MDP ge social media activist akah maruge inzaaru dheefi
image
ނައުޓީ މެޓޮކްސް-- ފޮޓޯ: ސޯޝަލް މީޑިއާ
ސާޔާ އަހްމަދު
0 ކޮމެންޓް
 

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓަކަށް މަރުގެ އިންޒާރު ދީފި

ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ސޯޝަލް މީޑިއާ އެކްޓިވިސްޓަކަށް މަރުގެ އިންޒާރުދީ، ބިރު ދެއްކި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ނައުޓީ މެޓޮކްސްގެ ނަމުން މަޝްހޫރު އެކްޓިވިސްޓަށް މަރުގެ އިންޒާރު ދީފައި ވަނީ ޓްވިޓާ މެދުވެރިކޮށް ދެއްކި ވާހަކަތަކެއްގެ ސަބަބުން ކަމަށް ވެއެވެ.

އެގޮތުން މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭ މަޖީދީ މަގު އިރުމަތީ ފަރާތުން، ބޮޑު ތަކުރުފާނު މަގާ ބައްދަލުވާ ހިސާބުން ސައިކަލެއްގައި އައި ދެ މީހަކު ވަނީ އޭނާއަށް ބިރު ދައްކާ، މަރާލާނެ ކަމަށް ބުނެފަ އެވެ.އެކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ނައުޓީ ބުނެފައި ވަނީ އޭނާއަކީ އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހެއް ނޫން ކަމަށާއި އޭނާގެ ދީނަކީ ވެސް އިސްލާމްދީން ކަމަށެވެ.

އަދި ސިޔާސީ މަގްސަދެއް ނެތި މީހުންނަށް މަރުގެ އިންޒާރު ނުދޭނެ ކަމަށް ވެސް ބުނެފައި ވެއެވެ. އެ މައްސަލަ މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ.އެމްޑީޕީން ނެރުނު ބަޔާނެއްގައި ވަނީ އެކަން "އެންމެ ހަރުކަށި އިބާރާތުން" ކުށްވެރިކޮށް، އެއީ "ސީރިއަސް ނަޒަރެއްގައި އެކަމުގެ މައްޗަށް ފިޔަވަޅު އަޅަން ލާޒިމުވާ ފަދަ ޖިނާއީ ކުށެއް" ކަމަށް ބުނެފަ އެވެ.

"މި ބާވަތުގެ ހަރުކަށި އަމަލުތަކުން ކުރިފަޅާ ހެދި، އުފެދޭ ރުޅިވެރިކަމާއި، ފިތުނައިގައި ކިތަންމެ ބައެއްގެ ފުރާނައަށް ގެއްލުންވާ ހިސާބަށް މި ފަހުން ކަންގޮސްފައި ހުރިކަން މި ހިނދު ފާހަގަކުރަމެވެ. އެހެންކަމުން މި އަމަލު ހިންގި ފަރާތް ހޯދާ، އެކަށީގެންވާ ގާނޫނީ ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި، ކަމާ ބެހޭ ފަރާތްތަކުގެ މައްޗަށް ގޮވާލަމެވެ،" އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

އެ މައްސަލަ ފެންމަތިވުމާއެކު ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން އަންނަނީ ނައުޓީގެ ފުރާނައަށް ގެއްލުންވުމުގެ ކުރިން އެކަން ކުރި މީހުން ހޯދުމަށް ފުލުހުންނަށް ގޮވާލަމުންނެވެ.

އެމްޑީޕީ ފުލުހުން
ހިޔާލު