ads
ވިލިވަރު ކަރަންޓީން ފެސިލިޓީ--
14 ދުވަހުން ވިލިވަރުގައި 200 އެނދުގެ ކަރަންޓީން ފެސިލިޓީއެއް
ބިދޭސީން ކަރަންޓީން ކުރުމަށް ހާއްސަކޮށް ވިލިވަރުގައި ހެދި ކަރަންޓީން ފެސިލިޓީގެ މަސައްކަތް ނިމިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އިސް ނަގައިގެން ވިލިވަރުގައި އެންމެ ފުރަތަމަ ގާއިމުކުރީ 30 ކޮޓަރީގެ ތަނެކެވެ. އެތަނުގައި ދިވެހިންނާއި ރާއްޖޭގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިން ވެސް ކަރަންޓީން ކުރި އެވެ. އެކަމަކު އެތަނުގައި ހިނގި އަލިފާނުގެ ހާދިސާއާއެކު އެރަށުގައި ތިބި މީހުން އެކި ފެސިލިޓީތަކަށް ބަދަލުކޮށް ވިލިވަރުގައި މީހުން ކަރަންޓީންކުރުން މެދުކަނޑާލި އެވެ. 

ޓޫރިޒަމް މިނިސްޓްރީ އާއި ފެނަކަ ކޯޕަރޭޝަން ގުޅިގެން ވިލިވަރުގައި ހަދަން ފެށި ކަރަންޓީން ފެސިލިޓީގެ މަސައްކަތް ނިމިފައިވާކަން ހާމަކޮށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު މިއަދު "ސީއެެންއެމް" އަށް ވިދާޅުވީ 200 އެނދުގެ މި ކަރަންޓީން ފެސިލިޓީގެ މަސައްކަތް ނިންމާލާފައި ވަނީ 14 ދުވަހުގެ ތެރޭގައި ކަމަށެވެ. 

ބިދޭސީން ކަރަންޓީން ކުރަން ހެދިފައިވާ މި ތަން ހުންނާނީ ވަކިވަކި ކޮޓަރިތަކަކަށް ބަހާލާފައެއް ނޫނެވެ. އޭގެ ބަދަލުގައި ބޮޑު ތަނެއްގައި ގިނަ އެނދުތަކެއް ޖަހާފައި ހުންނައިރު މިތަނަކީ އޭސީކޮށްފައި ހުންނަ ތަނެކެވެ. އަދި ޓީވީ ބެލޭނެ އިންތިޒާމާއި ވައި ވެސް މިތަނުން ލިބޭނެ ކަމަށް ސައީދު ވިދާޅުވި އެވެ. 

އޭގެ އިތުރުން އެމީހުންނަށް އެއްޗެހި ދޮވެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މެޝިން ވެސް ބެހެއްޓިފައި ހުންނާނެކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ އެތަނަކީ އިންސާނީ ކަރާމާތާއި އެމީހުންގެ ހައްގުތައް ރައްކާތެރިވާނެ ގޮތަށް ހަދާފައިވާ ފެސިލިޓީއެއް ކަމަށެވެ. 

"މިތަނަކީ އެމީހުންގެ ކަރާމާތާއި ހައްގުތައް ވެސް ނުގެއްލޭ ގޮތަށް ހެދިފައި ހުރި ތަނެއް. ފާހާނާ ވެސް ހުންނާނީ އެންމެ ޒަމާނީ ފެންވަރަށް ހެދިފައި،" ސައީދު ވިދާޅުވި އެވެ.

your imageވިލިވަރު ކަރަންޓީން ފެސިލިޓީ-- ފޮޓޯ: ފެނަކަ

ސައީދު އިތުރަށް ވިދާޅުވީ ވެންޓިލޭޓަރުގެ އިތުރުން ވެސް މެޑިކަލް އިކުއިޕްމަންޓްސް އެތަނުގައި ހުންނާނެ ކަމަށެވެ. އަދި އެތަނަކީ 24 ގަޑިއިރު މޮނިޓާކުރެވޭނެ ތަނެއް ކަމަށާއި ސެކިއުރިޓީ ވެސް ވަރުގަދަކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ. 

ސައީދު ވިދާޅުވި ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހާއްސަ ބެއްލެވުމުގެ ދަށުން އެ ކަރަންޓީން ފެސިލިޓީ ގާއިމުކުރެވުނުއިރު ދިވެހިންނާއި ބިދޭސީ މަސައްކަތްތެރިންނާއި މެދު ތަފާތުކުރުމެއް ގެންގުޅުއްވަން ރައީސް ބޭނުންފުޅެއް ނުވެ އެވެ.

your imageވިލިވަރު ކަރަންޓީން ފެސިލިޓީ-- ފޮޓޯ: ފެނަކަ

ވިލިވަރު ކަރަންޓީން ފެސިލިޓީގެ މަސައްކަތް ނިމިފައިވާއިރު އެތަނަށް ބިދޭސީން ބަދަލުކުރުމުގެ މަސައްކަތް މާދަމާ ކުރާ ގޮތަށް އޮތީ ކުރިން ނިންމާފަ އެވެ. އެކަމަކު މޫސުން ގޯސްވުމުގެ ސަބަބުން މާދަމާ އެކަން ކުރެވޭނެކަން އަދި ކަށަވަރުނުވާ ކަމަށް ސައީދު ވިދާޅުވެ އެވެ.

"ޓޫރިޒަމް މިނިސްޓްރީން މި ކުރާ މަސައްކަތުގައި ފެނަކައިން ވެސް ބައިވެރިވާއިރު މިކަމުގައި އަދިވެސް އިތުރު ފަރާތްތަކުގެ އެހީތެރިކަން އަޅުގަނޑުމެންނަށް ދަނީ ލިބެމުން،"

ކޮވިޑް-19 ފެތުރެން ފެށުމާއެކު ތޮއްޖެހިފައި މިވާ މާލެއިން ބިދޭސީ މަސައްކަތްތެރިން ބޭރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ހުޅުމާލެ އާއި ގުޅީފަޅުގައި ވެސް ބިދޭސީންނަށް ހާއްސަ ފެސިލިޓީތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އެފަދަ ބައެއް ތަންތަނަށް މީހާރު ވެސް ވަނީ މީހުން ބަދަލުކޮށްފަ އެވެ. 

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1020 އަށް މިހާރު އަރާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 352 ދިވެހިންނާއި 532 ބަންގްލަދޭޝް ރައްޔިތުންނެވެ. ރާއްޖެއިން މި ބަލިން 46 މީހަކު ރަނގަޅުކުރެވިފައިވާއިރު އެ ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް