Yameen minivan kurumah idhikolhu coalitionun Raees Solih ge arihah!
image
ކުރީގެ ރައީސް ޔާމީން ގެންދަވަނީ ފަސް އަަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން--
ހައްވާ މުހައްމަދު
2 ކޮމެންޓް
 

ޔާމީން މިނިވަން ކުރުމަށް އިދިކޮޅު ކޯލިޝަނުން ރައީސް ސޯލިހުގެ އަރިހަށް!

މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމާއި ގުޅޭ ގޮތުން އިދިކޮޅު ކޯލިޝަނުން މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރަން ހަމަޖެހިއްޖެ އެވެ.
ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ވަފްދެއް މިއަދު ހަވީރު 04:00 ޖަހާއިރު ރައީސް ސޯލިހާ ބައްދަލުކުރަން ހަމަޖެހިފައިވާ ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ އެ ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެވިގެން ދާނީ ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް ދިޔަ ގޮތާއި، އެމަނިކުފާނު މިނިވަން ކުރުމާއި ގުޅޭ ގޮތުން ކަމަށެވެ. މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށާއި، އެމަނިކުފާނު މިނިވަން ކުރުމަށް ފަހު ނޫނީ އިދިކޮޅު ކޯލިޝަންގެ މަސައްކަތް ހުއްޓަވާނުލައްވާނެ ކަމަށެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ޕެޓިޝަނެއް ހުޅުވާލާފައި ވާއިރު، ރެއާއި ހަމައަށް 2000 އަށް ވުރެ ގިނަ މީހުން އެ ޕެޓިޝަންގައި ސޮއިކޮށްފައިވާ ކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް އިއްވާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

އެމަނިކުފާނަށް އިއްވި ޖަލު ހުކުމް މިހާރު ތަންފީޒް ކުރައްވަމުން އަންނައިރު، ރައީސް ޔާމީން ސަލާމަތް ކުރުމުގެ މަސައްކަތް އިދިކޮޅު ކޯލިޝަނުން މިހާރު އަންނަނީ ކުރަމުންނެވެ.

އެގޮތުން އެމަނިކުފާނަށް އިއްވި ޖަލު ހުކުމާއި ގުޅޭ ތަފްސީލް ބައިނަލްއަގްވާމީ ފަރާތްތަކާއި ހިއްސާ ކުރެއްވުމަށް އެ ކޯލިޝަންގެ ވަފްދެއް ވަނީ ސްރީލަންކާއަށް ވެސް ޒިޔާރަތްކޮށްފަ އެވެ.

ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި މިހާރުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ޝަރީއަތް ދިޔަ ގޮތާއި މެދު ބޭރުގެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.

ޝަރީއަތް ދިޔަ ގޮތާއި މެދު ބޭރުގެ ފަރާތްތަކުން ވަރަށް އަވަހަށް ބަޔާންތައް ނެރޭނެ ކަމަށް ސައީދު ވިދާޅުވި ނަމަވެސް، މިހާތަނަށް އައިއިރު، އެކަމާއި ގުޅިގެން ބައިނަލްއަަގްވާމީ މުޖްތަމައުން ބަޔާނެއް ނެރެފައެއް ނުވެ އެވެ.

ރައީސް ޔާމީނަށް އިއްވި ހުކުމާއި ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ބައިނަލްއަގްވާމީ ފަރާތްތަކާއި ބައްދަލުކޮށްފައި ވާއިރު، އެމަނިކުފާނުގެ ވެރިކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވި ހުކުމާއި ދެކޮޅަށް އޭރުގެ އިދިކޮޅު އެމްޑީޕީން ބައިނަލްއަގްވާމީ މުޖްތަމާއި ބައްދަލުކުރުމުން ރައީސް ޔާމީން އެކަން ސިފަކުރައްވާފައި ވަނީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމުގެ އަމަލެއްގެ ގޮތުގަ އެވެ.

އެހެންކަމުން ރައީސް ޔާމީން ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ މެމްބަރުން އެމަނިކުފާނަށް އިއްވި ހުކުމާއި ދެކޮޅަށް ކުރައްވަމުން އަންނަ މަސައްކަތް ގިނަ ރައްޔިތުން ސިފަ ކުރަމުން އަންނަނީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމަށް ހިންގަމުން އަންނަ އަަމަލުތަކެއްގެ ގޮތުގަ އެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމް ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ހައިކޯޓްގައި އިސްތިއުނާފްކޮށްފަ އެވެ.
ހިޔާލު

އަހައްމާ

ކޯޓުން ހުކުމް ކުރީމާ ރައީސްއަށް ކޮއްދެވޭނީ ކޮންކަމެއްތޯ ؟ ހުކުމުގެ 2/3 ނުނިމެނީސް ރައީސްއަށް ކުރެވޭނެ އެއްވެސް ކަމެއްނޯންނާނެއެވެ. ޖުޑީޝަރީއަށް ނުފޫޒް ފޯރުވަން ނޫއްޅުއްވާށެވެ.

އަހުމަދު

ތިޔަ މީހަކީވެސް ހަމަ ގޭގައި އިންނަންޖެހޭ މީހެއްނޫން...... ހަމަރައީސެކޭ ކިޔާފަ ގެއަށް