Samaaluvey, Beyrah hingumaai hodulun ithuruvanee!
image
އައިޖީއެމްއެޗް -- ފޮޓޯ: ރާއްޖެއެމްވީ
ފައުޒާ މުހައްމަދު
1 ކޮމެންޓް
 

ސަމާލުވޭ، ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަަނީ!

ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭ އިން ބުނީ ބޭރަށް ހިންގުން ކަމަށް ބެލެވެނީ 24 ގަޑިއިރު ތެރޭގައި 3 ފަހަރަށްވުރެ ގިނައިން ދިޔާކޮށް ބޮޑުކަމު ދެވުމުން ކަމަށެވެ.

ބޭރަށް ހިންގާނަމަ ތިމާއާއި އެހެން މީހުންގެ ރައްކާތެރިކަމަށްޓަކައި ކުރެވިދާނެ ގިނަ ކަންތައްތަކެއް އެޗްޕީއޭ އިން ވަނީ ފާހަގަކޮށްފަ އެވެ.

އޯއާރއެސް އަދި ދިޔާތަކެތި ބޭނުންކުރުމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އެގޮތުން ގިނަގިނައިން ލޮނުޕެކެޓް، ފެން އަދި ސޫޕް އަދި ކުރުނބާ ފެންފަދަ ދިޔާ ތަކެތި ބޭނުންކުރުމަށް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ.

މީގެއިތުރުން އަތް ދޮވުން ވަރަށް މުހިއްމު ކަމަށް އެޗްޕީއޭ އިން ބުނާއިރު ކުޑަކުދިންގެ ނެޕީ ބަދަލުކުރުމަށްފަހުގައި ސައިބޯނިލައިގެން ރަނގަޅަށް އަތް ދޮވުން އަދި ބޭނުން ކޮށްފައިވާ ނެޕީ ރައްކާތެރި ގޮތުގައި ނައްތާލުމަށް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ. އަދި ފާހަނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތް ދޮވުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެޗްޕީއޭ އިން ބުނީ ފެނާއި ކާނާ ރައްކާތެރި ގޮތުގައި ބޭނުންކުރުން ވެސް ވަރަށް މުހިއްމު ކަމަށެވެ. އެގޮތުން ބޯން ބޭނުންކުރާ ފެން ކައްކައިގެން ބޭނުންކުރުމަށާއި ކާބޯތަކެތީގައި މެހި ނުޖައްސާނެހެން މަތި ޖަހާފައި ބެހެއްޓުމަށް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ.

މީގެއިތުރުން ތިން ދުވަސް ވަންދެން 24 ގަޑިއިރު ތެރޭގައި ތިން ފަހަރަށް ވުރެ ގިނައިން ބޮޑުކަމުދެވުން ނުވަތަ ބޭރަށް ހިންގުމުގެ އަލާމަތްތައް އިތުރަށް ގޯސް ވާނަމަ ޑޮކްޓަރަށް އަވަހަށް ދެއްކުމަށްވެސް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ.

އެޗްޕީއޭ އިން ބުނީ ބޭރަށް ހިންގުމުގެ އަލާމާތްތައް ފެންނަތާ ދެ ދުވަސް ވަންދެން، ސްކޫލު ކުދިން ސްކޫލަށް ނުފޮނުވުމަށް އިލްތިމާސް ކުރާ ކަމަށެވެ. ހަމައެހެންމެ ވަޒީފާގެ މާހައުލަށް ނުނިކުމެ ގޭގައި އަރާމު ކުރުމަށާއި އާންމުން އެއްވެއުޅޭ ސަރަހައްދުތަކަށް ނިކުމެ އުޅުން މަދުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
ހިޔާލު

ޟުލައިމަން

މުޅި ރާއްޖެ ގަ ތަ؟..ކޮބާ މައުލޫމާތު