ads
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން--
ކޮވިޑުން ސަލާމަތްވުމަށް ގުޅިގެން މަސައްކަތް ކުރަން ހެލްތު މިނިސްޓަރު ގޮވާލައްވައިފި
ކޮމަންވެލްތް ހެލްތް މިނިސްޓަރުންގެ ވާޗުއަލް ބައްދަލުވުމުގައި މިނިސްޓާ އޮފް ހެލްތު ޢަބްދުﷲ އަމީން ބައިވެރިވެވަޑައިގަންނަވައިފިއެވެ.

ކޮވިޑް19 އިން ސަލާމަތްވުމަށް ކޮމަންވެލްތު ގައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް ހެލްތު މިނިސްޓަރު އަބުދުﷲ އަމީން ގޮވާލައްވައިފި އެވެ.

ކޮމަންވެލްތު ހެލްތް މިނިސްޓަރުންގެ ވާޗުއަލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާޙަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ ދިވެހިރާއްޖޭގެ މީސްކޮޅު ނިސްބަތުން މަދު ނަމަވެސް ރަށްތަށް ބެހިފައި ހުންނަ ގޮތުން ތަފާތު ގޮންޖެހުންތަކެއް ދިމާވާކަމަށެވެ.

" ރާއްޖޭން ވެސް މިކަމަށް ހައްލު ހޯދުމަށް އެހެން ގައުމުތަކާއެކު މަސައްކަތްކުރަން މި އޮތީ ތައްޔާރަށް.  ކޮވިޑުން އަރައިގަތުމަށް ދަތިތަކެއް އެބަހުރި. ނަމަވެސް ގުޅިގެން މަސައްކަތްކޮށްގެން ހައްލު ހޯދިދާނެ،" މިބައްދަލުވުމަކީ، ދެ ވަނަ ފަހަރަށް ރާއްޖެ ކޮމަންވެލްތާ ގުޅުމަށް ފަހު ރާއްޖެއިން ބައިވެރިވި ފުރަތަމަ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވި އެވެ.

ގާތްގަނޑަކަށް ދެ ގަޑިއިރަށް ކުރިއަށްދިޔަ މިބައްދަލުވުން ނިންމާލާފައިވަނީ ހެލްތް މިނިސްޓަރުން އެއްބަސްވާ އެއްބަސްވުމެއް ހުށަހަޅާފަ އެވެ. އެ އެއްބަސްވުމުގައި ކޮވިޑް-19އާ ގުޅިގެން ގައުމުތަކުން ކުރަމުންދާ މަސައްކަތާބެހޭ މަޢުލޫމާތު ބަދަލުކުރުމާއި، ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑަށް އޮތް މީހުންނަށް އިތުރު އަޅާލުން ފޯރުކޮށްދިނުމާއި، އުމުރުން ދުވަސްވީ ފަރާތްތަކާއި، ދިގު މުއްދަތަށް ބޭސްކުރަމުންދާ އެކިއެކި ފަރާތްތަކަށް އިތުރު ސަމާލުކަމެއް ދިނުމަށް ވަނީ އެ ކޮމަންވެލްތު ހެލްތު މިނިސްޓަރުން ނިންމާފައެވެ.

މީގެ އިތުރުން ޑަބްލިޔުއެޗްއޯ އިން ކޮވިޑް-19ގައި ފޯރުކޮށްދެއްވަމުންގެންދަވާ ޓެކްނިކަލް ގައިޑަންސް ފާހަގަކޮށް، މަލްޓި ސެކްޓޯރަލް އެޕްރޯޗެއްގައި މަސައްކަތް ކުރުން މުހިއްކަން ފާހަގަކުރައްވައި ގައުމުތަކަށް ބޭނުންވާ މެޑިކަލް ސަޕްލައިސް ފޯރުކޮށްދެވޭނެގޮތަށް ކަންކަން މަގުފަހިކޮށްދިނުމަށް ވެސް ވަނީ ނިންމާފައެވެ.

މިބައްދަލުވުމަކީ، ރާއްޖެ ކޮމަންވެލްތާއި ގުޅުމަށް ފަހު ރާއްޖެއިން ބައިވެރިވާ ފުރަތަމަ ބައްދަލުވުމެވެ. އަދި މިބައްދަލުވުމަކީ ކޮމަންވެލްތްގެ ހެލްތް މިނިސްޓަރުން ފުރަތަމަ ފަހަރަށް ވާޗުއަލްކޮށް ބާއްވާ ބައްދަލުވުމެވެ. މިއަދުގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަމީން ވަނީ ރާއްޖޭގެ ހާލަތު ވަރަށް ރަނގަޅަށް ބައްދަލުވުމުގައި ހިއްސާ ކުރައްވާފަ އެވެ.

