Afiya ibthihaal ah aniyaa kuri goi rashu meehunge dhulun!
image
އިބްތިހާލު އަދި އޭނާގެ މަންމަ އާފިޔާ --
އާދަމް ނަޒީރު
1 ކޮމެންޓް
 

އާފިޔާ އިބްތިހާލަށް އަނިޔާކުރި ގޮތް ރަށު މީހުންގެ ދުލުން!

މުހައްމަދު އިބްތިހާލް މަރާލި މައްސަލައިގައި އެ ކުއްޖާގެ މަންމަ ވ. ރަކީދޫ އާފިޔާ މުހައްމަދު މަނިކު އިބްތިހާލަށް އަނިޔާކުރި ގޮތާއި އިބްތިހާލާއި މެދު އަމަލުކުރަމުން ދިޔަ ގޮތް އާފިޔާއާ ތިމާގެ ގޮތުން ގާތް މީހުންނާއި އެރަށުގެ ބައެއް އެހެން މީހުންގެ ދުލުން ކިޔައިދީފި އެވެ.
ޖެނުއަރީ، 2015 ގައި އިބްތިހާލަށް ބޮޑެތި އަނިޔާތަކެއް ދީ އޭނާ މަރާލި މައްސަލާގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކުރެ އެވެ. އެއީ ގަސްދުގައި ކުއްޖަކު މަރާލުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ.

މި މައްސަލާގައި މިއަދު އޮތީ ދައުލަތުގެ ފަރާތުން ހުށަހަޅާ ފަސް ހެކިން ހުށަހެޅުމެވެ. އެމީހުން ހެކިބަސް ދީފައިވަނީ ރަކީދޫ މެޖިސްޓްރޭޓު ކޯޓުގައި ތިބެގެން، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. ހެކިބަސް ނެގީ އާރިފާ މުހައްމަދު އަދި ތަހުމީނާ އިބްރާހިމްއާ ޝަހީމާ އިބްރާހިމް، ހުސެއިން މުއާޒް އަދި އާދަމް ސާމީއާއެވެ.

މި މީހުންގެ ތެރެއިން އެންމެ ފުރަތަމަ ހެކިބަސް ނެގީ އާރިފާ މުހައްމަދުގެއެވެ. އޭނާއަކީ އާފިޔާގެ ދެބެންގެ ދެދަރި މީހެކެވެ. އިބްތިހާލާ އޭނާއާ ގާތް ގުޅުމެއް އޮވެއެވެ. އޭނާއަށް އިބްތިހާލު ކިޔަނީވެސް "މާމަ"އެވެ. އިބްތިހާލު ނިޔާވިއިރު ރަކީދޫ ސިއްހީ މަރުކަޒުގައިވެސް މަސައްކަތް ކުރަމުންދިޔަ އާރިފާ ބުނީ އިބްތިހާލާއި އާފިޔާގެ އެހެން ދަރިންނާއި އާފިޔާ ވަރަށް ބޮޑު ތަފާތު ކުރުންތައް ގެންގުޅޭ ކަމަށެވެ. އެގޮތުން އާފިޔާގެ ބައެއް އެހެން ކުދިން ގޮވައިގެން މަގުމަތިންވެސް ފެންނަ ކަމަށާއި އެހެންނަމަވެސް އިބްތިހާލާއި އެކުގައި ދުވަހަކުވެސް މަގުމަތިން ނުފެންނަ ކަމަށް އޭނާ ބުންޏެވެ. އަދި އިބްތިހާލު ކޮބައިތޯ އަހާ ކޮންމެ ފަހަރަކު އިބްތިހާލު ގޭގައި ނިދާފައި އޮންނާނެ ކަމަށް އާފިޔާ ބުނާ ކަމަށްވެސް އާރިފާ ބުންޏެވެ.

އޭނާ ބުނީ އެއް ދުވަހަކު އިބްތިހާލުގެ ލޯމަތި ދުޅަވެގެން ސިއްހީ މަރުކަޒަށް އާފިޔާ ގެންދިޔަ ކަމަށެވެ. އަދި އެއީ ކިހިނެއްވެގެން ހިނގާދިޔަ ކަމެއްތޯ އެހުމުން އެއީ އިބްތިހާލު ނިދާ ހޭލިއިރު ހިނގާފައިވާ ކަމެއް ކަމަށް އާފިޔާ ބުނި ކަމަށްވެސް އާރިފާ ބުންޏެވެ. އަދި ބުނީ އެނޫނަސް ތަފާތު އެކި ފަހަރުމަތިން އިބްތިހާލަށް އަނިޔާވެގެން ސިއްހީ މަރުކަޒަށް ގެންނަ ކަމަށެވެ. ނަމަވެސް އެފަރުތަކުގައިވެސް އާފިޔާ ތަފާތު އެކި ސަބަބުތައް ދައްކާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ އަނިޔާގެ ނިޝާންތައް އިބްތިހާލުގެ ގައިން ކިތަންމެ ވަރަކަށް ފެނުނު ނަމަވެސް ދުވަހަކުވެސް އިބްތިހާލުގެ ގައިގާ އާފިޔާ ޖެހިތަން ނުފެންނަ ކަމަށެވެ. އޭނާ ބުނީ އަބަދުވެސް އާފިޔާގެ ގާތަށް ދާން ބުނުމުން އިބްތިހާލު ރޯން ފަށާ ކަމަށެވެ. އެހެންނަމަވެސް އިބްތިހާލުގެ ބައްޕަ ގާތަށް ދާން ބުނުމުން އުފަލުން ދާނެ ކަމަށް އޭނާ ބުންޏެވެ.

