Anhenunah council thakun quota kandaelhumun firihenunge hagguthah gehley: Qasim
image
ފައިލް ފޮޓޯ: ސަން
0 ކޮމެންޓް
 

އަންހެނުނަށް ކައުންސިލްތަކުން ކޯޓާ ކަނޑައެޅުމުން ފިރިހެނުންގެ ހައްގުތައް ގެއްލޭ: ގާސިމް

ލޯކަލް ކައުންސިލްތަކަށް އަންހެނުންނަށް 33 ޕަސަންޓުގެ ކޯޓާކަނޑައެޅުމާއި ދެކޮޅަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރަހިމް ވާހަކަދައްކަވައިފިއެވެ.
ގާސިމް ވިދާޅުވެފައިވަނީ އަންހެނުނަށް ވަކި ކޯޓާއެއް ކަނޑައެޅުމަކީ ގާނޫނު އަސާސީއާއި ހިލާފުކަމެއްކަމަށެވެ. އަދި އަންހެނުންނަށް ކޯޓާއެއް ކަނޑައެޅުމުން ފިރިހެނުންގެ ހައްގުތައް އަންހެނުންނަށް 'އޯވާރައިޑް'ކުރެވޭ ކަމަށެވެ.

ގާސިމް އިބްރާހިމް މިގޮތަށް ވާހަކަ ދެއްކެވީ ޖުމްހޫރީ ޕާޓީއަށް މެންބަރުން އިތުރުމަށް ހިންގާ ހަރަކާތުގެ ތެރެއިން ބޭއްވި ޖަލްސާއެއްގައި އަންގާރަ ދުވަހުގެ ރޭ ވާހަކަދައްކަވަމުންނެވެ.

"މުޅިކައުންސިލަށް އަންހެން ބޭފުޅުން އަޔަސް މައްސަލައެއް ނެތް. ދެން ކޮބާތޯ ފިިރިހެން ބޭފުޅުންގެ ހައްގު؟ އެހެންވީމަ ކިޔާ އެއްޗަކާ ބުނާއެއްޗަކާ ދެކޮޅު ނުޖެހޭ. މިއީ ފްރީ ސޮސައިޓީއެއް ކޮންމެ ބޭފުޅަކުވެސް ހިންމަތާއެކު މަސައްކަތް ކުރީމާ (ކާމިޔާބު ވާނެ) ބައްލަވާލައްވާ މާރިޔާ އަހުމަދު ދީދީ. ބައްލަވާ ލައްވާ އީވާ އަބްދުﷲ. ބައްލަވާ ލައްވާ ދިޔާނާ ސައީދު. ބައްލަވާ ލައްސާ ރޮޒޭނާ އާދަމް،"

ގާސިމް ވިދާޅުވީ އަންހެނުންނަށް ކޯޓާ ދޭގޮތަށް ލޯކަލްކައުންސިލް ގާނޫނަށް ގެންންނަ އިސްލާހަކީ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބާއި ހިލާފު އިސްލާހެއް ކަމަށެވެ.

"ގާނޫނު އަސާސީގަ ބުނެފަ އޮންނަނީ ވަކިޖިންސަކުން ވަކިކުލައަކުން ވަކި ނަސަބަކުން ވަކި ހަސަބަކުން އައިތީ ތަފާތެއް ނުކުރެވޭނެކަމަށް، އެހެންވީމަ ދެ ޖިންސުގެ ދެމެދުގަވެސް އެ ތަފާތު ގެނައުމަށް ވަކިބަޔަކަށް ވޯޓު ހޯދުމުގެ ބޭނުމުގައި ވަކި ބަޔަކަށް ވޯޓުގެ ޕަސަންޓެއް ކަނޑައަޅާ ދިނީމާ އަންހެނުންނަށް އޯވާ ރައިޑްކުރެވޭ ފިރިހެން ބޭފުޅުންގެ ހައްގުތަކަށް. އެހެންވީމާ މި ދޭތި ދިމާއެއް ނުވޭ،"

ގާސިމް ވިދާޅުވީ ވޯޓުލައިގެން އެންމެ މަތީ ނަތީޖާ ލިބޭމީހުންނަށް ގޮނޑުތަކަށް އާދެވޭކަމަށް ވަންޏާ އަންހެން ބޭފުޅުންވެސް ނުކުމެ މަސައްކަތް ކުރަންވީކަމަށެވެ.

ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލް ތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމަށް ލޯކަލް ކައުންސިލް ގާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމާފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނު ކުރައްވާފައިވަނީ އޯގަސްޓު މަހުގެ ތެރޭގައެވެ. އެ އިސްލާހު ސަރުކާރުގެ ފަރާތުން މަޖިލީހަށް މިހާރު ވަނީ ހުށަހަޅާފައެވެ.

"މިހާރު އެބައޮތް ހުރިހާ ކައުންސިލްތަކަށް ވެސް 100 ޕަސަންޓު އަންހެން ބޭފުޅުން ހޮވުމުގެ ބާރު. 100 ޕަސަންޓު އަންހެން ބޭފުޅުން ރައްޔިތުންގެ މަޖިލީހުގަވެސް އަންހެން ބޭފުޅުން ތިއްބެވުމުގެ ބާރު. ވަކި ޖިންސަކަށް ލިމިޓު މިކުރަނީ. އެއީ އަސާސީ ހައްގުތަކާ މިިނިވަންކަމުގެ ހައްގުތަކުގެ ބާބާ ހިލާފަށް އެކަން އެކުރެވެނީ. ވޯޓު ހޯދުމުގެ ބޭނުމުގައި އެކަން ކުރުމާ. އަންހެން ބޭފުޅުންނަކީ އެވަރުގެ މޮޔަ ބޭފުޅުންތަކެއްތޯ؟ އެބޭފުޅުންނަށް އޭގެން ގެއްލުންތަކެއް އެބައާދޭ،"

ގާސިމް ވިދާޅުވީ ގާނޫނުތަކަށް އަންނަ ބަދަލުތަކުގެ ކްރެޓިޓް ވަކިބަޔަކު ނަގަން ޖެހޭނެކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ކައުންސިލް އިންތިޚާބަށް ކުރިމަތިލާން އަންނަ ފެބްރުއަރީ މަހު ހުޅުވާލާއިރު، އެ އިންތިޚާބަށް 65-70 މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭކަމަށް އެ ކޮމިޝަނުން ބުނެއެވެ.
ހިޔާލު