Filladhoo sihhee marukazuge ihumaalun bali meehehge faruvaa lasvanee!
image
ފިއްލަދޫ ހެލްތް ސެންޓަރު -- ފޮޓޯ: ފޭސްބުކް
5 ކޮމެންޓް
 

ފިއްލަދޫ ސިއްހީ މަރުކަޒުގެ އިހުމާލުން ބަލި މީހެއްގެ ފަރުވާ ލަސްވަނީ!

ހއ. ފިއްލަދޫ ސިއްހީ މަރުކަޒުގެ އިހުމާލުން ބަލި މީހެއްގެ ފަރުވާ ލަސްވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ބަލި މީހާގެ އާއިލާ އިން ސީއެންއެމް އަށް މައުލޫމާތު ދެމުން ބުނީ އިއްޔެއިން ފެށިގެން އެ ރަށު ހޮސްޕިޓަލުން ލިއުމެއް ތައްޔާރު ނުކުރެވިގެން ބަލި މީހާ މާލެ ނުގެނެވި ލަސްވަމުން އަންނަ ކަމަށެވެ. އަދި ބަލި މީހާގެ ހާލަތު ވެސް އިތުރަށް ގޯސް ވަމުން އަންނަ ކަމަށާއި، ނަމަވެސް އަދި ވެސް އެ ލިޔުން ސިއްހީ މަރުކަޒަށް ތައްޔާރު ނުކުރެވޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް ބެލެވެނީ މެންޓަލް މައްސަލައެއް ކަމަށް، ހަމަ މީހާ އެއްކޮށް ވަރަށް ބޮޑަށް ސަކަރާތް ވެފަ ހުރީ. ހޮސްޕިޓަލުން ހެދި ލިޔުމުގަ ޕޭޝެންޓް ވަޔަލަންޓް ކަމަށް އޮތުމުން މޯލްޑިވިއަނުން ރިޖެކްޓް ކުރީ، އެކަމަކު ވަޔަލަންޓެއް ވެސް ނޫން އަސްލު. ދެން އަޅުގަނޑުމެން ބެލީ އެމްއެންޑީއެފް ހެލިކޮޕްޓަރުގަ ގެނެވޭތޯ، އަޅުގަނޑުމެން އެމްއެންޑީއެފްއަށް ގުޅީމަ ބުނީ ސިއްހީ މަރުކަޒުގެ ލިޔުން ލިބުމާއި އެކު އެކަން ވާނޭ،" ބަލި މީހާގެ އާއިލާ އިން ސީއެންއެމް އަށް މައުލޫމާތު ދިން މީހާ ކިޔައިދިނެވެ.

މިއަދު ހެނދުނު 9:00 އަށް އެ ލިޔުން ދޭނެ ކަމަށް ހޮސްޕިޓަލުން ބުނި ނަމަވެސް އަދިވެސް އެފަދަ ލިޔުމެއް ހޮސްޕިޓަލަށް ތައްޔާރު ނުކުރެވިގެން ބަލިމީހާ މާލެ ނުގެނެވި ލަސްވަމުން އަންނަ ކަމަށްވެސް އޭނާ ބުންޏެވެ. އަދި މިހާރު ހޮސްޕިޓަލުން ބުނަމުން އަންނަނީ ބަލިމީހާ މާލެ ފޮނުވާލުމަށް އާސަންދައިން މަތިންދާބޯޓެއް ޗާޓަރު ކުރަން މަސައްކަތް ކުރާ ކަމަށް ކަމަށާއި، ނަމަވެސް އެކަންވެސް ވާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ބަލިމީހާގެ އާއިލާ އިން ބުނެ އެވެ.

"އަޅުގަނޑުމެން އެމްއެންޑީއެފަށް ގުޅީމަ ބުނީ ލިޔުން ލިބުމާ އެކު ފްލައި ކުރެވޭނޭ. މިއަދު އެ މީހުން ތިބީ އެކަމަށް ތައްޔާރުވެސް ވެގެން އެކަމަކު ރޭގަނޑު ވީއިރު ވެސް ލިޔުން ނުލިބުނީމަ، ދެން ރޭގަނޑަކު ފްލައި އެއް ނުކުރެވޭނެ. މާދަމާ ވެސް ގެންދެވޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތް،" އެކަމާ ހިތްހަމަނުޖެހިގެން އެ ރަށު ހޮސްޕިޓަލުގައި ހުރެ އެ އާއިލާ މީހަކު ބުންޏެވެ.

އެ މައްސަލާގައި އާއިލާ އިން ހޮސްޕިޓަލަށް ގޮސް ނުރުހުން ފާޅު ކުރަމުން އަންނަ އިރު، ހޮސްޕިޓަލުން މިއަދު އާސަންދަ އަށް ލިޔުމެއް ފޮނުވި ނަމަވެސް އެ ލިޔުން ވެސް އޮތީ ނުބައި ކޮށް ކަމަށް އެނގިފައިވެ އެވެ. ބަލިމީހާ މާލެ ގެނައުން ލަސްވަނީ ލިޔުން އިސްލާހުކޮށްފައި މިހާތަނަށް ވެސް އާސަންދަ އަށް ނުލިބޭތީ ކަމަށް އާސަންދައިން ބުނާ ކަމަށް އާއިލާ މީހުން ބުނެ އެވެ.

މިކަމާ ގުޅޭގޮތުން އެ ރަށު ސިއްހީ މަރުކަޒުގެ ބަހެއް ހޯދުމަށް، ސިއްހީ މަރުކަޒަށް ގުޅުމުން ސުވާލު ނުކުރެވެނީސް ފޯނު ނެގި އަންހެން ބޭފުޅާ ވަނީ "މިވަގުތު ތިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ނުދެވޭނެ،" ކަމަށް ބުނެ ފޯނު ބާއްވާފަ އެވެ. ދެ ވަނަ ފަހަރަށް ގުޅައި އިންފޮމޯޝަން އޮފިސަރުގެ ނަންބަރު ދޭން އެދުމުން "އަޅުގަނޑަކަށް ނޭގޭ (އިންފޮމޭޝަން އޮފިސަރެއް)... އަޅެ މިވަގުތު އުނދަގޫ ނުކޮށްބަ ޕްލީޒް،"އޭ ބުނެ ފޯނު ވަނީ ބާއްވާފަ އެވެ.
ހިޔާލު

ބަލަ ބަލަ

އެ ޕޭޝަންޓް އަކީ ޑިޕްރެޝަންގަ ހާލުބޮޑުވެފައި ވާ ޕޭޝަންޓެއް ، ނުހިނގިގެން ، ވަރު ދޫވެގެން ގެންދިޔަ ޕޭޝަންޓް އެއް ނޫން ...

ބީރައްޓެހިން

"އަޅެ މިވަގުތު އުނދަގޫ ނުކޮށްބަ ޕްލީޒް" 😄😄

ޒަރީރު

ބަލިކަމުން ފުރާނަޔަށް ގެންލުންވާ ހާލުގަ އޮތް މީހާ ހެލިކޮޕްޓަރާ ހަމައަށް ވެސް ދިޔާ ހަމަޖެހިގެން ހިގާލާ ފަ. މީ ފިއްލަދޫ ރައްޔިތުންނަށް ފެންނާނެ މަންޒަރެން. އެހެން ވީމަ ކިހާ ބަލި ތޯ. މި ކޮމެންޓު ޖަހާލަން ކެރޭނެބާ.

ދެން ދޯ

ބަލި މީހުން މިހާރު ނުޖެހޭތަ ރެޖިސްޓަރޑް މެޑިކަލް ސެންޓަރ އަކަށް ގެންދާކަށް އާސަންދަ ހަމަޖައްސަން؟

ޢަޙްމަދު

ފިއްލަދޫ ކައުންސިލް ގެ ރައީސް އާއި ސިއްހީ މަރުކަޒާ ހަވާލުވެހުންނަ ޒިންމާދާރުވެރިޔާގެ ނާގާބިލިއްޔަތުކަން ރަށުހުރިހާ ރައްޔިތުންނަށް އެނގިގެން ދިޔައިރު އެބައި މީހުންނަކީ ކޮން ފެންވަރެއްގެ ބައެއް ކަންވެސް މިއަދު ރަށުގެ ރައްޔިތުންނަށް އެންގިގެން ގޮއްސި...