ads
-------
މަންމަމެންގެ ދުވަހުގެ ތަހުނިޔާ ކިޔުމުން ނުފުދޭނެ އަމަލުންވެސް ދައްކާ!
މިއަދަކީ ދުނިޔޭގަ ފާހަގަކުރާ މަންމައިގެ ދުވަސްކަމަށް ވާއިރު ވިސްނާލަންވީ ކަމަކީ ހަމައެކަނި ފޭސްބުކަށް ފޮޓޯލައި މޮޅު ބަސްކޮޅެއް ލުމުން މަންމަ ދެކެ ލޮބިވާ ވަރު ބުނެ އަގުވަޒަން ނުކުރެވޭނެ ކަމެވެ.

މިއަދު މުޅި ސޯޝަލް މީޑިއާގައި ފެނިގެންދަނީ މަންމައިންނަށް ހާއްސަ ޕޯސްޓްތަކެވެ. ދުވަހުގެ ތަހުނިޔާ މަންމައިންނަށް ފޮނުވައި މަންމައާއެކު ނަގާފައިވާ ފޮޓޯތައް ހިއްސާކޮށް މަންމަ ދެކެވާ ލޯބި ބަޔާންކުރާ ޕޯސްޓްތަކެވެ. 

މަންމައިން ދެކެވާ ލޯބި ހަމައެކަނި ސޯޝަލް މީޑިއާގައި ހިއްސާކުރުމަކުން ނުފުދެ އެވެ. މިގޮތަށް ފޮޓޯ ހިއްސާކޮށް ލޯބިވާކަން ބަޔާންކުރުމުގެ ބަދަލުގައި ތިމާ އާއި މަންމަގެ ގުޅުން އިތުރަށް ބަދަހިކޮށް މަންމައަށް އަސްލު ދިރިއުޅުމުގައި ލޯތްބާއި އަޅާލުން ދިނުމަށް މަސައްކަތް ކުރާށެވެ. 

މުސްކުޅިވާ ދުވަހު މައިންނަށް ހިތުހުރި ގޮތެއް ހަދައި އެމީހުންގެ ދިރިއުޅުން ކަރުނައިން ތެންމާލާ އެތައް ދަރިންނެއް މިއަދު ވެސް އުޅެމުން އަންނައިރު މިފަދަ ދަރިން ވެސް ވިސްނާލަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ.

އިސްލާމްދީނުގައި މަންމައަށް ދީފައިވާ ދަރަޖަ ވަރަށް ވެސް މަތިވެރިއެވެ. އަދި ދުނިޔެ މިހެން އޮތްހާ ދުވަހުކު މަންމަގެ އަގުވަޒަންކުރާނެކަން އިސްލާމްދީން އެބަ ބުނެދެ އެވެ. އެގޮތުން މަންމަގެ ފައިދަށުން ސުވަރުގެ ލިބޭ ވަހަކައަކީ އެކަމުގެ ދަލީލެކެވެ. އަދި ހެޔޮކޮން ހިތުމުގައި ބައްޕައަށް ވުރެ ތިން ދަރަޖަ މަންމަ މަތިވުމުންވެސް އެކަން ސާފުވެގެންދެ އެވެ.

ކޮންމެއަކަސް މަންމަމެންގެ ދުވަހުގެ ތަހުނިޔާ ފޮނުވަމުން އަންނައިރު ވިސްނާލަމްޖެހޭ ކަމަކީ އެތަށް ދުވަހެއް ވަންދެން ގުޅާވެސް ނުލައި އަދި ގުޅުމުން ފޯނު ބިޒީ ކޮށްލުމަށް ފަހު މިއަދު ހަމައެކަނި މަންމައާއެކު ނަގާފައިވާ ފޮޓޯއެއް ލައި ޕޯސްޓްކުރުމުން މަންމަގެ އަގުވަޒަންކޮށް ފަރުޖައްސާލެވޭނެ ތޯ؟

މަންމަ ގުޅުމުން ބިޒީކަމަށް ބުނެ ފޯނު ބާއްވާތަންވެސް ފެންނަމުން އަންނައިރު މަންމައާ ދިމާލަށް ހިތު ހުރިހާ އެއްޗެއް ގޮވާލަ އެވެ. ތިމާގެ އަނބިމީހާ އަގު ބޮޑުކަމާއި މުހިންމުކަން އެ މަންމައަށް ވުރެ އިސްކުރާތަން މުޖުތަމައުން ފެންނަލެއް މަދެއްވެސް ނޫނެވެ. އަދި ގުޅާ ނުލެވޭތާ މަންމައަށް އެއްޗެއް ދިއްކޮށްލެވެނު ދުވަހެއް ހަނދާން އެބަހުރި ތޯ އެވެ. މީގެ އިތުރުން މަންމަ ބަލި އެނދުގައި އޮވެ ހިދުމަތް ކުރަން ލިބޭ ފުރުސަތުގައި ކޮޅު ފައިންޖަހާ މަންމަ މަގު މައްޗަށް އެއްލާލެވޭ ތަންވެސް މުޖުތަމައުން ފެންލެއް މަދެއްނޫންނެވެ.

މިއަދު މަންމައިންގެ ދުވަސް ފާހަގަކުރާއިރު ވިސްނާލަންވީ ކޮންމެ ދުވަހަކީވެސް މަންމައިންގެ ދުވަސްކަމާއި އެ މަންމައަށް ހެޔޮ ދުއާ އާއި ހެޔޮ ބަސްތަކާއި ހިދުމަތް ކޮންމެ ދުވަހުވެސް ކުރުން އަހަރުމެންގެ މައްޗަށް ވާޖިބުވާ ކަމެވެ.

އަދި މުސްކުޅިވާ ދުވަހު މައިންބަފައިން ބާކީކޮށްލައި އެކަނިކޮށްލުމަކީ ބޮޑުވެގެންވާ ނުބައިކަމެއްކަމެވެ. ﷲ އަށް ޝަރީކު ކުރުން ނަހީކުރުމަށް ފަހުގައި އެކަނލާގެ އަޅުތަކުންނަށް އަމުރު ކުރައްވާފައިވަނީ މައިން ބަފައިންނަށް ހެޔޮކޮން ހިތުމަށެވެ.

ކޮންމެއަކަސް މިއަދު ފާހަގަކުރާ މަންމައިގެ ދުވަހުގެ ތަހުނިޔާއިން ސޯޝަލް މީޑިއާގައި ފުރާލަމުން އަންނައިރު މަންމަ ދެކެ ލޮބިވާކަން އަމަލުން ފެނުން މުހިންމެވެ. އަދި އެ މައިމީހާއަށް އިހުމާލުވެފައިވާ މީހުން މައަފަށް އެދި މަންމައަށް އިހުސާންތެރިވެ އަޅާލުމަށް އަވަސްވެގަތުން މުހިންމެވެ. މަންމަ ހިތުގަ ޖެއްސުމަކީ ކިހާ ވަރެއްގެ ފާފައެއްކަން އެނގި މަންމަގެ މަގާމަށް އެހެން މީހަކު ނުގެންނާށެވެ. މަންމަ ލޯބިވާ ވަރަށް ތިބާދެކެ ހަގީގީ ލޯބި ވާނެ އިތުރު މީހަކު ނުހުންނާނެވެ. މަންމަ ހިތުގައި ނުޖައްސާ ތިބާއަށްޓަކަައި މަންމަ އުފުލި ގުރުބާނީ ހަނދާން ނައްތާނުލާށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް