Hahguthah nigulhaigenefaivaakan gaboolukuran dhaulathun faheh nujehey
image
ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު:---
ނަސްރުﷲ މުހައްމަދު
0 ކޮމެންޓް
 

ފާއިތުވީތަނުގައި ހައްގުތައް ގެއްލުވާލާފައިވާކަން ގަބޫލުކުރަން ދައުލަތުން ފަހެއް ނުޖެހޭ

ފާއިތުވީތަނުގައި ހައްގުތައް ނިގުޅައިގެނެފައިވާކަން ގަބޫލުކުރަން ދައުލަތުން ފަހެއް ނުޖެހޭކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ އިންސާނީ ހައްގުތަކުގެ ދުވަހާއި ގުޅިވެގެން ބަންޑާރަ ނައިބު ވިދާޅުވީ، އެންމެ މީހެއްގެ އިންސާނީ ހައްގު ގެއްލުވާލުމުން އޭގެ އަސަރު މުޅި މުޖުތަމައަށްވެސް ކުރާކަމަށެވެ.

"ފާއިތުވީ ތަނުގައި ހައްގުތައް ނިގުޅައިގަނެފައިވާކަން ގަބޫލުކުރަން ދައުލަތުން ފަހެއް ނުޖެހޭ. އެއީ ކޯޓުތަކުގައި ވިއަސް އެކަން ދައުލަތުން ގަބުލުކުރޭ އަދި ރައްޔިތުންނަށް ޖަވާބުދާރީ ވުމަށް އަންނަނީ ގަދައަޅައި މަސައްކަތް ކުރަމުން،"

ރިއްފަތު މިހެންވިދާޅުވިއިރު، ނޫސްވެރިޔާ އަހުމަދު ރިޟްވާން ވަގަށް ނެގުމަށް ފަހު މަރާލިތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު ރިޟްވާނުގެ އާއިލާއިން އިންސާފު ހޯދާ ދިނުމަށް އަދިވެސް އަންނަނީ ގޮވާލަމުންނެވެ.

ރިލްވާންގެ ދައްތަ ފާތިމަތު ޝެހެނާޒު އޭނާގެ ފޭސްބުކްގައި މިއަދު ބުނީ އިންސާނީ ހައްގުތަކަށް ވަކާލާތުކޮށް އަޑުއުފުލި އޭނާގެ ކޮއްކޮ އަދި ނޫސްވެރިޔާ ރިލްވާން ވަގަށް ނެގިތާ 1950 ދުވަސްވެފައިވާއިރު އަދިވެސް އިންސާފު ލިބިފައި ނުވާ ކަމަށެވެ. އޭނާ ބުނީ އަދިވެސް ރިލްވާން ވަގަށް ނެގި މީހުން މުޖުތަމައުގައި މިނިވަނުންގެ ގޮތުގައި އުޅެމުން އަންނަ ކަމަށެވެ.

ޝެހެނާޒު ވަނީ ރިލްވާންގެ މައްސަލާގައި ފުލުހުން ކޮށްފައިވާ ތަހުގީގަށް ފާޑު ކިޔާފައެވެ. އޭނާ ވަނީ ރިލްވާނަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައިފައެވެ.

ރައީސް ސޯލިހް އުފެއްދެވި މަރު ކޮމިޝަނުން ސެޕްޓެމްބަރު އެއްވަނަ ދުވަހު ވަނީ ރިޟްވާންގެ މައްސަލާގައި އެކޮމިޝަނުން ހިންގި ތަހުގީގުން ވަގަށް ނެގުމަށް ފަހު އެ ރޭ ރިޟްވާން މަރާލުމަށް ފަހު ކަނޑުފައްތާފައިވާކަން އިއުލާން ކޮށްފައެވެ.

ރިޟްވާން މަރާލީ ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ހައްދުފަހަނަޅާފައިވާ ޖަމާއަތަކުން ފާރަލުމަށް ފަހު ވަގަށް ނަގައިގެން ގޮސް ކަނޑުމަތީގައި ކަމަށް މަރު ކޮމިޝަނުން ބުނެފައިވެއެވެ.
އެޓާނީ ޖެނެރަލް
ހިޔާލު