Raeeskan kurehvi beyfulhun hukum thanfeezu kurumun inaayai libey gothah faaskohfi
image
ކުރީގެ ރައީސް އަބްދުﷲ ޔާމީން
0 ކޮމެންޓް
 

ރައީސްކަން ކުރެއްވި ބޭފުޅުން ހުކުމް ތަންފީޒު ކުރުމުން އިނާޔަތް ލިބޭ ގޮތަށް ފާސްކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވާފައިވާ ބޭފުޅެއްގެ މައްޗަށް އިއްވާ ޖިނާއީ ހުކުމެއް ތަންފީޒުކޮށް ނިމުމުން އެބޭފުޅަކަށް ދައުލަތުން އިނާޔަތާއި ރައްކާތެރިކަން އަނބުރާ ދޭން ޖެހޭ ގޮތަށް ރައިސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުން މަޖިލީހުން ފާސްކޮށްފި އެވެ.
ގާނޫނުގެ 10 ވަނަ މާއްދާއަށް މިއިސްލާހު ހުށަހެޅުއްވީ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމެވެ.

ރައިސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނުގެ 10 ވަނަ މާއްދާގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުގައި ހުރިއިރު ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ ވަގުތުން ފެށިގެން އޭނާއާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާ އަށް ގާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަމަކާ އިނާޔަތެއް ނުލިބޭނެ ކަމަށެވެ.

މިމާއްދާއަށް ޝަމީމް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ ރައީސްކަންކޮށްފައިވާ ފަރާތަކަށް ޖިނާއީ ކުށެއް ސާބިތުވި ނަމަވެސް އެ ހުކުމް ތަންފީޒްކޮށް ނިމުމުން އިނާޔަތްތަކާއި ރައްކާތެރިކަން އަލުން ދޭން ވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. މިއިސްލާހާ ދެކޮޅަށް ދެ މެންބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވާފައިވާ ބޭފުޅުންނަށް އިނާޔަތް ދިނުމުގެ ގާނޫނު އިސްލާހުކޮށްފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފައި ވަނިކޮށެވެ. އެހެންކަމުން ޝަމީމްގެ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފިނަމަ ރައީސް ޔާމީނަށް ދެން އިނާޔަތް ލިބިވަޑައިގަންނަވާނީ ހުކުމް ތަންފީޒުކޮށް ނިމުމުންނެވެ.
ހިޔާލު