ads
ކޮރޯނާ ވައިރަސް ޖެހުނު ތުއްތު ކުއްޖާއަށް ފަރުވާ ދެނީ-
ޓެސްޓްކުރެވޭ އަދަދުގެ ބަހުސް އާ އެކު ގައުމުތައް ރަތަށް!
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވިދާޅުވަނީ ދުނިޔޭގެ އެހެން އެއްވެސް ގައުމެެއްގައި ޓެސްޓް ނުކުރާ ވަރަށް އެމެރިކާގައި ކޮވިޑް-19 އަށް ޓެސްޓް ކުރާކަމަށެވެ. އެހެން ނަމަވަސް ހިސާބުތަކުން ފެންނަނީ އެއީ ތެދު ނޫންކަމަށެވެ.

ދިވެހި ސަރުކާރުގެ ކޮވިޑް-19 އާ ބެހޭ ތަރުޖަމާނު މަބްރޫކް އަޒީޒް އެންމެ ފަހުން ވިދާޅުވީ ރާއްޖޭގައި ޓެސްޓް ކުރެވޭ އަދަދު މަދު ނޫންކަމަށެވެ. އަދި މިހާރުވެސް ދުވާލަކަށް ޓެސްޓްކުރެވޭ އަދަދު 300 އިން 600 އަށް އިތުރު ކުރުމުގެ މަސައްކަތް ކުރެވޭ ވާހަކައެވެ.

ގައުމު ތަކުގެ މެދުގައި ޓެސްޓްކުރެވޭ އަދަދުގެ ރޭހެއް ޖެހުމަކީ އެންމެ ރަނގަޅަށް އިންސާފުން ކުރެވިދާނެ ކަމެއްތޯ ބަލާލުމަކީ މުހިންމު ކަމެކެވެ. މަބްރޫކު ވިދާޅުވީ މިސަރަހައްދުން އެންމެ ރަނގަޅު އަދަދަކަށް ޓެސްޓް ކުރަނީ ރާއްޖޭގައި ކަމަށެވެ. ހަމައެކަނި މިހެން ވިދާޅުވުމަކުން ނުނިމޭނެ އެވެ. ސަބަބަކީ މިސަރަހައްދުގެ ގައުމުތަކަށް ބަލާއިރު އިގުތިސާދީ ގޮތުން ނިސްބަތުން ބޮލަކަށް ޖެހޭ އަދަދަށް (ޕާ ކެޕިޓާ އިންކަމް) ބަލާއިރު ރާއްޖެއަކީ އެންމެ ފުދުންތެރި ގައުމެވެ. މިގޮތަށް އިގްތިސާދު މިނެކިރާ އިރު ރާއްޖެ އާއި ކައިރި ކުރާވަރުގެ ގައުމެއްވެސް މިސަރަހައްދުގައި ނެތެވެ.

މަބްރޫކު ވިދާޅުވީ ތެދެ ކެވެ. ޓެސްޓް ކުރެވޭ ނިސްބަތަށް ބަލާއިރު ދިވެހިރާއްޖެ އުޅެނީ މެދު މިންގަޑެއްގައެވެ. ދުވާލަކު ކޮންމެ 800 މީހުންގެ ތެރެެއިން ގާތްގަޑަކަށް އެކަކު ދިވެހިރާއްޖޭގައި ޓެސްޓް ކުރެވެއެވެ. ގިނަ ގައުމުތައް އުޅެނީ މިއަށްވުރެ ފަހަތުގައެވެ. ރާއްޖޭގައި އުޅޭ ބިދޭސީންގެ އާބާދީ އާ އެކު ބަލައިފި ނަމަ، ދުވާލަކު ޓެސްޓް ކުރެވެނީ ގާތްގަޑަކަށް ކޮންމެ 500 މީހުންގެ ތެރެއިން އެކަކެވެ. ޓެސްޓް ކުރުމުގައި އެންމެ ގިނައިން ޓެސްޓް ކުރާ ގައުމު ތަކުގެ ތެރޭގައި ލިތުއޭނިއާ، ނިއުޒީލެންޑް ހިމެނެއެވެ. 

ނިސްބަތުން ރާއްޖެ އުޅެނީ އެމެރިކާ އާއި އިނގިރޭސިވިލާތާ އެއްވަރެއްގައެވެ. މިއަދަދު ތަކަކީ ސައްތައިން ސައްތަ ޔަގީން ކުރެވޭ އަދަދު ތަކެއްނޫނެވެ. މިއީ ލިބެން ހުރި ރަސްމީ ހިސާބުތަކުން އަންދާޒާ ކުރެވިފައިވާ އަދަދުތަކެކެވެ. އެހެންނަމަވެސް މިއީ ޔަގީނާ ގާތްކުރާނެ އަދަދުތަކެކެވެ. މިއީ ޔުނައިޓަޑް ނޭޝަންސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާޒް ގެ ބެލުމުގެ ދަށުން ހިންގާ ސެންޓަ ފޯ ހިއުމަނިޓޭރިއަން ޑޭޓާ ގެ ފަރާތުން އެންމެ ފަހުން އާންމު ކޮށްފައިވާ އަދަދުތަކެކެވެ.

