ads
ނިލަންދޫ ޓަރފް ދަނޑު؛ މިހާރު މަސައްކަތްވަނީ ނިމިފައި
ހޯމް މެޗުތައް ނިލަންދޫގައި ކުޅެން ތައްޔާރު: އަންވަރު
ނިލަންދޫގައި ސަރުކާރުން އަޅައިދިން ޓަރފް ދަނޑުގެ މަސައްކަތް މިހާރު ނިމިފައިވާތީ، ދިވެހި ލީގު ފުޓްބޯޅަ މުބާރާތުގައި، ފ. ނިލަންދޫ ޓީމުން ކުޅެން ޖެހޭ މެޗުތައް ނިލަންދޫގައި ކުޅެން ތައްޔާރުކަމަށް ނިލަންދޫ ސްޕޯޓްސް ކްލަބުގެ ރައީސް އަންވަރު އަލީ ވިދާޅުވެއެއްޖެއެވެ.

ސަރުކާރުން ނިލަންދޫގައި ހެދި ޓަރފު ދަނޑުގެ މަސައްކަތް މިހާރުވަނީ މުޅިން ނިންމާލާފައެވެ.

ރާއްޖޭގެ އެންމެ މަތީ ފެންވަރުގައި، ގައުމީ ޓީމަށާއި ނިއުރޭޑިއަންޓަށް ގިނަ ދުވަސްތަކެއްވަންދެއް ކުޅުއްވި، އަދި މިހާރު ފުޓްބޯޅަ ހިންގުމުގެ ދާއިރާގައި އެންމެ މަތީ ފެންވަރުގައި ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވާ އަންވަރު ވިދާޅުވީ ދިވެހި ލީގުގައި ނިލަންދޫގެ ހޯމް މެޗުތައް ނިލަންދޫގައި ކުޅެން މިހާރު ތައްޔާރުކަމަށެވެ.

ދިވެހި ސަރުކާރުގެ ވިސްނުންފުޅަކީވެސް ފުޓްބޯޅަ މުޅި ރާއްޖޭގައި ކުޅުން، ކުރިން މާލޭ ލީގު ކީނަމަވެސް މިހާރު މުބާރާތުގެ ނަމަކީވެސް ދިވެހި ޕްރިމިއަރ ލީގު. މާނައަކީ ދިވެހި ޕްރިމިއަރ ލީގު މުޅި ރާއްޖޭގައިވެސް ކުޅެވެން ޖެހޭނޭ. ނިލަންދޫގެ ޓަރފް ދަނޑުގެ މަސައްކަތް މިހާރު އެއޮތީ ނިމިފައި. އަޅުގަނޑުމެން މިތިބީ މިހާރު ދިވެހި ލީގުގައި ނިލަންދޫ ކުޅެން ޖެހޭ މެޗުތައް ނިލަންދޫގައި ކުޅެން ތައްޔާރަށް. އަޅުގަނޑުމެން ނަށް މަޢްލޫމާތު ލިބިފައިވޭ އެފްއޭއެމުން ކުރިއަށް ހުރި މުބާރާތްތައް ރާވާއިރު އަތޮޅު ތަކުން އަންނަ ޓީމްތަކަށް ދިވެހި ލީގުގެ ބަދަލު ގައި ޤައުމީ މުބާރާތުން ފުރުޞަތު ދޭން. އެއީ އެންމެ ރަގަޅު ގޮތަކަށް ނުވެދާނެ. އެހެނީ ޢާންމު ކޮށް ޤައުމީ މުބާރާތް މިއޮންނަނީ ސީޒަންގެ އެންމެ ފަހު މުބާރާތު ގެ ގޮތުގައި، އެހިސާބަށް އަންނަ އިރު އެހެންޓީމްތަކުން ވާދަވެރި ގިނަ މެޗް ތަކެއް ކުޅެފައި ވުމަކީ އަތޮޅު ތެރެއިން އަންނަ ޓީމް ތަކަށް ވާދަ ކުރެވޭ ވަރަށް ވުރެ އުދަނގޫ ކަމަކަށް ވުމަކީ އެކަށީގެން ވާކަމެއް.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާރފް ދަނޑުއެޅުމަށް ސަރުކާރުން ފެށި ޕްރޮޖެކްޓުގެ ދަށުން،ފ. ނިލަންދޫ ދަނޑުގެ މަސައްކަތް މިހާރުވަނީ ނިންމާފައެވެ. ސަރުކާރުން އަމާޒުކޮށްފައިވަނީ، ފަސް އަހަރުގެ މުއްދަތެއްގެ ތެރޭގައި އެކި ރަށްރަށުގައި ސަތޭކަ ޓާރފް ދަނޑުއަޅާށެވެ. މީގެ ތެރެއިން ސާޅީހަކަށް ދަނޑުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ.

