Vaige magun Addu ah masthuvaa thakethi etherekuran ulhunu meehaku hayyaru koffi
image
0 ކޮމެންޓް
 

ވައިގެ މަގުން އައްޑޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ވައިގެ މަގުން އައްޑޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.
މިމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ މި މީހާ ހައްޔަރުކޮށްފައިވަނީ މާލޭން ފުރައިގެން އައްޑޫއަށް ދަތުރުކުރަމުންދާ މީހަކު މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އިއްޔެ ހަވީރު 3:44 ހާއިރު ގަން އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ.

މި އޮޕަރޭޝަންގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އައްޑޫސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އޭނާގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ޕޮލިސް
ހިޔާލު