Madhani ijuraa athuge bill aamunge khiyaalah hulhuvaalaifi
image
ފޮޓޯ: މަޖިލިސް
ފާތުމަތު ރިފާޢަތު
1 ކޮމެންޓް
 

މަދަނީ އިޖުރާއަތުގެ ބިލު އާންމުންގެ ޚިޔާލަށް ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަދަނީ އިޖުރާއަތުގެ ބިލާ ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށްޓަކައި މިއަދު ހުޅުވާލައިފިއެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ މި ބިލުގެ ފުރަތަމަ ކިޔުން، 7 ޑިސެމްބަރު 2019 ގައި އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 77 ވަނަ ޖަލްސާގައި އިއްވާފައިވާއިރު، މި ބިލާމެދު ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާފައިމިވަނީ، ބިލުގެ ކޮމިޓީ މަރުޙަލާ، މިއަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ތެރޭގައި ފެށުމުގެ ކުރިން، ވީހާވެސް ގިނަ ފަރާތްތަކެއްގެ ޚިޔާލު ހޯދައި، އެ ޚިޔާލުތަކަށް ބިނާކޮށް، ބިލު މުރާޖަޢާކޮށް، އިޞްލާޙުކުރުމަށްޓަކައި ކަމަށެވެ.

މި ބިލަކީ، މަދަނީ މައްސަލަތަކުގައި ޢަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރާ ޤާނޫނެއް ނެތުމުގެ ސަބަބުން، ދިވެހިރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމުގައި އުފެދިފައި އޮތް ހުސްކަން ފޫބައްދައި، ދިވެހިރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމުގައި ހިމެނޭ އެންމެހައި ކޯޓުތަކުން އެ ކޯޓުތަކަށް ހުށަހެޅޭ ދަޢުވާތައް ޢަދުލުވެރިކަމާއި ހާމަކަމާއެކު ބެލުމަށް މަގުފަހިކޮށްދީ، ޚަޞްމުންނާމެދު ހަމަހަމަ އުސޫލަކުން ޢަމަލުކުރެވޭނެ އިޖުރާއަތުތަކެއް ކަނޑައަޅައިދީ، މައްސަލަތަކުގައި ހިމެނޭ ފައިސާގެ ޢަދަދާއި އުފެދިފައިވާ ޚުޞޫމާތުގެ ކުޑަބޮޑުމިނަށާއި، ޚަޞްމުންގެ މާލީ ޙާލަތަށް ރިޢާޔަތްކޮށް، އެކަށީގެންވާ އަވަސް މިނެއްގައި މައްސަލަތައް ބެލި އެ މައްސަލަތަކާމެދު ގޮތެއް ނިންމޭނެ އުޞޫލުތަކެއް ކަނޑައަޅައިދީ، އަދި ތަހުޒީބީ މުޖުތަމަޢުތަކުގައި ބަލައިގަނެފައިވާ ފަދަ ލުއިފަސޭހަ އަދި ހަރުދަނާ ނިޒާމުތަކުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމު ބައްޓަންކުރުމަށްޓަކައި ހުށަހަޅާފައިވާ ބިލެއް ކަމަށްވެސް އޭޖީން ބުނެއެވެ.

އަދި މި ބިލުން ހުށަހަޅާ މައިގަނޑު ކަންކަމުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރޭގައި:

ކޯޓަށް މައްސަލަ ހުށަހަޅާނެ ގޮތާއި، ދަޢުވާ ފޯމާއި، ޖަވާބު ފޯމާއި، ބަޔާންތަކާއި އަދި މިނޫންވެސް ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާނެ ގޮތާއި، ދަޢުވާއަށް ރައްދުދެވޭނެ ގޮތްތަކާއި، ދަޢުވާއެއް އިޞްލާޙުކުރާނެ ގޮތް ބަޔާންކުރުމާއި
އެކި ބާވަތުގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް މުއްދަތުތަކެއް ކަނޑައެޅުން؛ ހަސްމުންނާ ގުޅޭ އުސޫލުތައް ކަނޑައެޅުން؛ މައްސަލަތައް ބެލުމުގައި ކޯޓުތަކުގެ ބާރުތަކާއި ޒިންމާތައް ކަނޑައެޅުމުގެ އިތުރުން ކޯޓަށް މައްސަލައެއް ހުށަހެޅުމުން އެ މައްސަލައާ މެދު ކޯޓުން ޢަމަލުކުރަންޖެހޭ ގޮތާއި، އެގޮތުން މައްސަލަތަކުގައި ހިމެނޭ ފައިސާގެ ޢަދަދާއި އުފެދިފައިވާ ޚުޞޫމާތުގެ ކުޑަބޮޑުމިނާއި މައްސަލައިގެ މުހިންމުކަމުގެ މައްޗަށް ބަލައި މައްސަލަތައް 3 ޓްރެކަކަށް ބަހާލައިގެން ކުރިއަށްގެންދާނެ އިޖުރާއަތު ކަނޑައެޅުން ހިމެނެއެވެ.

އަދި މީގެ އިތުރުން ވާޤިޢާތަކުގައި އިހްތިލާފެއްނުވާ މައްސަލަތަކުގައި ޚާއްޞަ އުސޫލަކުން މައްސަލައާމެދު ގޮތެއް ނިންމޭނެ ގޮތް ކަނޑައެޅުމާއި، ޣައިރު ހާޒިރުގައި ޙުކުމްކުރުމާއި ޝަރީޢަތް ހިންގުމަކާ ނުލައި މައްސަލަތަކުގައި ޙުކުމް ކުރުމާގުޅޭ އުސޫލުތައް ކަނޑައެޅުމުގެ އިތުރުން މައްސަލައާގުޅޭ ލިޔުންތައް ހާމަކުރުމާއި ކިތާބީ ހެއްކާއި ޝަފަހީ ހެކި އަދި ހަބީރުންގެ ހެކިބަސް ނެގުމާއި އެނޫން ހެކިންގެ ހެކިބަސް ނެގުމުގައި ޢަމަލުކުރާނެ އިޖުރާއަތު ކަނޑައެޅުން؛ ޝަރީޢަތާ ގުޅިގެން ހިނގާ ޚަރަދު ޚަޞްމުންގެ މެދުގައި އުފުލަންޖެހޭ ގޮތްތައް ކަނޑައެޅުން ހިމެނެއެވެ.

އަދި ކޯޓު އަމުރަށް އެދޭނެ ގޮތާއި، ވަގުތީ އަމުރަށް އެދުމާއި ވަގުތީ އަމުރު ނެރުމުގައި ޢަމަލުކުރާނެ އިޖުރާއަތު ކަނޑައެޅުން؛ ޙުކުމުގައި ފުރިހަމަވާންޖެހޭ ކަންކަމާއި، މައްސަލަ އިސްތިއުނާފުކުރުމާއި، ޚާއްޞަ ޙާލަތްތަކުގައި މައްސަލަ މުރާޖަޢާކުރުމުގެ އުސޫލުތައް ބަޔާންކުރުން ހިމެނެއެވެ.

އަދި ހުކުމް ތަންފީޛުކުރުމުގައި ޢަމަލުކުރާނެ އިޖުރާއަތުތައް ކަނޑައެޅުމާއި ރާއްޖެއިން ބޭރުގެ ކޯޓުތަކުން ކުރާ ޙުކުމްތައް ރާއްޖޭގައި ބަލައިގަނެ ތަންފީޒުކުރެވޭނެ ޙާލަތްތައް ކަނޑައެޅުން ހިމެނެއެވެ.

އެހެންކަމުން މި ބިލާ ގުޅޭގޮތުން ޚިޔާލު ހުށަހަޅުއްވަން އެދިވަޑައިގަންނަވާ ފަރާތްތަކަށް، 31 ޑިސެމްބަރު 2019 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ސީދާ މި އޮފީހަށް ނުވަތަ އީ-މެއިލް މެދުވެރިކޮށް ޚިޔާލު ހުށަހެޅުއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށް ބަންޑާރަ ނައިބްގެ އޮފީހުން މައުލޫމާތުދެއެވެ. އަދި އީ-މެއިލް މެދުވެރިކޮށް ޚިޔާލު ހުށަހަޅުއްވާނަމަ، [email protected] އަށް އެ ޚިޔާލެއް އީ-މެއިލްކުރެއްވުން ލިބޭނެ ކަމަށްވެސް އެ އޮފީހުން ހާމަކުރެއެވެ.
ހިޔާލު

ކޮބާ

ބިލު ފެންނާނީ ކޮން ސައިޓަކުން؟