Naib raees arihah Yunnan Province ge Governor ihuthiraahuge ziyaaratheh
image
ނައިބު ރައީސް އަރިހަށް ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ކުރެއްވި އިހުތިރާމުގެ ތިޔާރާތުގެ ތެރެއިން---ފޮޓޯ:ރައީސް އޮފީސް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ނައިބު ރައީސް އަރިހަށް ޔުނާން ޕްރޮވިންސްގެ ގަވަރުނަރު އިހްތިރާމުގެ ޒިޔާރަތެއް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމުގެ އަރިހަށް، ޗައިނާގެ ޔުނާން ޕްރޮވިންސްގެ ‌‏ގަވަރުނަރު ރުއާން ޝެންގްފާ އިހްތިރާމުގެ ޒިޔާރަތެއް ‌‏ކުރައްވައިފިއެވެ.
އެ ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ޗައިނާއާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާޢިމުކުރިތާ މި ވީ ސާޅީސް ހަތް އަހަރުގެ ތެރޭގައި ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ.

އެގޮތުން ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖޭގައި ކުރިޔަށްގެންދާ އަދި ހިންގާފައިވާ ބައެއް މަޝްރޫއުތައް ފާހަގަކުރައްވައި ކުރިމަގުގައިވެސް ޗައިނާގެ އެހީތެރިކަން އެގޮތުގައި ލިބެމުންދާނެކަމަށް އުންމީދުކުރައްވާކަމުގައި ރައީސުލްހުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

އޭގެ އިތުރުން ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ލިބެމުން އަންނަ ކުރިއެރުންތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ޗައިނާ ދެމެދު އޮންނަ ގާތްގުޅުން ފާހަގަކުރައްވައި މި ގުޅުން އިތުރަށް ބަދަލި ކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވާރާކުރެއްވިއެވެ.

އެގޮތުން ވިޔާފާރިއާއި އިގްތިސާދާއި ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި ތައުލީމު އަދި ކުޅިވަރުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާމެދު ގަވަރުނަރުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

އޭގެ އިތުރުން ގަވަރުނަރު ވަނީ ޔުނާން ޕްރޮވިންސުން ރާއްޖޭގެ ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް އިތުރުކުރުމާ ގުޅޭގޮތުންނާއި ދަނޑުވެރިކަމާ ކުޅިވަރުގެ ދާއިރާފަދަ ދާއިރާތަކުން ދެ ގައުމުގެ ފަރުދުންގެ ފެންވަރުގައި ގުޅުންތައް ބަދަހިކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

ގަވަރުނަރުގެ ވާހަކަފުޅުގައި ވިޔަފާރިއާ އިގްތިސާދީ ދާއިރާއިން ރާއްޖެއާއި ޗައިނާ އަދި ޔުނާން ޕްރޮވިންސާއެކު އޮތް ގުޅުންތައް ހަތް ގުނައަށް ވޭތުވެދިޔަ އަހަރުގެ ތެރޭގައި އިތުރުވެގެން ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ.

އެ ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ތައުލީމާއި، ކުޅިވަރު އަދި ދަނޑުވެރިކަމުގެ ދާއިރާއިން ޗައިނާއިން ރާއްޖެއަށް ވެދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޗައިނާ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ރާއްޖެއަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި ކުރިޔަށްއޮތް ތަނުގައިވެސް އެކިދާއިރާތަކުން ރާއްޖެއާ ޗައިނާގެ ގުޅުން އެގޮތުގައި ދެމިއޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
ހިޔާލު