Kappi gehlunu haadhisa falhuverin kiyaidheygoth aailaa in qabooleh nukurey!
image
ގެއްލިގެން ހޯދަމުންދާ މުހައްމަދު ޔޫސުފް--
މާއިދާ މުހައްމަދު ރަޝާދު
4 ކޮމެންޓް
 

ކައްޕިއާ ގުޅިގެން ފަޅުވެރިން ދައްކާ ވާހަކަ އާއިލާއިން ގަބޫލެއް ނުކުރޭ! ގިނަ ޝައްކުތަކެއް!

އާއިލާއެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ. ގެއްލިގެން ހޯދަމުން އަންނަތާ މިހާރު ހަފުތާއެއްވާން މިވަނީ ގާތްވެފަ އެވެ. ކ. ކަގި ކައިރި ފަރަށް އަރާފައިވާ "ޓީޓީއެސް ފާން" ކިޔާ ދޯނީގެ ކައްޕި، ހދ. ކުޅުދުއްފުށީ ހަވީރީނާޒް، އުމުރުން 37 އަހަރުގެ މުހައްމަދު ޔޫސުފް ހޯދަން، ހެލިކޮޕްޓަރުން ވައިގެ މަގުންނާއި ކަނޑުގެ ސާފޭސް ބެލުމަށް ކޯސްޓްގާޑުގެ ޑައިވަރުން މިދިޔަ ހޯމަ ދުވަހުއްސުރެ މަސައްކަތް ކުރަމުން އައި ނަމަވެސް އެ އޮޕަރޭޝަނަށް ކުރިއެރުމެއް ނުލިބެ އެވެ.
ގެއްލިގެން ހޯދަމުން އަންނަތާ ހަ ދުވަސްވިޔަސް އާއިލާއިން އުއްމީދެއް ކަނޑައެއް ނުލައެވެ. ބޭބެ ފެންނާނެ ކަމުގެ އުއްމީދުގައި ހުރެ، ސީއެންއެމްއަށް ވާހަކަ ދެއްކި މުހައްމަދު ޔޫސުފްގެ ކޮއްކޮ، އައިމިނަތު ޔޫސުފް ބުނި ގޮތުގައި ބޭބެ ގެއްލުނު ހާދިސާގައި ބިދޭސީންގެ ވާހަކަތައް ގަބޫލެއް ނުކުރެވެ އެވެ. އަދި ގިނަ ޝައްކުތަކެއް ވެސް އެބަހުއްޓެވެ.

އައިމިނަތު ބުނީ، ބޭބެ ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު ބޭބެ މަސައްކަތް ކުރާ ކުންފުނިން އާއިލާއާ ހިއްސާ ނުކުރާ ކަމަށާއި ގެއްލުނުކަން އެނގުނީ މީހަކު ގުޅާފައި ބުނުމުން ކަމަށެވެ. އަދި އާންމުކޮށް ބޭބެ ގުޅާ ނަމްބަރަށް ގުޅުމުން ނެގީ ބިދޭސީއެއް ކަމަށާއި ބޭބެ ކޮބާތޯ ސުވާލުކުރުމުން ވީތަނެއް ނޭނގޭ ކަމަށް ބުނި ކަމަށެވެ. އަދި އެންމެ ފަހުން ފެނުނީ ކޮންއިރަކުތޯ ސުވާލުކުރުމުން ޖަވާބުގައި ބުނީ އެންމެ ފަހުން ފެނުނީ އާދިއްތަ ދުވަހުގެ ދަންވަރު 1:00 ގައި ކަމަށެވެ.

އައިމިނަތު އިތުރަށް ބުނި ގޮތުގައި ފަހުން އޭނާގެ ހަގަށް ހުންނަ ކޮއްކޮގެ ފިރިމީހާ ވެސް ބޭބެ ހޯދަން އެ ނަމްބަރަށް ގުޅި ކަމަށެވެ. އަދި ފޯނު ނެގީ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި ބޭބެ ވީތަން ނޭނގޭ ކަމަށް ބުނެ އޭނާއަށް އެންމެ ފަހުން ބޭބެ ފެނުނީ ދަންވަރު 1:15 ގައި ކަމަށް ބުނި ކަމަށެވެ. އަދި އޭރު ބިދޭސީން ކޮބާތޯ ސުވާލުކުރުމުން އެމީހުން ތިބީ އޭރު ނިދާފައި ކަމަށް ވެސް އެ ދިވެހި މީހާ ބުނި ކަމަށް އައިމިނަތު ބުންޏެވެ. މިހެންވެ ވާހަކަ ދިމާ ނުވާތީ އާއިލާއަށް އެކަމުގައި ގޯހެއް އުޅޭ ކަމަށް ޝައްކުތަކެއް ކުރެވެނީ އެވެ.

