Minister Shahid 2 qaumehge haarijee vazeerunnaa bahdhalu kuravvaifi
image
0 ކޮމެންޓް
 

މިނިސްޓަރު ޝާހިދު ދެ ގައުމެއްގެ ހާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައިފި

ރައިޒީނާ ޑައިލޮގްގައި ތަގުރީރުކުރެއްވުމަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، ޗެކް ރިޕަބްލިކްގެ ޚާރިޖީ ވަޒީރު ތޮމަސް ޕެޓްރިޗެކާއި، ލެޓްވިއާގެ ޚާރިޖީ ވަޒީރު އެޑްގާސް ރިންކެވިކްސްއާއި މިއަދު ބައްދަލުކުރައްވައިފި އެވެ.
މިއީ މި ދެބޭފުޅުންނާ މިނިސްޓަރު ޝާހިދު ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

ދެ ބޭފުޅުންނާއެކު ވަކިވަކިން ބޭއްވި ބައްދަލުކުރެއްވުންތަކުގައި މިނިސްޓަރު ޝާހިދު ވަނީ ޔޫރަޕިއަން ޔޫނިއަން އާއި، ޔޫރަޕްގެ ގައުމުތަކާ އެކު އޮންނަ ގުޅުން ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން މަސައްކަތްކުރާކަން ފާހަގަކުރައްވާފަ އެވެ. އަދި ދިވެހިރާއްޖެއާއި ޔޫރަޕާ ދެމެދު ވިޔަފާރީގެ ގުޅުންތައް އިތުރުކޮށް، ދިވެހިންނަށް ފަސޭހަކަމާ އެކު ޔޫރަޕަށް ދަތުރުކުރުމުގެ ފުރުސަތު ލިބުމުގެ މުހިއްމުކަމުގެ މައްޗަށް މިނިސްޓަރު ވާހަކަފުޅު ދެއްކެވި ކަމަށް ފޮރިން މިނިސްޓްރީން ވަނީ މައުލޫމާތު ދީފަ އެވެ.

މިނިސްޓަރު ޝާހިދު ވަނީ މިއަދު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާވެސް ދިއްލީގައި ބައްދަލުކުރައްވާފަ އެވެ. އަދި ދިވެހިރާއްޖެ އަލުން އަނބުރާ ކޮމަންވެލްތާ ގުޅުމުގެ މަސައްކަތްތައް ހަލުވި ކޮށްދެއްވުމަށް އެކަމަނާ ކުރައްވާ މަސައްކަތްޕުޅަށް ޝުކުރު އަދާކުރެއްވި އެވެ.

ކޮމަންވެލްތުން ވަނީ ދިވެހިރާއްޖެ އަލުން އަނބުރާ ކޮމަންވެލްތުގެ ގައުމަކަށް ވުމަށް މެމްބަރު އެއްވެސް ގައުމަކުން ދެކޮޅު ނުހަދާކަން މިދިޔަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ރާއްޖެއަށް އަންގާފަ އެވެ. އަދި ކޮމަންވެލްތަށް އަލުން އަނބުރާ ވަނުމަށް ރަސްމީކޮށް ހުށަހެޅުމަށް ސެކްރެޓަރީ ޖެނަރަލް ވަނީ ދައުވަތު ދެއްވާފަ އެވެ.

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދިއްލީއަށް ވަޑައިގެންފައި މިވަނީ އޮބްޒާވާ ރިސާޗް ފައުންޑޭޝަނާއި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް ގުޅިގެން ބާއްވާ ރައިޒީނާ ޑައިލޮގް 2020 ގައި ތަގުރީރުކުރެއްވުމަށެވެ.

އެމަނިކުފާނު މި ޑައިލޮގްގައި ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.
ހިޔާލު