Anna Honihiru dhuvahuge niyalah majileehuge dhauru ithuru kohfi
image
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން -- ފޮޓޯ: މަޖިލިސް
ހައްވާ މުހައްމަދު
0 ކޮމެންޓް
 

އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް މަޖިލީހުގެ ދައުރު އިތުރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު މިމަހުގެ ހަތްވަނަ ދުވަހާ ހަމައަށް އިތުރުކުރަން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ހިނގަމުން މިދާ ތިންވަނަ ދައުރުގެ މުއްދަތު މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެ އެވެ.

އެހާތަނަށް މަޖިލީހުގައި މުހިއްމު މަސައްކަތްތަކެއް ނުނިމި ހުރުމާ ގުޅިގެން މަޖިލީހުގެ މިދައުރުގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރުކުރަންވެސް މަޖިލީހުން މިދިޔަ އަންގާރަ ދުވަހު ފާސްކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށްފަހު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ މިދައުރުގެ ޖަލްސާތައް މިމަހުގެ ހަތެއްވާ ހޮނިހިރު ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް އެމަނިކުފާނު ބޭނުންވާ ކަމަށެވެ.

އެހެންކަމުން މަޖިލީހުގެ މިއަދުގެ ވޯޓުގެ ވަގުތުގައި ވަނީ މިދައުރުގެ ޖަލްސާތައް މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ފުރުސަތު ހުޅުވާލާފަ އެވެ. ވޯޓުގައި ބައިވެރިވެރިވެވަޑައިގެންނެވި 61 މެންބަރުންގެ އަގުލަބިއްޔަތުން ވަނީ މަޖިލީހުގެ ދައުރުގެ މުއްދަތު އިތުރުކުރުމަށް ފާސްކޮށްފަ އެވެ. މިހުށަހެޅުމާ ދެކޮޅަށް ދެ މެންބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމާފައި މިވަނީ މުހިއްމު މަސައްކަތްތަކެއް މަޖިލީހަށް ހުށަހެޅި އަދި ނިންމާލެވިފައި ނުވާތީ އެވެ. މީގެތެރޭގައި ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތަކާ މެދު ގޮތެއް ނިންމުމާއި، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓް ފާސްކުރުމާ މެދު ގޮތެއް ނިންމުމާއި، ހުސްވެފައިވާ ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ މަސައްކަތް ހިމެނެ އެވެ. މި މަސައްކަތްތައް މިހާރު ވަނީ ކޮމިޓީ މަރުހަލާގަ އެވެ.

ގާނޫނުއަސާސީގައިވާ ގޮތުން މަޖިލިހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެން ދަނީ ތިން ދައުރުގެ މައްޗަށެވެ.

މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ 01 ފެބްރުއަރީން ފެށިގެން 30 އެޕްރީލް އަށެވެ. ދެވަނަ ދައުރު ހިނގާނީ 01 ޖޫން އިން ފެށިގެން 31 އޮގަސްޓަށެވެ. އަދި ތިންވަނަ ދައުރު ހިނގާނީ 01 އޮކްޓޫބަރު އިން ފެށިގެން 30 ނޮވެމްބަރުގެ ނިޔަލަށެވެ.
މަޖިލިސް
ހިޔާލު