ads
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު---ފޮޓޯ: ރައީސް އޮފީސް
"ޒުވާނުންގެ ދުވަހަކީ އޮކްޓޫބަރު 22"
އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހަކީ، ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ކަނޑައަޅުއްވައިފިއެވެ.
އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހަކީ، ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ކަނޑައަޅުއްވައިފިއެވެ.

މިގޮތަށް ކަނޑައެޅުއްވީ، ޒުވާނުންގެ ދުވަސް ފާހަގަކުރައްވާނެ ތާރީހެއް ކަނޑައެޅުއްވުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާއަށް އެރުވި ލަފާފުޅުގެ މައްޗަށް ރިއާޔަތް ކުރެއްވުމަށްފަހުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

22 އޮކްޓޫބަރަކީ މީގެ 12 އަހަރު ކުރިން ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ 185 ވަނަ ޖަލްސާއިން، ޢުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް އިންތިހާބުތަކުގައްޔާއި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ހައްގާއި އިންތިހާބުތަކުގައި، އެކިއެކި މަގާމުތަކަށް ކުރިމަތިލުމުގެ ހައްފާއި، އެ މީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއެކު އިހްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް، ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގު ލިބިދިނުމުގެ މާއްދާ ފާސްކުރެއްވި ތާރީޚީ ދުވަސް ކަމަށްވެސް ރައީސް އޮފީހުން ހާމަކުރެއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކައިގައި ވޯޓު ދިނުމުގެ ހައްގާއި، އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގަކީ ޒުވާނުންނަށް ލިބިފައިވާ ވަރަށް މުހިންމު ހައްގެއްކަން ފާހަގަކުރެއްވިއެވެ. އަދި މިކަން މިހެން އޮތުމާއެކު، ޒުވާނުންގެ ދުވަސް ފާހަގަކުރުން އެންމެ އެކަށީގެންވާ ދުވަހަކީ، ރައްޔިތުންގެ ހާއްސަ މަޖިލީހުން ޤާނޫނުއަސާސީގެ އެ މާއްދާ ފާސްކުރެއްވި ދުވަސް ކަމަށާއި، އޭރު އެގޮތަށް ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްވެގެންދިޔައީ، ހާއްސަ މަޖިލީހުގެ މެންބަރުން ވެވަޑައިގެންނެވި ގުރުބާނީއާއި، ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތަކުގައިވެސް ދޫނުދެއްވައި ކުރެއްވި ބުރަ މަސައްކަތްތަކުގެ ނަތީޖާގެ ސަބަބުންކަން މެންބަރުން ފާހަގަކުރެއްވިއެވެ.

މީގެކުރިން ޒުވާނުންގެ ދުވަސް ފާހަގަކުރައްވަމުން ގެންދެވި ތާރީހު، އެކިފަހަރުމަތިން ވަނީ ބަދަލުކުރައްވާފައެވެ. މިގޮތުން، އެންމެ ފުރަތަމަ ގައުމީ ފެންވަރުގައި ޒުވާނުންގެ ދުވަސް ފާހަގަކުރައްވާފައިވަނީ 1 މާރިޗު 1992 ގައެވެ. އޭގެފަހުން ދުނިޔޭގެ ޒުވާނުންގެ ދުވަސް ކަމަށްވާ އޮގަސްޓު މަހުގެ 12 ވަނަ ދުވަސް އެއީ ރާއްޖޭގެ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރައްވަމުން ގެންދެވިއެވެ. އަދި ފަހުން މި ދުވަސް ފާހަގަކުރައްވަމުން ގެންދަވާފައިވަނީ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

2020 ވަނަ އަހަރުން ފެށިގެން ޒުވާނުންގެ ދުވަހަކީ، އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަސް ކަމަށް ނިންމެވުމާ ގުޅިގެން، އަންނަ އަހަރު އެ ދުވަސް ވަރަށް ކުލަގަދަގޮތެއްގައި ފާހަގަކުރެއްވުމަށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގެވުމަށްވެސް ވަނީ ނިންމަވާފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް