Bidheyseenge document thah rangalhu kuran 5 thanakah angaifi
image
ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި ބައިވެރިވުމަށް ބިދޭސީން ގަލޮޅު ރަސްމީ ދަނޑަށް ޖަމާވެފައި-- ފޮޓޯ: އަވަސް
ސާޔާ އަހްމަދު
0 ކޮމެންޓް
 

ބިދޭސީންގެ ޑޮކިޔުމަންޓުތައް ރަނގަޅު ކުރަން ފަސް ތަނަކަށް އަންގައިފި

މޯލްޑިވްސް އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭގެ 12 ތަނެއް އިންސްޕެކްޓުކޮށް، ފަސް ތަނެއްގެ ބިދޭސީންނާ ގުޅޭ ލިޔެކިޔުންތައް ރަނގަޅު ކުރުމަށް އަންގައިފި އެވެ.
އިމިގްރޭޝަނުން ބުނީ އެ އޮޕަރޭޝަނުގައި ހުޅުމާލޭގެ ކެފޭތަކާއި، ރެސްޓޯރެންޓުތަކާއި، ފިހާރަތައް އިންސްޕެކްޓު ކޮށްފައިވާ ކަމަށެވެ. އެގޮތުން ޖުމްލަ 12 ތަނެއް ވަނީ ބަލައި ފާސްކޮށްފަ އެވެ.

އޭގެ އިތުރުން އެ ތަންތަނުގައި މަސައްކަތް ކުރާ 37 ބިދޭސީއެއްގެ ކަންކަން ބަލާފައި ވާއިރު، އެމީހުންނާ ގުޅޭ ލިޔެކިޔުންތައް ރަނގަޅު ކުރުމަށް ފަސް ތަނަކަށް އަންގާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.



އިމިގްރޭޝަނުން އަންނަނީ ބިދޭސީންނާ ގުޅޭ ކަންކަން ބެލުމަށް ގިނަ އޮޕަރޭޝަންތައް ހިންގަމުންނެވެ. އެގޮތުން ނޮވެމްބަރު މަހު މާލޭގައި ހިންގި އިންސްޕެކްޝަނުން ވަނީ ވޯކް ވިސާ ނެތި 14 ތަނެއްގައި މަސައްކަތް ކުރަމުންދާ 25 ބިދޭސީން ދެނެގަނެފަ އެވެ.

އެ ފަހަރު ބިދޭސީންނާ ގުޅޭ ލިޔެކިޔުންތައް ރަނގަޅު ކުރުމަށް ހަ ތަނަކަށް އިންޒާރުގެ ސިޓީ ފޮނުވާފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދިނެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަނެ، އެމީހުންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް އިމިގްރޭޝަނުން ފުރުސަތު ދެމުން އަންނައިރު، އިކޮނޮމިކް މިނިސްޓްރީން ވެސް އަންނަނީ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ ނަމުގައި އެފަދަ ހަރަކާތެއް ކުރިއަށް ގެންދަމުންނެވެ.
ހިޔާލު