ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ސެޕްޓެމްބަރު 2019 އިން ފެށިގެން ފުވައްމުލަކުގައި ހިންގަމުން ދިޔަ "ގާލްސް ޓު ކޯޑް" ޕްރޮގްރާމް މިދިޔަ ހުކުރު ދުވަހު ނިންމާލައިފި އެވެ.
ނިންމުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވީ ފުވައްމުލައް ސިޓީގެ މޭޔާ އަބްދުﷲ ފަލާހް ޝަރީފް އެވެ. އެ ޕްރޮގްރާމް ނިންމުމުގެ ގޮތުން މިއަދު ބޭއްވި ހަފްލާގައި ކޯސް ފުރިހަމަ ކުރި ހުރިހާ ދަރިވަރުންނަށް ސެޓްފިކެޓް ދިނުން ކުރިއަށް ދިޔައެވެ.
އޭގެ އިތުރުން ކޯހުގެ ބައެއްގެ ގޮތުގައި ދަރިވަރުން ތައްޔާރު ކުރި ވެބްސައިޓުތަކުގެ ތެރެއިން އެންމެ މޮޅު ތިން ވެބްސައިޓް ފާހަގަކޮށް، ދަރިވަރުންނަށް ހިތްވަރުދީ އިނާމާއި ސެކްޓްފިކެޓް ދެވުނެވެ.
އެ ޕްރޮގްރާމަކީ އަންހެން ކުދިންނަށް ކޯޑްކުރަން ދަސްކޮށް ދިނުމާއި އަންހެން ކުދިންގެ މެދުގައި ޓެކްނޮލޮޖީ ދާއިރާއަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ހިންގި ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމްގައި އެޗްޓީއެމްއެލް، ސީއެސްއެސް އަދި ޖާވާސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން ދަސްކޮށްދެވުނެވެ. އަދި ސޮފްޓްވެއާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ފެށިގެން ނިމުމާއި ހަމައަށް ކުރަން ޖެހޭ އެކި އެކި ކަންތައްތަކަށް ދަރިވަރުން އަހުލުވެރި ކުރުމަށާއި އަދި އެ ޕްރޮގްރާމްގެ ބައެއްގެ ގޮތުގައި ތައްޔާރު ކުރަން ޖެހޭ ވެބްސައިޓް ތައްޔާރު ކުރުމަށް އެހީތެރިވުމަށް ވިމެން އިން ޓެކްގެ ފަރާތުން މިޑް ރިވިއު ވޯކްޝޮޕެއް ކުރިއަށް ގެންދެވުނެވެ.
ފުވައްމުލަކު ސިޓީގެ އިންސްޓިޓިއުޓް އޮފް ލޮޖިސްޓިކްސް އެންޑް ޓެކްނޮލޮޖީގައި ހިންގުނު އެ ޕްރޮގްރާމު ޖުމްލަ 16 ދަރިވަރުން ފުރިހަމަ ކުރިއެވެ. މި ޕްރޮގްރާމްގެ ބައިވެރިވީ 14 އަހަރާއި 20 އަހަރުގެ އުމުރުފުރައިގެ ކޯޑިން އަށް މުޅިން އާ ކުދިންނެވެ.
ވިމެން އިން ޓެކް މޯލްޑިވްސް އިން މައުލޫމާތު ދިން ގޮތުގައި ދަރިވަރުން ތައްޔާރުކޮށްފައިވާ ވެބްސައިޓްތަކުގެ ފެންވަރު ވަރަށް ރަނގަޅެވެ. އަދި ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުންގެ ހުނަރާއި އެކުދިން ކޯޑިން އަށް ހުރި ޝައުގު ހާމަވެގެން ހިނގައްޖެ ކަމަށް ވެސް މައުލޫމާތު ދިނެވެ.
ދިރާގު ގެ ފަރާތުން މައުލޫމާތު ދިން ގޮތުގައި ޓެކްނޮލިޖީ ދާއިރާގައި ޒުވާން އަންހެން ކުދިން ބާރުވެރިކުރުވާ ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގު ވެރިކަން އިތުރު ކުރުމަކީ ދިރާގު ގެ ސީއެސްއާރު ޕްރޮގްރާމްގައި އިތުރު ހާއްސަ އަހައްމިޔަތުކަމެއް ދޭން ބޭނުންވާ ދާއިރާއެކެވެ.
އަންހެން ކުދިން ޓެކްނޮލޮޖީ ދާއިރާގައި ކިޔަވައި، ހުނަރު ތަރައްޤީކޮށް ދާއިރާގައި ދެމިތިބުމުގެ ނިސްބަތް އިތުރުކޮށް އެ ދާއިރާއަށް އަންހެން ކުދިން ތައާރަފު ކުރުން ވަރަށް މުހިންމެވެ.
އެ ޕްރޮގްރާމްގެ ނަތީޖާއަށް ބެލުމަށްފަހު، ސީރީސްގެ އެހެން ޕްރޮގްރާމްތައް ފުވައްމުލަކުގެ އިތުރުން ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް ހިންގުމަށް ދިރާގައި ވިމެން އިން ޓެކް އިން ގަސްތުކުރެއެވެ.