your imageނިލަންދޫ ސްޕޯޓްސް ކްލަބުގެ ރައީސް އަންވަރު އަލީ

ޕްލޭނިންގ މިނިސްޓްރީގެ ޑެޕިޔުޓީ ޑިރެކްޓަރ ޖެނެރަލް ގެ މަޤާމް ގައިވެސް ހުންނެވި ކުރީގެ މޮޅު ޑިފެންޑަރު އަންވަރު ވިދާޅުވީ ދަނޑުގެ މަސައްކަތް ނިމިފައިވާތީ، ދެން ކުރިއަށް ގެންދާނީ ދަނޑުގެ ޗޭންޖިންގ ރޫމާއި، ރެފްރީޒް ރޫމް ގެ ޖާގަ ތަނަވަސް ކުރުމުގެ މަސައްކަތެވެ. ދަނޑު ގެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި ނިލަންދޫ ޑޭލައިޓް ކްލަބް ގެ ފަރާތުން ކުރަމުންގެންދާ ބުރަ މަސައްކަތަށްޓަކައި ނިލަންދޫ ސްޕޯރޓްސް ކްލަބް ގެ ފަރާތުން ވަރަށް ޚާއްޞަ ޝުކުރެއް ޑޭލައިޓްކްލަބް ގެ އެންމެހާ މެމްބަރުން ނަށް އަރިސް ކުރާވާހަކަ އަންވަރު ވިދާޅުވިއެވެ.  

ދެހާސް ފަނަރަވަނަ އަހަރު، ގައުމީފުޓްބޯޅަ މުބާރާތް، ހދ. ކުޅުދުއްފުށްޓާއި އައްޑު އަތޮޅުގައި ކުރިއަށް ދިޔަ، ނިއުރޭޑިއަންޓްގެ ޑިރެކްޓަރ އޮފް ފުޓްބޯލްގެ ހައިސިއްޔަތުން ނިއު ގޮވައިގެން ކުޅުއްދުއްފުށްޓާއި، އައްޑު އަތޮޅަށް ވަޑައިގެންނެވި އަންވަރު ވިދާޅުވީ، މުޅި ރާއްޖެއަށް ފުޓްބޯޅަ ހުޅުވާލުމަށްޓަކައި، ނިލަންދޫ ނޫނަސް އެހެން ޓީމުތަކަށްވެސް އެ ޓީމެއް ނިސްބަތްވާ ރަށެއްގައި ކުޅުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށެވެ.

ހަގީގަތުގައި ކުޅުންތެރިންނަށް އެ ކުޅުންތެރިންގެ ސަޕޯޓަރުންގެ ކުރިމަތީގައި، އަމިއްލަ ރަށުގައި ކުޅުނީމާ ހޯމް އެޑްވާންޓޭޖްވެސް ލިބޭނީ. ނިމިދިޔަ ސީޒަނަށް ބެލިކަމުގައިވިޔަސް ނިސްބަތުން އެންމެ ގިނަ މީހުން ދަނޑަށް ވަދެފައިވަނީ އަތޮޅު ތެރެއިން އައި ޓީމްތައް ކުޅެފައިވާ މެޗްތަކުގައި. އަނެއްކާ ނިލަންދޫއަށް ބަލާނަމަ، އަންނަ ސީޒަނަކީ އަޅުގަނޑުމެން ދިވެހި ލީގު ކުޅޭ ތިންވަނަ ސީޒަން. ރަށުގައި ތިބެ ނިލަންދޫގެ ހޯމް މެޗުތައް ކުޅުމަކީ ކުޅުންތެރިންވެސް އަދި މުޅި ރަށުގެ ރައްޔިތުންވެސް ކުރަމުން އަންނަ އުއްމީދެއް. ހޯމް އެންޑް އަވޭ އުޞޫލުން ކުޅޭ މެޗް ތަކަށް ބޭނުން ވާ މައިގަނޑު ހުރިހާ ކަމެއް ކޮށްދެއްވާނެކަމަށް ކުޅިވަރާ ބެހޭ ވަޒީރުވަނީ އަޅުގަނޑާއި އެފްއޭއެމްގެ ރައީސް ބައްސާމްގެ ހާޟިރު ގައިވިދާޅު ވެފައި

your imageމިނިވަން ޗެމްޕިއަންޝިޕް އަތޮޅު މުބާރާތުގެ ޝީލްޑާއި އެކު އަންވަރުގެ ދެ ކޮއްކޮ ކަމަށްވާ އަމްޖަދު އަދި އަހްމަދު

ނިލަންދޫއަކީ ދެހާސް އަށާރަވަނަ އަހަރު މިނިވަން ޗެމްޕިއަންޝިޕް އަތޮޅު މުބާރާތާއި ޒޯން މުބާރާތް އަދި މިނިވަން ޗެމްޕިއަންޝިޕްގެ ފަހު ބުރުވެސް ހޯސްޓްކުރި ރަށެވެ. އަދި ދެހާސް އަށާރަވަނަ އަހަރުން ފެށިގެން ނިލަންދޫ ސްޕޯޓްސް ކްލަބުން އަންނަނީ ރާއްޖޭގެ އެންމެ ޓޮޕް ޑިވިޝަން ކަމަށްވާ ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް