މޯލްޑިވްސް ރިޕޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ ނުދައްކައިފިނަމަ ރައީސް މައުމޫނުގެ ގެކޮޅު، މއ. ކިނބިގަސްދޮށުގެ ހޯދަން ސިވިލް ކޯޓުގައި ޖާބިރު ދައުވާކޮށްފި އެވެ.
ސިވިލް ކޯޓަށް މިއަދު ހުށަހަޅާފައިވާ މިމައްސަލައިގައި ބުނެފައިވަނީ ރައީސް މައުމޫނަށް، ޖާބިރު ދީފައިވާ 29 މިލިއަން ރުފިޔާ އަކީ އަނބުރާ ދައްކާގޮތަށް ދިން ފައިސާ ކަމަށެވެ. ރައީސް މައުމޫނަށް މިފައިސާ ނުދެއްކިއްޖެނަމަ މުގާބިލްގައި ދިނުމަށް އެއްބަސްވެފައިވަނީ މއ. ކިނބިގަސްދޮށުގެ ކަމަށްވެސް ދައުވާގައިވެ އެވެ.

މިދައުވާގައި ބުނެފައިވަނީ ރައީސް މައުމޫން ނެންގެވި ފައިސާ އަނބުރާ ދީފައި ނުވާތީ އެ ފައިސާ ބޭނުންކޮށްގެން ޖާބިރަށް ކުރެވެން ހުރި އެތައް ވިޔަފާރިއަކުން ލިބެންޖެހޭ އެތައް މިލިއަން ރުފިޔާއެއްގެ ނަފާ ޖާބިރަށް ލިބުމުގެ މަގު ބަންދުވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޖާބިރަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި ގެއްލުންތައް ދުވަހުން ދުވަހަށް ބޮޑުވަމުންދާ ކަމަށްވެދސް ދައުވާގައިވެ އެވެ.

މިދައުވާގައި ބުނެފައިވަނީ ދެފަރާތުގެ ދެމެދުގައި ލިޔެވިފައިވާ އެއްބަސްވުމެއް ނެތް ކަމަށެވެ. ނަމަވެސް މި މުއާމަލާތް ހިންގިއިރު އެއް ހާޒިރުގައި އެތައް ބަޔަކު ހެކިންގެ ގޮތުގައި ތިބުމުން މި މުއާމަލާތަކީ ދައުވާ ލިބޭ ފަރާތަށް އިންކާރުކުރެވެން އޮތް މުއާމަލާތެއް ނޫން ކަމަށްވެސް ދައުވާގައިވެ އެވެ.

ރައީސް މައުމޫނާއި ޖާބިރާ ދެމެދު ހިންގާފައިވާ ކަމަށް ބުނާ 29 މިލިއަން ރުފިޔާގެ މުއާމަލާތާ ގުޅޭ ލިޔެވިފައިވާ އެއްވެސް އެއްބަސްވުމެއް ނެތުމުން މިމައްސަލަ ސާބިތުކުރުމަށް ހުށަހަޅާފައިވަނީ ހެކިންގެ ހެކި ބަހުގެ މައްޗަށެވެ. އެގޮތުން މިމައްސަލައިގައި ހެކިވެރިންގެ ގޮތުގައި ހުށަހަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ބަންޑާރަނައިބް އަދި ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދުގެ ގ. ރަންހިރި، އައިމިނަތު ޝަބީބާ އެވެ.

ޖާބިރު މީގެކުރިން ވަނީ މިމައްސަލަ ފުލުހުންގެ އިދާރާއަށް ވެސް ހުށަހަޅާފަ އެވެ. ނަމަވެސް ޖާބިރުގެ މަންމަގެ އެދިވަޑައިގަތުމަކަށް މިމައްސަަލަ ނެންގެވުމަށްފަހު ރައީސް މައުމޫން އެފައިސާ ދައްކަން ނުޖެހޭ ގޮތަށް މައާފްކުރައްވާފައިވާނެ ކަމަށްވެސް ޖާބިރު ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.

ޖާބިރުގެ އަތުން ރައީސް މައުމޫން 29 މިލިއަން ރުފިޔާ ނެންގެވި ކަމަށް ކުރާ ތުހުމަތުތަކަށް ރައީސް މައުމޫން ގެންދަވަނީ އިންކާރުކުރައްވަމުންނެވެ.
ހިޔާލު

މުހައްމާ

ތިޔައީ ލޮލީ ޓައްޕުގެ އާދަ ތިފައިސާ ހޯދަން އުޅުމަށްވުރެ ރަގަޅުވާނެ ތިމާ މީހުންނަށް ދޭންހުރި ފައިސާ ދިނިއްޔާ މައުމޫނު މީނަގެ އަތުން ފައިސާ ނަންގަވާނެ ކަމައް އެއްވެސް މީހަކު ގަބޫލު ނުކުރާނެ މީނަގެ ބަހުން އަބްރާހީމް މުހައްމަދު ސޯލިހު، ޔާމީނު މައުމޫން މީނަގެ އަތުން ފައިސާ ނަންގަވައިފި މީނަ މިހާގިނަ ފައިސާ ހޯދި ގޮތެއް ބަލަން ޖެހޭ ނުންތޯ

ސައްލި

ކިނބިގަސްދޮށުގެއަށް ވުރެ ފަސޭހައިން ހ.އޯކިޑްމާގެ ލިބިދާނެ.މަންމަ ކައިރިން އެވާހަކަ އައްސަވާ.މަންމަ ބުނި ގޮތަށް ނުހަދާ މައުމޫން ގޮވައިގެން ފުލުހަށް ދިއުމުގެ ނަތީޖާ ވަރަށް އަވަހަށް ފެންނަނެ.