ބޭބެ މަސައްކަތް ކުރާ ކުންފުނީގެ ސީދާ ނަން ބުނަން ނޭނގޭކަން ފާހަގަކުރަމުން އައިމިނަތު ބުނީ، ޓީޓީއެސް ކުންފުނި ކަމަށް ބެލެވޭ ކަމަށެވެ.

"ޓީޓީއެސް ފާން ދޯންޏަށް ކިޔާތީ މި ބެލެވެނީ ޓީޓީއެސް ކަމަށް ކިޔަނީ. އަޅުގަނޑުމެން ކުންފުންޏަށް ގުޅައިގެން ވެސް ވާހަކަ ދެއްކިން،"

އޭގެ އިތުރުން ދޯނި ފަރަށް އެރިއިރު އޭގައި ތިބީ ކައްޕީގެ އިތުރުން ދެ ބިދޭސީން ކަމަށް އެމްއެންޑީއެފުން މީޑިއާތަކަށް މައުލޫމާތު ދިން ނަމަވެސް އެއީ އެކޮޅުން ދިން މައުލޫމާތުގެ ސަބަބުން ދިމާވެފައިވާ ކަމެއް ކަމަށް ކުންފުނިން ބުނި ކަމަށާއި އަދި އެގޮތަށް މައުލޫމާތު ދިނުމުން އެ މައުލޫމާތު ރަނގަޅު ކުރުމަކީ ކުންފުނީގެ ޒިންމާއެއް ކަމަށް ބުނެފައިވާނެ ކަމަށް ވެސް އައިމިނަތު ބުންޏެވެ. އައިމިނަތު ބުނީ ކައްޕީގެ އިތުރުން އޭގައި ތިން މީހުން ތިބި ކަމަށް ކުންފުނިން ބުނީ އެ ސުވާލު ވެސް ކުރުމުން ކަމަށެވެ.

"އަޅުގަނޑު ކައިރީ ކުންފުނިން ބުނި ހުޅުމާލެ ކޮޅުން ނައްތާލިއިރު އޭގަ ތިބޭނެއޭ ހަތަރު މީހުން. އެއީ ކައްޕީގެ އިތުރުން ދިވެހި ފަޅުވެރިޔަކާއި ބިދޭސީ ފަޅުވެރިޔަކާއި ބިދޭސީ ކައްކާއެއް. އެކަމަކު ކޯސްޓްގާޑުގެ މައުލޫމާތުން އެކަމެއް ނެތް އެނގޭކަށް،"

މުހައްމަދު ޔޫސުފް ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ކަނޑުގެ ސާފޭސް ބެލުމަށް ކޯސްޓްގާޑުގެ ޑައިވަރުން ފީނަނިކޮށް ނޑުގެ 48 މީޓަރު އަޑިން ތުވާއްޔެއް ފެނިފަ އެވެ. އަދި އި ޑަސްޓްބިން ކޮތަޅެއްގައި ބަންދުކޮށްފައި އޮތް ވަޅިއަކާއި ކަރަންޓު ސާމާނުތަކެއް ކަނޑުގެ 41 މީޓަރު އަޑިން ފެނިފައިވާ ކަމަށް އެމްއެންޑީއެފްގެ މޭޖަ އިބްރާހީމް އާޒިމް ވިދާޅުވެ އެވެ.

އެކަމާއި ގުޅިގެން އައިމިނަތު ބުނީ، އެގޮތަށް ވަޅިއެއް ފެނުން ނަމަވެސް އެއީ ސީދާ އެދޯނީގެ ވަޅިއެއް ނޫން ވަޅިއަކަށް ވެސް ވެދާނެ ކަމަށެވެ. އަދި ބޭބެއަކީ އަބަދުވެސް ރަށުން ބޭރުގައި ހާއްސަކޮށް މާލެ ސަރަހައްދުގައި މަސައްކަތް ކުރާ މީހަކަށްވެފައި ބޭބެ ގެންގުޅެނީ ކޮން ކަހަލަ ފޯނެއް ކަމަށާއި އަދި ގެންގުޅޭ އިތުރު ސާމާނު ވެސް ނޭނގޭ ކަމަށެވެ. އެކަމަކު ތުވާލި ކަހަލަ އެއްޗެއް އެނގިދާނެ ކަމަށާއި އެހެންވެ ތުވާލި އޮތްތޯ ބަލައިދިނުމަށް ފުލުހުންގެ ކިބައިން އޭނާ އެދިފައިވާނެ ކަމަށެވެ. އަދި ބޭބެ ގެންގުޅޭ ދަބަސް މިހާރުވީ ފުލުހުންގެ އަތުގައިކަން ވެސް އޭނާ ފާހަގަ ކުރެ އެވެ.

"ފުލުހުންނަށް ވެސް އަޅުގަނޑަށް ކުރެވޭ ޝައްކުތަކާއި ދައްކާ ވާހަކަ ދިމާނުވާ ކަމާއި މި ޝައްކުތައް ކިޔައިދީފަ ވާނީ. އެކަމަކު ފުލުހުން ބުނީ ހެކި ނެތިއްޔާ އެމީހުން ހައްޔަރެއް ނުކުރެވޭނޭ. އަޅުގަނޑު ކަންބޮޑުވެގެން އެމީހުން ތިބީ ކޮންތާކުތޯ އެހީމަ ކުންފުނިން ބުނި މާލޭގެ ގެސްޓްހައުސެއްގަ. މިކަން މިހާރު ފުލުހުން ތަހުގީގު ކުރާތީ އަޅުގަނޑުމެންނަށް ވެސް ނުއެއް ކިޔައިދޭ އެކަމަކު ފުލުހުން ބުނި އެމީހުންގެ ވާހަކަ ދިމާވާ ވާހަކަ،" އައިމިނަތު ކިޔައިދިނެވެ.

އުފަން ރަށަށް އެންމެ ފަހުން މުހައްމަދު ޔޫސުފް ދިޔައީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. އެކަމަކު މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި މަންމަ ބަލިވެގެން އާއިލާއިން މާލެއަށް ފަރުވާއަށް އައުމުން އޭރު ބޭބެއާ ބައްދަލުވިކަން ވެސް އައިމިނަތު ފާހަގަކުރެ އެވެ. ކޮންމެއަކަސް އެއީ އެންމެ ފަހުގެ ބައްދަލުވުން ކަމަށް ގަބޫލުކުރާން އޭނާ ބޭނުމެއް ނުވެ އެވެ. އަދި ވެސް ﷲގެ ރަހުމަތުން ބޭބެއާ ބައްދަލުވާނެ ކަމުގެ އުއްމީދު އެ ކުޑަކުޑަ އާއިލާއިން ދަނީ ކުރަމުންނެވެ.

ކައްޕި ގެއްލުނު ގޮތާއި ގުޅިގެން ގިނަ ޝައްކުތަކެއް އާއިލާގައި ހުރިއިރު ދޯނި ފަރަށް އަރާފައި އޮއްވާ އާންމުވެފައިވާ ފޮޓޯތަކުގައި ދޯނީގައި ކައްޕި ހުއްޓާ ފެނިގެންދެ އެވެ. ނަމަވެސް އެހާދިސާ ހިނގިއިރު ދޯނީގައި ތިބީ ތިން މީހުން ކަމަށް ބުނެ އޮޅުވާލަން ޖެހޭ ސަބަބެއް ނުފެނެ އެވެ.
ހިޔާލު

ނަރު

އޭގަތިބިބަންގާޅީންނައް ވާހަކަނުދެއްކެނީތަ ދިވެހިމީހާކޮބައި ބޮލިހުންނަކީ ރަމްޒީ ބައެއްތަ ކޮންކަމެއްތައެމީހުނައްވަނީ

ޢއ

ފުލުހުން ބުނެފަވަނީ އެމީހުން ދިޔައިރު 2ބިދޭސީ ފަޅުވެރިން ކަމަށް.
ކޮބާ 2 ވަނަ ދިވެހި މީހާ؟
ބޮޑު ސުވާލެއް

ޙަލް

އެހެންވިއްޔާ އަނެއް ދިވެހި މީހަކީ ކާކު؟

ކަނޑު

ސިފައިން ދިޔަ އިރު ދިވެހި ފަޅުވެރިޔާ ކޮބާތަ؟ މިވެސް ބަލާލަން ރަގަޅުކަމެއް