dhe lakkha meehunah dheveyvarah vaccine ebahuri:Ameen
image
ހެލްތް މިނިސްޓަރ އަމީން އަބްދުﷲ ފޮޓޯ: ހެލްތް މިނިސްޓްރީ
ހައްވާ މުހައްމަދު
0 ކޮމެންޓް
 

ދެލައްކަ މީހުންނަށް ދެވޭ ވަރަށް ވެކްސިން އެބަހުރި: އަމީން

ދެ ލައްކަ މީހުންނަށް ދެވޭ ވަރަށް ވެކްސިން ލިބޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް ހެލްތް މިނިސްޓަރ އަމީން އަބްދުﷲ ވިދާޅުވެއްޖެއެެެވެ.
ހިމަބިހި ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ ބައިނަލްއަޤްވާމީ ފަރާތްތަކާއި، ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކުރެވި، މިވަގުތުން މިވަގުތަށް ދެ ލައްކަ މީހުންނަށް ވެކްސިން ދެވޭނެ ވަރަށް ވެކްސިން ލިބޭނެގޮތް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

ހިމަބިއްސައް ދޭންޖެހޭ ވެކްސިންނުދީވާ ފަރާތްތަކުން ވީހާވެސް އަވަހަށް ވެކްސިން ދިނުމަށް ހެލްތް މިނިސްޓްރީން ވަނީ ގޮވާލާފައެވެ.

މިނިސްޓަރ އަމީން ވިދާޅުވީ ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި، އެއްވެސް ވަރަކަށް ހިމަބިހީގެ އަލާމާތެއް ފެނޭތޯ، ޞިއްހީ ހިދުމަތްދޭ ތަންތަން މެދުވެރިކޮށް ބަލަމުން އަންނަ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ރަސްމީ ފަރާތްތަކުން ފޯރުކޮށްދޭ މައުލޫމާތަށް ބަރޯސާވުމަށް އެންމެހާ ފަރާތްތަކަށް މިނިސްޓަރ އަމީންވަނީ އިލްތިމާސްކުރައްވާފައެވެ.

ހިމަބިހި ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ހިމަބިއްސައް ފަރުވާދޭ ސެންޓަރެއް މިރޭ ހުޅުމާލޭގައި ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.

މިހާތަނަށް ޖުމްލަ 3 މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

ހިމަބިހި ފެތުރެމުންދާތީ މިއަދުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް މާލޭގެ ދަމަނަވެށިން ކޮންމެ ދުވަހެއްގެ ހަވީރު 5:00 ޖަހަންދެން ވެކްސިން ޖަހައިދޭ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރާއްޖެއަކީ ހިމަބިހި ނައްތާލާފައިވާ ގައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވަނީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު އެވެ.

ހިމަބިއްސަކީ އެންމެ ފަސޭހައިން ގަޔަންގަޔަށް އަރާ އެއް ބައްޔެވެ. މި ބަލި ޖެހެނީ ނޭވާލާ ނިޒާމުގެ ތެރެއިންނެވެ. ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ނޭފަތުން އަރިދަފުސް ފޭބުމާއި ކެއްސުމާއި ލޯ ރަތްވުން އަދި ގައިން ކުދި ރަތް ބިހިތަކެއް ނެގުން ހިމެނެ އެވެ.
ހިޔާލު