Addu gai geydhoshu mas factory hadhan consultancy dheyne faraatheh anehka ves hoadhanee
image
މަސްވެރިންތަކެއް ދޮށި އަޅަނީ
0 ކޮމެންޓް
 

އައްޑޫގައި ގޭދޮށު މަސް ފެކްޓަރީ ހަދަން ކޮންސަލްޓެންސީ ދޭނެ ފަރާތެއް އަނެއްކާވެސް ހޯދަނީ

އައްޑޫ ސިޓީގައި ގޭދޮށު މަސް ފެކްޓަރީ ހެދުމަށްޓަކައި ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަން ތިންވަނަ ފަހަރަށް އިއުލާންކޮށްފި އެވެ.
އައްޑޫގެ ތިން ސަރަހައްދެއްގައި ގޭދޮށޮ މަސް ފެކްޓަރީތައް ހަދަން ނިންމާފައިވަނީ އިންޑިއާ ސަރުކާރުގެ އެހީގަ އެވެ.

ގޭދޮށު މަސް ފެކްޓަރީތައް ހެދުމަށް ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އެންމެ ފުރަތަމަ ފަހަރަށް އިއުލާންކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. މިއިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ ދެވަނަ ފަހަރަށް މިކަމަށް ކުރިމަތިލުމަށް ހުޅުވާލީ މިމަހުގެ ހަވަނަ ދުވަހު އެެވެ. ނަމަވެސް މިއިއުލާނާ ގުޅިގެން ކުރިމަތިލީ އެންމެ ފަރާތަކުން ކަމަށްވާތީ ދެވަނަ އިއުލާން ވެސް ބާތިލްކޮށް ތިންވަނަ ފަހަރަށް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

އައްޑޫސިޓީ ކައުންސިލުން ބުނީ ތިންވަނަ ފަހަރަށް ކުރި އިއުލާނާ ގުޅިގެން މިމަޝްރޫއަށް ކޮންސަލްޓަންސީ ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅާ ބީލަންތައް ބަލައިގަތުން އޮންނާނީ މިމަހުގެ 15 ވަނަ ދުވަހު މެންދުރުފަހު 1:00 ޖަހާއިރު ސިޓީ ކައުންސިލް އިދާރާގެ ހޯލުގައި ކަމަށެވެ.

މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށްޓަކައި ގޭދޮށު މަސް ފެކްޓަރީތައް ހަދައިދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދާ ގޭދޮށު މަސް ފެކްޓަރީ ތަކުގައި މަސައްކަތް ކުރާ 55 ޕަސަންޓަކީ ދިވެހިން ކަމުގައިވުމަށް ގާނޫނުގައި ލާޒިމުކުރެ އެވެ. މަސް ގަންނަ ކުދިކުދި ފެކްޓަރީގެ ގޮތުގައި ހަދާ މި ފެކްޓަރީތައް ހިންގަން ހުއްދަ ދިނުމަށް ނިންމާފައިވަނީ ގިންތި ކޮށްގެންނެވެ.
އައްޑޫ ސިޓީ
ހިޔާލު