ކޮމަންވެލްތް 57 މެންބަރު ގައުމުގެ ތެރެއިން 27 ގައުމެއްގެ ހެލްތް މިނިސްޓަރުން ބައިވެރިވެ ވަޑައިގެންނެވި ބައްދަލުވުމުގައި ކޮމަންވެލްތުގެ ސެކެޓްރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލަންޑް ވިދާޅުވީ މިވަގުތަކީ ހުރިހާ ގައުމުތަކުންވެސް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހިފައިވާ ދަނޑިވަޅެއް ކަމަށެވެ. 

ކޮމަންވެލްތްގެ ހެލްތް މިނިސްޓަރުން ފުރަތަމަ ފަހަރަށް ވާޗުއަލްކޮށް ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ކޮމަންވެލްތުގެ ސެކެޓްރީ ޖެނެރަލް ވަނީ ފްރަންޓްލައިންގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ފްރަންޓްލައިންގައި މަސައްކަތްކުރުމުގެ ތެރޭގައި ދުނިޔެ ދޫކޮށްދިޔަ ފަރާތްތަކުގެ ހަނދާނުގައި އެއް މިނެޓްގެ ސުކޫތެއް އެ ބައްދަލުވުމުގައި ގެނެވުނެވެ.

މިބައްދަލުވުމުގައި ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ގެބްރިއާސަސް ވިދާޅުވީ ޕްރައިމަރީ ހެލްތް ކެއާ އަށް ގައުމުތަކުން ދެއްވާ އަހަމިއްޔަތު މިއަށްވުރެ ބޮޑަށް ހަރުދަނާކުރައްވަން ޖެހިއްޖެކަމަށާއި އަދި ގައުމުތަކުން ޕަބްލިކް ހެލްތްގެ ރޮނގުން ހޯދާފައިވާ ކުރިއެރުންތަށް ދެމެހެއްޓޭނެގޮތަށް ކަންކަން ބައްޓަންކުރައްވައި، މިކަންކަމަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.

"މިދަނޑިވަޅަކީ، ގައުމުތަކުގެ މެދުގައި ގުޅުން ހަރުދަނާކުރުމަށް ބާރުއަޅަންޖެހޭ ވަގުތެއް. އަދި ގައުމުތަކުގެ އެތެރޭގެ ހިޔާލު ތަފާތުވުންތައް ނައްތާލައި އެއްބައެއްގެ ގޮތުގައި މަސައްކަތްކުރަން ޖެހިފައިވާ ވަގުތެއް،" ކޮމަންވެލްތުގެ ސެކެޓްރީ ޖެނެރަލުގެ ވާހަކަތަކަށް އިޝާރާތް ކުރައްވާ ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ވިދާޅުވި އެވެ.

އާއްމުގޮތެއްގައި ކޮމަންވެލްތް ހެލްތް މިނިސްޓަރުންގެ ބައްދަލުވުމަކީ ކޮންމެ އަހަރަކުވެސް ބޭއްވޭ ވޯލްޑް ހެލްތް އެސެމްބްލީގެ ކުރިން ޖެނީވާގައި ބާއްވާ ބައްދަލުވުމެކެވެ. ނަމަވެސް މިފަހަރު ކަންދިމާކުރިގޮތުން، މިބައްދަލުވުމުގައި ގައުމުތަކުން ބައިވެރިވެ ވަޑައިގެންނެވި އެބޭފުޅުން ބައިވެރިވެ ވަޑައިގެންނެވީ އަމިއްލަ ގައުމުގައި ހުންނަވައިގެން ވާޗުއަލްކޮށެވެ. މިއީ ކޮމަންވެލްތު ހެލްތު މިނިސްޓަރުގެ ބައްދަލުވުމެއް ފުރަތަމަ ފަހަރަށް ވާޗުވަލްކޮށް ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.

ކޮމަންވެލްތް ހެލްތް މިނިސްޓަރުންގެ ބައްދަލުވުމުގައި ރާއްޖޭން އެންމެ ފަހުން ބައިވެރިވީ 2016ގައި ޖެނީވާއިގައި ބޭއްވުނު ބައްދަލުވުމުގައެވެ. 

ރައީސް ޔާމީނުގެ ވެރިކަމުގައި ރާއްޖޭން އަމަލު ކުރަމުންދިޔަ ގޮތާ މެދު ކަން ބޮޑުވުންފާޅުކޮށް ރާއްޖެ އަށް އިސްލާހު ގެންނަންޖެހޭކަމަށް ބުނެ ކޮމަންވެލްތުން ފާޅުގައި ވާހަކަ ދައްކަން ފެށުމުން ރައީސް ޔާމީން ވަނީ ކޮމަންވެލްތުން ވަކިވެފައެވެ. އެއަށް ފަހު ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި ރާއްޖެ ހަމަ ޖެހިގެންދިޔައީ ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ އަހަރު ތެރޭގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް