Mi aharuves Raajje ah ithuru eheethah libeyne: China Safeeru
image
ޗައިނާ ސަފީރު ޒަންގް ލިއޮން (ކ)ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ އެކު -- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

މިއަހަރުވެސް ރާއްޖެއަށް އިތުރު އެހީތައް ލިބޭނެ: ޗައިނާ ސަފީރު

ރާއްޖެއަށް ބޭނުންވާ އިތުރު އެހީތައް ޗައިނާ ސަރުކާރުން މިއަހަރުވެސް ހަމަޖައްސައިދޭނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގް ލިއޮން މިއަދު ވިދާޅުވެއްޖެ އެވެ.
ޗައިނާ ސަފީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި މިހިނގާ 2020 ވަނަ އަހަރަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ އަހަރެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ ސިއްހީ ދާއިރާގެ އިތުރުން ކުޅިވަރުގެ ދާއިރާ އާއި ދަނޑުވެރިކަމާއި ބަހުގެ ދާއިރާ އިން ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ޗައިނާ އިން ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވި އެވެ.
އެކަންކަން ފަހިކޮށް ދިނުމަށް ޗައިނާއަށް ފުރުސަތު ދޭން އެދިވަޑައިގަންނަވާ ކަމަށާއި އަދި މިހާތަނަށް ލިބުނު އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވާ ކަމަށް ވެސް ލިއޮންގެ ޓްވީޓްގައިވެ އެވެ.

ރާއްޖެއިން މިހާތަނަށް ދީފައިވާ އެއްބާރުލުމަށް ޗައިނާ ސަފީރު ވަނީ ޝުކުރުވެސް އަދާކުރައްވާފަ އެވެ.

ޗައިނާ އާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެން ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެެވެ. އެގޮތުން ރައީސް ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދިޔަ އެންމެ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ސިނަމާލެ ބްރިޖު މަޝްރޫއާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ ބިޔަ މަޝްރޫއާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ތަރައްގީކުރުމުގެ މަޝްރޫއުތަކަށް ޗައިނާ ސަރުކާން ވަނީ އެކި ކަހަލަ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން ހިލޭ އެހީއާއި ލޯން އެހީގެ އިތުރުން ބައެއް ކަންކަމަށް ބޭނުންވާ ތަކެތި ވެސް ހަދިޔާކޮށްފައިވެ އެވެ.

ޗައިނާ ސަރުކާރުގެ އެހީގައި ހުޅުމާލެ ހޮސްޕިޓަލްގައި ހަދާފައިވާ ލޮލުގެ ފަރުވާ ދޭ ސެންޓަރު ވެސް އިއްޔެ ވަނީ ރަސްމީކޮށް ހުޅުވާފަ އެވެ. އަދި އެތަނަށް ބޭނުންވާ މީހުން ތަމްރީން ކުރުމަށްވެސް ޗައިނާ ސަރުކާރުން ވަނީ އެހީތެރިކަން ދިނުމަށް ނިންމާފަ އެވެ.

ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު ޗައިނާއިން ރާއްޖެއާ ގާތްގުޅުމެއް އުފައްދާފައިވީ ނަމަވެސް ވެރިކަން ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދޭތެރެދޭތެރެއިން ގެންދަވަނީ ޗައިނާ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. ނަމަވެސް ޗައިނާއާ އެކު އަބަދުވެސް ރަނގަޅު ގުޅުމެއް ބާއްވަން ބޭނުންވާ ކަމަށާއި ރާއްޖޭގެ ތަރައްގީއަށް ޗައިނާ އަކީ މުހިއްމު ގައުމެއް ކަމަށް މިސަރުކާރުން ވެސް ގެންދަނީ ބުނަމުންނެވެ.
ހިޔާލު