Mufti Menk Addu City ah vadigenfi
image
ގުފްތަގު އަޖީރު
0 ކޮމެންޓް
 

މުފްތީ މެންކު އައްޑުއަށް ވަޑައިގެންފި

މުފްތީ މެންކު އައްޑުއަށް ވަޑައިގެންފިއެވެ.
މެންކު އައްޑުއަށް ވަޑައިގަތީ މިރޭ އައްޑޫގައި ދެއްވުމަށް ހަމަޖެހިފައިވާ ދަރުސް ދެއްވުމުގެ ގޮތުން މިއަދު މެންދުރުއެވެ.

މެންކާއެކު އިސްލާމިކް މިިނިސްޓްރީގެ އިސް ވެރިނާއި، އިސްލާމި މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވެސް ވަޑައިގަތެވެ.

އިސްލާމް ދީނާ ދެކޮޅު ހިޔާލުގެ މީހުންނާ މެދު ވެސް އިހްތިރާމާއި އޯގާތެރިކަމާ އެކު މުއާމަލާތުކޮށްގެން އިސްލާމްދީން ބުނެދިމުގެ މަސައްކަތް ކުރުމަށް ދުނިޔޭގެ މަޝްހޫރު އިލްމުވެރިޔާ މުފްތީ މެންކްވަނީ ރޭ މާލޭ ކާނިވާ ސަރަހައްދުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައެވެ.

ނައިބް ރައީސް ފައިސަލް ނަސީމާއި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމުން ބައިވެރިވި މިދަރުސްގެ މައުލޫއަކީ އިސްލާމްދީނާ ދުރު ވިސްނުން ހުންނަ މީހުން ރިހިބިލިޓޭޓް ކުރުމާއި އޭގެ މުހިންމު ކަމާ ގުޅޭގޮތުންނެވެ.

މުފްތީ މެންކް ވިދާޅުވީ ދީނީ ކަމެއްގައި މީހަކު ހިޔާލު ތަފާތުވާ ކޮންމެ ފަހަރަކު އެމީހާ ކާފަރަކަށް ހަދައި އޭނާއާ މެދު ހަރުކަށިވެ އޭނާގެ ބަންދުކުރަން މަސައްކަތް ކުރުމަކީ އިސްލާމްދީން ބުނެދީފައިވާ ގޮތް ނޫން ކަމަށެވެ. އިސްލާމް ދީން ބާރު އަޅަނީ އެންމެންނަށް ވެސް އިހްތިރާމާއި އޯގާތެރިކަމާ އެކު އަމަލުކުރުމަށް ކަމަށާއި ހަނގުރާމައިގެ ވަގުތުތަކުގައި ކީރިތި ރަސޫލާވެސް ދެއްކެވީ އެކަމުގެ މިސާލުތަކެއް ކަމަށްވެސް ވިދާޅުވި އެވެ.

މެންކް ވިދާޅުވީ އިސްލާމް ދީނުގައި ކަންކަމާ ކުރިމަތިލާންވީ ރީތި ގޮތްތައް ހުރި ނަމަވެސް އިސްލާމުންގެ އަމަލުތައް ބަހައްޓަންވީ ގޮތާއި ހިލާފަށް އަމަލުކުރާ ބައެއް މީހުން މިހާރު ފެންނަމުންދާ ކަމަށެވެ. އެކަމާ ކަންބޮޑުވެވަޑައިގަންނަވަމުން ެމެންކް ވިދާޅުވީ ދީނީ ކަންކަމުގައި ބޮޑެތި ހިޔާލު ތަފާތުވުންތައް އުފެދިގެން ދިއުމަކީ އެންމެން ބޮޑު ކަނޑަކަށް ވެއްޓި ބޮޑު ކާރިސާއެއް ދިމާވެދާނެ ކަމެއް ކަމަށެވެ.

ޒިމްބާބްވޭއަށް އުފަން މެންކް ވިދާޅުވީ އިސްލާމްދީނަކީ ކިތަންމެ ފުރިހަމަ ދީނެއް ކަމަށްވީ ނަމަވެސް އަޅުގަނޑުމެންނަށް އަމަލުކުރެވޭ ގޮތުން އިސްލާމްދީނަށް ޝައުގުހުރި ބައެއް މީހުންގެ ހިތްވަރު ގެއްލިގެންދާ ކަމަށެވެ. އިސްލާމީ ބޮޑެތި ބާރުތަކުގެ ގޮތުގައި ކުރިން ބެލެވުނު ލީބިއާއާއި ސީރިއާ ފަދަ ގައުމުތައް މިއަދު ހަލާކުވެގެން ދިޔައީ ވެސް ހިޔާލު ތަފާތުވުންތަކުގައި އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމު ނުކުރުމުގެ ސަބަބުން ކަމަށްވެސް ވިދާޅުވި އެވެ.

"އެމީހުންނަށްވީ ކިހިނެތްތޯ؟ ޣާފިލްވީ. އަޅުގަނޑުމެންނަށް މިވާހަކަ ދައްކަން ތިބެވިދާނެ ޣާފިލްވީ ކޮން ބައެއް ކަން ބެލުމަށް. އެކަމަކު ހަގީގަތަކީ ރައްޔިތުން އެ މީހުންގެ އަމިއްލަ ގައުމު ހަލާކުކޮށްލީ،" މެންކް ވިދާޅުވި އެވެ.

މީގެކުރިންވެސް ރާއްޖެ ވަޑައިގެންފައިވާ މެންކް ވަނީ އިސްލާމީ ބައެއް ގައުމުތައް ބައިބައިވެގެން ދިޔަ ފަދައިން ރާއްޖޭގައި ހަމަޖެހުން ނަގާލަން ފުރުސަތު ނުދެއްވުމަށްވެސް ވަނީ އެދިވަޑައިގެންފަ އެވެ.

މެންކް ރާއްޖެއަށް މިކުރައްވާ ދަތުރުފުޅުގައި މާލޭގެ އިތުރުން އައްޑޫ ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީއަށް ވެސް ދަރުސް ދިނުމަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާނީ ވެސް މުފްތީ މެންކް އެވެ.
ހިޔާލު