އާފިޔާގެ އަވަށްޓެރިއެއް ކަމަށްވާ ތަހުމީނާ އިބްރާހީމް ހެކިބަސް ދެމުން ބުނީ އިބްތިހާލުގެ ގައިގާ އާފިޔާ ޖެހިތަން އޭނާއަށް އެއް ދުވަހު ފެނުނު ކަމަށެވެ. އަދި އިބްތިހާލު އަބަދުވެސް އިންނާނީ އާފިޔާ ދެކެ ބިރުން ކަމަށް ތަހުމީނާ ބުންޏެވެ.

ތިން ވަނައަށް ހެކިބަސް ދިން ޝަހީމާ އިބްރާހިމް އަކީވެސް އާފިޔާއާ ދެބެއިންގެ ދެދަރި އަންހެނެކެވެ. އޭނާ ބުނިގޮތުގައި ފިހާރަކަށް ދިއުމަށް ފަހު އޭނާ ގެއަކަށް ވަންއިރު އެ ގޭގައި އާފިޔާ އިން ކަމަށެވެ. އަދި އޭނާ އެނބުރި ގެއަށް ދިޔަ މަގުމަތީގައި އާފިޔާމެން ގެއިން ކުއްޖެއްގެ ރުއިމުގެ އަޑު އިވުނު ކަމަށް އޭނާ ބުންޏެވެ. އެހެންވެ، އެގެއަށް ވަންނަން މަސައްކަތް ކުރިޔަސް، އެގޭގެ ދޮރު ތަޅުލާފައި ހުރުމުން އެގެއަށް ނުވަނދެވުނު ކަމަށް އޭނާ ބުންޏެވެ. އަދި އިބްތިހާލް މަރުވި ކަމުގެ ހަބަރު ލިބުނީ އޭގެ 15 ވަރަކަށް މިނެޓް ފަހުން ކަމަށް ވެސް އޭނާ ބުންޏެވެ.

އިބްތިހާލް މަރުވިއިރު ރަކީދޫ ކައުންސިލްގެ ރައީސަކަށް ހުރި އާދަމް ސާމީ އާއި އޭރު އެ ކައުންސިލްގެ ޒިންމާދާރުވެރިޔާ ހުސައިން މުއާޒް ވެސް މިއަދު އެ މައްސަލާގައި ހެކިބަސް ދިނެވެ. އެ ދެ މީހުން ވެސް ބުނިގޮތުގައި އިބްތިހާލް މަރުވި ދުވަހު އޭނާއަށް ކަމެއް ދިމާވިކަމުގެ ހަބަރު ލިބުމުން އާފިޔާމެން ގެއަށް ދިޔައިރު އިބްތިހާލް މަރުވެފައި އޮއްވާ ފެނުނެވެ. އޭރު ވެސް އޭނާގެ ހަށިގަނޑުގައި އަނިޔާގެ ނިޝާންތައް ފެންނަ ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

ކައުންސިލްގެ ޒިންމާދާރުވެރިޔާ ބުނިގޮތުގައި އިބްތިހާލް މަރުވުމުގެ މަހެއްހާ ދުވަސް ކުރިން ވެސް އޭނާއަށް އަނިޔާތަކެއް ލިބުނުކަމުގެ މައުލޫމާތު ލިބިގެން އެކަން ބެލުމަށް އެ ގެއަށް ގޮސްފައިވާނެއެވެ. އަދި އެކަން އޭރު ޖެންޑާގެ ސަމާލު ކަމަށް ވެސް ގެނެސްފައިވާނެ ކަމަށް އޭނާ ބުންޏެވެ.

އިބްތިހާލްގެ މަރުގެ މައްސަލައިގައި އިހުމާލުވި ކަމުގެ ތުހުމަތުގައި ޖެންޑާ މިނިސްޓްރީގެ އޮފިޝަލުންތަކަކަށް ދައުވާވެެސް ކުރިއެވެ.

މީގެކުރިން އާފިޔާ ވަނީ އިބްތިހާލަށް އަނިޔާކުރި ގޮތް ވަނީ ބުދެއް ބޭނުން ކޮށްގެން ފުލުހުންގެ ތަހުގީގަށް ކިޔައިދީފައެވެ. އަދި މީގެކުރިން ޝަރީއަތުގައި އާފިޔާ ވަނީ އިބްތިހާލަށް އަނިޔާކުރި ކަމަށް އިއުތިރާފުވެފައެވެ. ނަމަވެސް ފަހުން އެކަމަށް އޭނާ ވަނީ އިންކާރު ކޮށްފައެވެ.
އިބްތިހާލް
ހިޔާލު

ލަމް

އާފިޔާ ވެސް ސިޔާސީ ޕާޓީ އަކާއި ގުޅުނު ނަމަ، ތިދައުވާ އެއް މީހަކު ނުކުރާނެ.