މިހެން މިކަން އޮތްނަމަވެސް، ކުރަން މިއުޅޭކަމަކީ އެންމެ ގިނައިން ޓެސްޓް ކުރަނީ ކޮންބައެއްތޯ ބެލުމެއް ނޫނެވެ. ކޮންމެ ގަައުމަކުންވެސް ބަލަން ޖެހެނީ މިބަލިން އަަަވަހަށް މިންޖު ވެވޭނީ އެގައުމަކުން ކޮންކަމެއް ކޮށްގެންތޯއެވެ. ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން އިން މިއަދު އުޅެނީ 11 މިލިއަން މީހުން 10 ދުވަސްތެރޭ ޓެސްޓްކުރުމުގެ މަސައްކަތް ފަށައިގެންނެވެ. އެމެރިކާއިން ކުރީ ކިހާވަރެއްތޯ ބަލާކަށް އެމީހުން ނޫޅެއެވެ. ހަމަގައިމުވެސް މިބަލި ކޮންޓްރޯލް ކުރުމުގައި އެންމެ ގަދަ ފަދަ ގައުމެއްގެ ގޮތުގައި ފެންނަނީ ޗައިނާއެވެ. 

ރާއްޖެއަކީ ޗައިނާ އާ އެއްވަރު ކުރެވޭނެ ގައުމެއްނޫނެވެ. އެހެން ނަމަވެސް ރާއްޖޭގެ އިގްތިސާދާއި، ރާއްޖޭގެ ރައްތައް ވަކިވަކިން އޮތުމާއި، ތިން ލައްކައެއްހާ މީހުންގެ އާާބާދީ އަށާއި އަދި ސަރުކާރުން މިކަމުގައި ކުރާ ހަރަދަށް ބަލާއިރު ރާއްޖެއަކީ މިބަލި އެންމެ ފަސޭހައިން ކޮންޓްރޯލް ކުރެވެން ޖެހޭ ގައުމޭ ބުނެވިދާނެއެވެ. އަދި މީގެ އިތުރުންވެސް ރާއްޖޭގެ ދައުލަތް ހިންގުމުގެ ހަރަދަކީވެސް ނިސްބަތުން ބޮޑު އަދަދެކެވެ. ދައުލަތް ހިންގުމުގެ ހަރަދު ބޮޑުވުން މާނަކުރެވޭނީ ދިވެހި ރައްޔިތުންގެ ކަންކަން ބެލެހެއްޓޭވަރުގެ ވަސީލަތްތަކެއް ދައުލަތުގައި ވަރަށް ރަނގަޅަށް ގާއިމުވެފައި ހުރުމެވެ. އެހެން ނޫންނަމަ ކުރެވެނީ ބޭކާރު ހަރަދުތަކެކެވެ. ނުވަތަ ކޮންމެވެސް ބަޔަކު ހިޔާނަތްތެެރިވަނީއެވެ.

ރައްޔިތުންގެ ނުތަނަވަސްކަން ހުރި މިދަނޑިވަޅުގައި، ސަރުކާރުން ކޮވިޑް-19 ކޮންޓްރޯލް ކުރަން ކުރާ މަސައްކަތް ދެވަނަ ވިސްނުމަކުން ބެލުމަކީ މުހިއްމު ކަމެކެވެ. ރައްޔިތުންގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިހާރު ކުރެވޭ ހަރަދާއި މަސައްކަތުގެ ނަތީޖާ އެކަށީގެންވާ ގޮތެއްގައި ނުފެންނާނެއެވެ. ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންގެ އަލާމަތް ނުފެނުމަކީ ވަރަށް ސީރިއަސްކޮށް ވިސްނަަންޖެހޭ ކަމެކެވެ. ޓެސްޓް ނުކުރެވޭ އެތައް ބަޔަކު ތިބި އިރު، މިވައިރަސް ހުރިނެތް މީހެއް ނޭނގި، މިބަލި ކޮންޓްރޯލް ވެއްޖެ ކަމުގައި ބަލާނީ ކޮން އިރަކު، ކިހިނެއް ހެއްޔެވެ؟

ޗައިނާގެ ވޫހާންގައި 11 މިލިއަން މީހުން 10 ދުވަސްތެރޭ ޓެސްޓް ކުރަން އަމާޒު ހިފާފައިވަނީ މިސަބަށްޓަކައެވެ. ރާއްޖޭގެ އާބާދީގެ ތިނެއް ނުވަތަ ހަތަރު ލައްކަ މީހުންގެ ޓެސްޓް 1 ބިލިއަން ރުފިޔާ ހަރަދުކޮށްގެވިޔަސް ކުރެވިއްޖެ ނަމަ ވަރަށް ފުރިހަމަ ނަތީޖާއެއް ނެރެވިދާނެ ކަމަށް ބެލެވެއެވެ. މިހާރުވެސް 700 މިލިއަން ވަރަކަށް ރުފިޔާ ދިވެހި ދައުލަތުން ޚަރަދު ކޮށްފައިވާ އިރު މިއަދަދު އިތުރު ވެގެންދާނެ  ވަރެއް ވެސް ނޭނގެއެވެ. މިހާރުވެސް ކުރިން ލަފާކުރި ވަރަށްވުރެން 22 އިންސައްތަ އިތުރަށް ހަރަދުވެފައިވާ ކަން ވަނީ ހާމަކޮއްފައެވެ. އެހެން ކަމުން ޔަގީންކަމާ އެކު ފުރިހަމަ ނަތީޖާއެއް ނެރެވިދާނެ ވިސްނުންތަކެއް ގެންގުޅުމަކީ ބުއްދިވެރި ކަމަކަށް ވާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް