Bunyamin ah thuhumathu kuraa faisa ge bodethi massala thakeh ACC ah!
image
އެޗްޑީސީގެ ކުރީގެ ސީއީއޯ އަހްމަދު ބުންޔާމީން -- ފޮޓޯ: ވަންއޮންލައިން
0 ކޮމެންޓް
 

ބުންޔާމިންއަށް ތުހުމަތުކުރާ ފައިސާގެ ބޮޑެތި މައްސަލަތަކެއް އޭސީސީއަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސީއީއޯގެ މަގާމުގައި ހުންނެވި އަހްމަދު ބުންޔާމީނަށް ތުހުމަތުކުރާ 48 މިލިއަން ރުފިޔާގެ ކޮރަޕްޝަނެއްގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފި އެވެ.
އެޗްޑީސީން މިމައްސަލަ އޭސީސީއަށް ހުށަހަޅާފައިވާ ކަން ޔަގީންކޮށްދިން ނަމަވެސް މިމައްސަލައިގެ ތަފްސީލް ހިއްސާކޮށްފައެއް ނުވެ އެވެ.

އެޗްޑީސީން ބުންޔާމިނަށް ތުހުމަތުކުރާ 48 މިލިއަން ރުފިޔާގެ މައްސަލައެއްގެ އިތުރުން އޭނާއާ ގުޅުންހުރި އެހެން މައްސަލަތަކެއް ވެސް އޭސީސީއަށް ހުށަހަޅާފައިވާ ކަމަށް ވަނީ އެނގިފަ އެވެ.

އެގޮތުން ހުޅުމާލެއިން އެކިއެކި ފަރާތްތަކަށް ދޫކޮށްފައިވާ ފްލެޓްތަކުގެ ޖޫރިމަނާ ފައިސާ ކުންފުނީގެ ބޯޑުގެ ނިންމުމާ ހިލާފަށް މައާފްކޮށްދިން މައްސަލައާއި، ހުޅުމާލޭގައި ވޯޓާ ތީމް ޕާކް ހަދާ ސަރަހައްދުގައި ހުރި ވެލި ފުންޏެއް ނަގަން 17 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކުރި މައްސަލަ ހިމެނެ އެވެ. މީގެއިތުރުން ހުޅުމާލެ އިތުރަށް އަލިކުރުމަށްޓަކައި އެކަށީގެންވާ ބޮޑު އަގެއްގައި ލައިޓްތަކެއް ސަޕްލައިކޮށް ހަރުކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރި މައްސަލަ ވެސް ހިމެނެ އެވެ. ހަމައެކަނި މި ދެ މަސައްކަތަށް ވެސް 3.3 މިލިއަނެއްހާ ޑޮލަރު ހަރަދުކުރަން އޭރު ނިންމާފައިވެ އެވެ.

އެޗްޑީސީގެ ކުރީގެ ބައެއް ވެރިންނާއި ބައެއް މުވައްޒަފުންނަށް ފިޔަވަޅު އެޅުމުގެ ގޮތުން ތަފާތު ނިންމުންތައް އެޗްޑީސީގެ މިހާރުގެ މެނޭޖްމަންޓުން ނިންމަމުން މިދަނީ ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު އެޗްޑީސީގައި ހިންގާފައިވާ ހިޔާނާތާ ގުޅުންހުރި މައްސަލަތަކުގެ އިންޓާނަލް އޮޑިޓެއް ހެދުމަށްފަހު އެވެ.

މިއޮޑިޓަށް ފަހު އެޗްޑީސީގެ ކުރީގެ ހަތަރު ވެރިޔަކު ވަޒީފާއިން ވަކިކޮށް އިތުރު ބައެއް މުވައްޒަފުންނަށް ވެސް ތަފާތު ފިޔަވަޅުތައް އަޅާފައިވާ ކަން އެޗްޑީސީން ވަނީ ޔަގީންކޮށްދީފަ އެވެ.

ރައީސް ޔާމީންގެ ވެރިކަމުަގައި އެޗްޑީސީގެ ވެރިންނަކީ އެންމެ ބޮޑަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ އަދި ސިޔާސީ ކަންކަމަށް އެންމެ ބޮޑަށް ހަރަދު ކުރި ކުންފުނީގެ ގޮތުގައި އޭރުވެސް ދިޔައީ ތުހުމަތުކުރަމުންނެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ ހަރަކާތްތަކަށާއި ރައީސް ޔާމީންގެ ސިޔާސީ މަސައްކަތްތަކަށް އެޗްޑީސީން ވަނީ ބޮޑެތި ހަރަދުތަކެއް ގާނޫނާ ހިލާފަށް ކޮށްފައި ކަމަށްވެސް އޭރުވެސް އެކިއެކި ބޭފުޅުން ދިޔައި ބުނަމުންނެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު އެޗްޑީސީ ބަނގުރޫޓްވެފައިވާއިރު އެކުންފުނި މިހާރު ހިންގަމުން ގެންދަނީ ސަރުކާރުން ކޮންމެ މަހަކުވެސް ކޮންމެވެސް ވަރެއްގެ މާލީ އެހީތެރިކަމެއް ދީގެންނެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާ އަށް ފަހު ބުންޏާމިން ވަނީ 2018 ވަނަ އަހަރުގެ ތެރޭގައި މެލޭޝިއާ އަށް ވަޑައިގެންފަ އެވެ. އޭގެފަހުން އޭނާ އެނބުރި ރާއްޖެ ވަޑައިގެންފައި ނުވާ ކަމަށް އެނގިފައިވެ އެވެ.
އޭސީސީ އެޗްޑީސީ
ހިޔާލު