Himabihsah vaccine nujehun: mulhi Raajje ah biruveri kameh!
image
ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ދެނީ--
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ހިމަބިއްސަށް ވެކްސިން ނުޖެހުން: މުޅި ރާއްޖެއަށް ބިރުވެރި ކަމެއް!

ހިމަބިއްސަކީ އެންމެ ފަސޭހައިން ގަޔަންގަޔަށް އަރާ އެއް ބައްޔެވެ. މި ބަލި ޖެހެނީ ނޭވާލާ ނިޒާމުގެ ތެރެއިންނެވެ. މަބިހި ޖެހެނީ "މީސްލްސް ވައިރަސް" ގެ ސަބަބުންނެވެ.
ރާއްޖޭގައި ހިމަބިހި އެންމެ ބޮޑަށް ފެތުރިގެން ގޮސްފައިވަނީ 1995ގައި:

ރާއްޖޭގައި ހިމަބިހި އެންމެ ބޮޑަށް ފެތުރިގެން ގޮސްފައިވަނީ 1995 ވަނަ އަހަރު އެވެ. ނަމަވެސް 2005 ވަނަ އަހަރު ވެސް މި ބަލި ރާއްޖޭގެ ހިސާބަކަށް ފެތުރިގެންދިޔަ އެވެ.

އޭގެ ފަހުން ހެލްތު މިނިސްޓްރީން އިސްނަގައިގެން އެބަލިން ރައްކާތެރިވުމަށްޓަކައި އެބަލީގެ ވެކްސިން ޕްރޮގްރާމެއް ފެށިއެވެ. އެއަށް ފަހު ބަލި ޖެހޭ މީހުންގެ އަދަދު މަދުވެ، އެ ބައްޔަކީ އެއްވެސް ވަރަކަށް ރާއްޖެއިން ނުފެންނަ ބައްޔެއްގެ ގޮތުގައި ކަނޑައެޅިއެވެ.

ރާއްޖެއިން ހިމަބި ނައްތާލާފައިވާތީ އެކަމުގެ ރަސްމީ ލިޔުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ދިވެހި ސަރުކާރާ ހަވާލުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު އެވެ. ރާއްޖެއިން ހިމަބިހި ނައްތާލާފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައެޅީ 2009 ވަނަ އަހަރުން ފެށިގެން ހިމަބިހި ޖެހިފައިވާ މީހަކު ރާއްޖެއިން ފެނިފައި ނުވާތީ އެވެ.

ނަމަވެސް ރާއްޖޭގައި ހިމަބިހި ނުވަތަ މީސުލްސް ފެތުރެމުންދާ ކަމަށް ސަރުކާރުން އިއްޔެ ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.

ރާއްޖެއަކީ ހިމަބިހި ނައްތާލާފައިވާ ގައުމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މީގެކުރިން ރަސްމީކޮށް އިއުލާންކޮށްފައިވީ ނަމަވެސް ހިމަބިހި އަލުން ރާއްޖެއިން ފެނިފައިވާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑުތަކަށް ބަލައި މިހާރު އަމަލުކުރަމުން ދަނީ ރާއްޖޭގައި ހިމަބިހި "އައުޓްބްރޭކް" ވުމުން އަމަލުކުރަމުންދާ ގޮތަށެވެ.

ދޮޅު އަހަރަށްފަހު ހިމަބިިހި ޖެހިގެން ފުރަތަމަ ރިޕޯޓުކުރީ ތިން އަހަރުގެ ކުޑަކުއްޖެއް:

މިމަހުގެ އަށް ވަނަ ދުވަހު ހިމަބިއްސަށް ޝައްކުކުރުނު އުމުރުން ތިން އަހަރުގެ ކުއްޖާ މިހާރު ވަނީ އެ ބައްޔަކަށް ޕޮޒިޓިވްވެފަ އެވެ. ކުއްޖާއަށް ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާއިރު އައިޖީއެމްއެޗުން ބުނާ ގޮތުގައި ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލާފައި ވަނީ އެކުއްޖާގެ ފަރާތުން ބަލި ފެތުރޭ މުއްދަތު ފާއިތުވެފައިވުމުންނެވެ.

އޭގެ ފަހުން 30 އަހަރުގެ މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވަނީ ވެފައެވެ. އަދި ހިމަބިއްސަށް ޝައްކުކުރެވުނު އުމުރުން 17 އަހަރުގެ ކުއްޖާ އެބައްޔަށް ޓެސްޓު ކުރުމުން ވަނީ ނެގަޓިވް ކަމަށް ދައްކާފައެވެ.

ހިމަބިހީގެ އަލާމާތްތައް:

ހިމަބިހި ޖެހުމުން އެންމެ ފުރަތަމަ ފެންނަ އަލާމާތަކީ ގަދަޔަށް ހުން އައުމެވެ. އާންމު ގޮތެއްގައި ހިމަބިހި ޖެހުމުން އަންނަ ހުން ހުންނަނީ 38 ޑިގްރީ ސެލްޒިއަސް އަށްވުރެ މަތީގައެވެ.

އެއަށްފަހު ފެންނަ އަލާމާތްތަކުގެ ތެރޭގައި ނޭފަތުން އަރިދަފުސް ނުވަތަ ފެންއައުން، ކިނބިހިއެޅުން، ކަރުތެރެ ހަލާކުވެ ފާރުވުން، ކެއްސުން، ވަރުބަލިވުން، ނުތަނަވަސްވުން، ގައިގައި ނުވަތަ މަސްތަކުގައި ރިހުން، ކާހިތްނުވުން ގައިން ކުދި ރަތް ބިހިތަކެއް ނެގުން ފަދަ ކަންތައްތައް ހިމެނެއެވެ.

ނުރައްކާ އެންމެ ބޮޑީ ކޮން ބަޔަކަށް:

ގިނައިން ޖެހެނީ ކުޑަކުދިންނަށް ކަމަށްވިޔަސް އާންމުކޮށް ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ހިމަބިހި ޖެހިދާނެ އެވެ. އެއްފަހަރު ހިމަބިހި ޖެހުމުން މުޅި އުމުރަށް އެމީހާ ހިމަބިހިން ދިފާއުކޮށް ދެއެވެ.

އެބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުން ވަރަށް މުހިންމު:

ހިމަބިހިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިއްމު ކަމަކީ އެބަލިން ރައްކާތެރިވުމަށް ތައްޔާރުކޮށްފައި ހުންނަ ވެކްސިން ދިނުމެވެ. މީގެ އިތުރުން ބަލިފެތުރޭ ގޮތްތަކުން ދުރުހެލިވެ ހުރުމަކީ ވެސް މުހިއްމު ކަމެކެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ހިމަބިހިން ރައްކާތެރިވުމުގެ ގޮތުން ޖަހަންޖެހޭ އެމްއެމްއާރު އަދި އެމްއާރު ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައި ހުރި ނަމަ ހިމަބިހި ޖެހުމުގެ ފުރުސަތު ނެތް ކަމަށެވެ.

އެހެންކަމުން ވެކްސިން ފުރިހަމަ ކޮށްފައި ނުވާ ކުދިންނާއި މީހުން ދެނެގަނެ ވެކްސިން ޖެހުމަށް ހާއްސަ ހަރަކާތް އިއްޔެ ހަވީރު ފަށާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި މިވަގުތަށް ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން އެބަހުރި ކަމުގައިވެސް އަމީން ވިދާޅުވި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހިމަބިހި ފަދަ ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ޖަހަން އޮންނަ މުއްދަތުގައި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

އޭގެ އިތުރުން އެއްވެސް ސަބަބަކާއި ހުރެ ވެކްސިން ދޭންޖެހޭ މުއްދަތުގައި ވެކްސިން ނުދެވުނު ކަމުގައި ވިޔަސް އެންމެ އަވަހަކަށް ވެކްސިން ދޭ މަރުކަޒަކަށް ގޮސްގެން ވެކްސިންގެ ޑޯޒު ފުރިހަމަ ކުރުމަށް ވެސް އިލްތިމާސްކުރެ އެވެ.
ހިޔާލު