ads
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް - ޓްވިޓާ
ދިވެހިން ބައިތިއްބާފައި ބިދޭސީންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެނީއެއް ނޫން!
ސަރުކާރުން މަސައްކަތްކުރަނީ ދިވެހިން ބައިތިއްބާފައި ބިދޭސީންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ވާހަކަ ދައްކަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ދިރިއުޅުމުގެ ހާލަތު ހުރީ އިންސާނުން އުޅެން އެންމެ އެކަށީގެންވާ ގޮތަށް ނޫންކަން އެންމެންނަށް ވެސް އެނގޭ ކަމަށެވެ. 

ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ މިފަދަ ހާލުގައި ދިރިއުޅެމުން އަންނަ މީހުންނަށް މިނިވަން މާހައުލެއްގައި ދުޅަހެޔޮ ސިއްހަތެއްގައި އަދި ނަފްސާނީގޮތުން ވެސް ދުޅަހެޔޮކަމާއި އެކު ދިރިއުޅެވޭނެ އެކަށޭނަ ތަނެއް ފޯރުކޮށްދޭން ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އެގޮތުން ގުޅީފަޅުގައި ކުރިއަށް އޮތް ހަ މަހުގެ ތެރޭގައި 6،000 މީހުންނަށް އުޅޭވަރުގެ ވޯކާސް ވިލެޖެއް ހެދި އެމީހުންނަށް އެތަނުގައި ދިރިއުޅެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ހުޅުމާލޭ ގައި 10،000 އެއްހާ މީހުންގެ ޖާގައިގެ އެކޮމަޑޭޝަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ، ބިދޭސީންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެނީ ހިލޭ ނޫންކަމަށާއި އެކަންތައްވެ ސް ކުރާނީ ކުންފުނިތަކާއި ގުޅިގެން އެތަންތަނުގައި ދިރިއުޅޭ ކޮންމެ މީހެއްގެ ބޮލަށް ވަކި ވަރަކަށް ފައިސާ ނަގައިގެން ކަމަށެވެ. އަދި މިކަމުގެ ސަބަބުން މުޅި މުޖުތަމައުއަށް އެކަމުގެ ފައިދާ ކުރާނެ ގޮތަށް މިކަން ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

އަދި މިފަދަ އެކޮމަޑޭޝަންތައް ބިދޭސީ މަސައްކަތްތެރިންނަށް ފޯރުކޮށްދެވުމުން މާލޭގައި ތޮއްޖެހިގެން ދިރިއުޅެމުން އަންނަ މީހުންގެ އަދަދު ބޮޑުތަނުން ދަށަށް ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް