ads
ފަތުރުވެރިންތަކެއް ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަނީ
ބޯޑަރު ހުޅުވާލުމާއެކު ރާއްޖެ އަންނަ އިޓަލީ މީހުން ތިބީ ތައްޔާރަށް
ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލްކޮށް ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއި އެކު ރާއްޖެ އަންނަން އިޓަލީގެ ފަތުރުވެރިން ތިބީ ތައްޔާރަށްކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އިން ބުނެފި އެވެ.

އެމްއެމްޕީއާރްސީ އިން ބުނީ ރާއްޖޭގެ ހާލަތު ރަނގަޅުވެ ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމާއި އެކު އިޓަލީގެ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމުގެ ޔަގީންކަން ދިފައި ވަނީ އީޒީ މާކެޓް ޓްރެވަލް ސޮލިއުޝަންގެ ފަރާތުން ބޭއްވި "ވެބިނާ ރިވޮލިއުޝަން މޯލްޑިވް" ގެ ތެރެއިން ކަމަށެވެ. 

އީޒީ މާކެޓް ޓްރެވަލް ސޮލިއުޝަންގެ ޓްރެވަލް އެޖެންޓުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ މި ވެބިނާ ގައި 100 އެއްހާ ޓްރެވަލް އެޖެންޓުން ބައިވެރިވެފައި ވާކަމަށް އެމްއެމްޕީއާރްސީ އިން ބުނެއެވެ. އަދި މި ވެބިނާ ކުރިއަށް ގެންގޮސްފައި ވަނީ އިޓަލީ ބަހުން ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރެ އެވެ. 

އެމްއެމްޕީއާރްސީ އިން ބުނީ ރާއްޖޭގެ ފަތުރުވެރިކަމަށް ހާއްސަ ކޮށްގެން ބުދަ ދުވަހު ކުރިއަށް ގެންދިޔަ މި ވެބިނާގައި ރާއްޖެއާއި ބެހޭ މައުލޫމާތު ހިއްސާ ކުރީ އެ ކުންފުނިން ކަމަށާއި ވެބިނާގެ ބައިވެރިންނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަނެއް ދައްކާފައިވާނެ ކަމަށެވެ.

ރާއްޖޭގެ ގުދުރަތީ ރީތި ކަމާއި ފަތުރުވެރިންނަށް ތަޖުރިބާ ކުރެވެން ހުންނަ އެންމެ ތަފާތު ކަންތައްތައް ވެސް ވެބިނާގައި ހިއްސާކޮށްފައި ވާނެ ކަމަށް އެކުންފުނިން ބުނެ އެވެ. އަދި ވެބިނާގެ ތެރެއިން ކުރިއަށް ދިޔަ ސުވާލާއި ޖަވާބު ސެޝަންގައި އިޓަލީގެ ޓްރެވަލް ޓްރޭޑް ސިނާއަތުން ރާއްޖެއާ ބެހޭގޮތުން އޮޅުން ފިލުވަން ބޭނުންވި ސުވާލުތަކަށް ޖަވާބުދީފައި ވާނެ ކަމަށްވެސް އެމްއެމްޕީއާރްސީ އިން ބުނެ އެވެ. 

އޭގެ އިތުރުން، ވެބިނާގެ ބައިވެރިން ރާއްޖެއާ މެދު ފާޅުކުރި ޝައުގުވެރިކަމުން، ކުރިއަށް އޮތް ތަނުގައި ވެސް އީޓަލީގެ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ ވެގެން ދާނެކަން އެނގިގެންދިޔަ ކަމަށް އެމްއެމްޕީއާރްސީ އިން ބުނެ އެެވެ. އަދި އަލުން ރާއްޖޭގެ ފަތުރުވެރިކަން ހުޅުވާލެވުމުން އިޓަލީގެ ފަތުރުވެރިންނަށް ރާއްޖެއިން މަރުހަބާކިޔަން ތައްޔާރަށް އޮތް ކަމަށްވެސް އެމްއެމްޕީއާރްސީ އިން ވަނީ ވެބިނާގެ ބައިވެރިންނަށް ހިއްސާކޮށްފަ އެވެ.

އިޓަލީގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިދުމަތްދެމުން އަންނަ އީޒީ މާކެޓް ޓްރެވަލް ސޮލިއުޝަން އަކީ އިޓަލީގެ ޓްރެވަލް އެޖެންސީތަކަށް ޗުއްޓީ ޕެކޭޖް ވިއްކަން ފެށި ފުރަތަމަ ކުންފުންޏެވެ.

އެމްއެމްޕީއާރްސީ އިން ވަނީ ކޮވިޑް-19 ގެ ސަބަބުން އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އޮންލައިން ޕްލެޓްފޯމް ތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މާކެޓް ކުރަން ފަށާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް